މިތުރާ ގަޔާވެލީ... 39

"އަހަރެންގެ ވައިފް ކަން ހަނދާން ނެތުނީތަ؟..." އިކާން ލާނެތް އަޑަކުން ސުވާލުކުރުމުން، ރޫބީއަށް އަވަސް ނަޒަރެއް ދެވުނީ ކާރު ދުއްވަން އިން ފަޒާލަށެވެ. ******** "އޯކޭ އޯކޭ... މިކުއްޖާ ލަދުގަންނަ ވަރެއް ބަލާލާހިތްވީ..." އިކާން ހެމުން ރޫބީގެ އަތުން ދޫކޮށްލިއެވެ. ރޫބީ މަޑުމަޑުން އިކާންގެ ކައިރިއަށް ޖެހިލާފައި ކޮނޑުގައި ބޯއަޅައިލިއެވެ. ރޫބީ އެފަދަ ކަމެއް ކޮށްފާނެކަމަށް ނުވިސްނާ އިން އިކާން ލާން އުޅުނު ނޭވާގެ މަތިންވެސް ހަނދާންނެތުނެވެ. ރޫބީގެ ގައިގައި ހިފަހައްޓާލިއިރު، އިކާންގެ މޫނުން ފެނުނީ އުފާވެރިކަމެވެ. "ގެއަކަށް ނޫންތަ މި ދަނީ؟.." ކާރުގެ މިސްރާބު ހުރިގޮތުން ރޫބީއަށް ސުވާލުކޮށްލެވުނެވެ. "ޔެސް... ސަޕްރައިޒްއެއް... ތާޓީ މިނެޓްސް ވާނެ.. ނިދާލާ..." އިކާން އެދުނެވެ. "އޯކޭ...." ރޫބީ ލޯ މަރައިލިއެވެ. ލޯގަނޑުން އެމަންޒަރު ބަލަން އިން، ފަޒާލަށް ބޭއިހުތިޔާރުގައި ހެވުނެވެ. ކުރިން ރޫބީއާއި ގަޔާނުވި ނަމަވެސް، މިއަދު އިކާންގެ ނިންމުމަށް އޭނާއަށް ތާއީދު ކުރެވުނެވެ. ރޫބީ އެ ހަޔާތަށް އައުމުން، އިކާންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ. އިކާންގެ ހަޔާތުން ގެއްލިފައިވާ އުފާވެރިކަން އަނބުރާ އައިސްފިއެވެ. ފަޒާލަށް އެންމެ މުހިއްމީ އިކާންގެ އުފާވެރިކަމެވެ. މަޑު ދުވެއްޔެއްގައި ދަތުރުކުރަމުންދިޔަ ކާރުގެ މިސްރާބު ހުރީ، ހުޅުމާލެއަށެވެ. ބުރިޖަށް އެރިއިރުވެސް އިކާންގެ ކޮނޑުގައި ބޯ އަޅައިލިގޮތަށް ރޫބީއަށް އިނީ ނިދިފައެވެ. ކާރުގެ ދުވެލި ބާރުކޮށްލުމުންވެސް ރޫބީއަށް ހޭލެވޭގޮތެއް ނުވިއެވެ. އިކާން އިނީ އެއަށްވުރެ ބާރަށް ރޫބީގެ ގައިގައި ހިފަހައްޓާލައިގެންނެވެ. ވެފައިވާ ވަރުބައްޔާއިއެކު، އިކާންގެ ހިމާޔަތް ލިބުމުން، ރޫބީއަށް ރައްކާތެރިކަން އިހުސާސްވީއެވެ. ފަތިހުގެ ހިތްގައިމު ވަގުތު އުޑުމަތި ފެންނަން އޮތީ، ހިތްފަސޭހަ ގޮތަކަށެވެ. ބުރިޖުމަތީގައި ދުއްވާ އެއްޗެހި މަދެވެ. އެ ހުރިހާ ކަމަކަށްވުރެ ބޮޑަށް އިކާނަށް އިސްކަން ދެވުނީ ރޫބީއަށެވެ. އޭނާއަށް ގިނައިން އިނދެވުނީ ރޫބީގެ ލޯބި މޫނަށް ބަލާށެވެ. ކާރު ހުއްޓީ، ރީތިކޮށް ހަދާފައި ހުރި އިމާރާތެއްގެ ކުރިމައްޗަށެވެ. އިމާރާތުގެ ތިރީ ބައިގައި ރެސްޓޯރެންޓެއް ހުރިއިރު، މަތީބައި ހާއްސަކޮށްފައި ހުރީ، ފަތުރުވެރިން ތިބޭ ބައެއްގެ ގޮތުގައެވެ. "ރުކެމަލާ ހޮޓެލް" އަކީ ހުޅުމާލޭގެ އެންމެ އަގުބޮޑު އެއް ޓޫރިސްޓް ހޮޓަލެވެ. އިމާރާތުގެ ކުރިމަތީގައި އޮތް މަގުގެ އަނެއް ފަރާތުން އަތިރިމަތި ފެންނަން އޮވެއެވެ. ސާފު މޫދާއި ހުދު ދޮންވެލިގަނޑުގެ ހިތްގައިމުކަމުން އުފާ ހޯދަމުންދިޔަ ފަތުރުވެރިން އެކި ދިމަދިމާލުގައި ތިއްބެވެ. އިރު އެރުމަށް ތައްޔާރުވަމުންދިޔަ ވަގުތުކަމުން، އެ މަންޒަރު ބަލަން ބޭނުންވެގެން ގިނަ ބަޔަކު އަތިރިމައްޗަށް ޖަމާވަމުން ދިޔައެވެ. ކާރު ހުއްޓިނަމަވެސް އިކާން ފައިބާކަށް ނޫޅުނެވެ. ރޫބީ ނިދާލާފައި އޮތްލެއް އަރާމުކަމުން، ރޫބީގެ ނިދި ހަލާކުކޮށްލަން ބޭނުން ނުވީއެވެ. ފަޒާލް ދެތިން ފަހަރަކު އެއްޗެއް ބުނަން އުޅުމުންވެސް އިކާން އެކަން ހުއްޓުވިއެވެ. ހޮޓެލްގެ ދޮރުމަތީގައި ހުރި ގާޑު މީހާ ހަލުވި ފިޔަވަޅުތަކެއްގައި އައިސް ޑްރައިވަރު އިން ދިމާއިން ދޮރުގައި ޓަކި ޖަހައިލިއެވެ. ފަޒާލް ބިއްލޫރިގަނޑު ތިރިކޮށްލީ އިކާންގެ ހުއްދަ ލިބުމުންނެވެ. "ވަރަށް ބޮޑަށް މާފު ކުރައްވާ! މިތާ ޕާކެއް ނުކުރެވޭނެ..." ގާޑުމީހާ ބުނެލިއެވެ. ކާރެއްގެ ބަރުގޮނުގެ އަޑަށް ރޫބީ ސިހިފައި ފުންމައިގެން ތެދުވިއެވެ. ވާނުވާ ނޭނގިފައި ވަށައިގެން ނަޒަރު ހިންގައިލިއެވެ. ރޫބީގެ ހުދުހުދު ދެލޮލުގައިވީ މަޑު ރަތްކަމެވެ. ނިދި ފުރިހަމަނުވާ ކަމުގެ އަސަރުތަކެވެ. އެންމެން ބަލަން ތިބި ތަން ފެނުމުން، ރޫބީ ލަދުގަތެވެ. އަވަހަށް މޫނު ފޮރުވިއެވެ. "ވަރަށް ބޮޑަށް މާފަށް އެދެން..." ރޫބީ ކާރުން ފޭބުމުން ގާޑުމީހާ އިހުތިރާމާއިއެކު ބުނެލިއެވެ. "އެއީ މައްސަލައެއް ނޫން...." ރޫބީ ހިނިތުންވެލިއެވެ. ރޫބީއާއި އިކާން އޭރުވެސް ތިބީ ކައިވެނީގެ ހެދުމުގައެވެ. އެތެރެއަށް ވަނުމާއިއެކު ތަނުގައި ތިބި އެންމެން ހޫނު މަރުހަބާއެއް ކިޔެވެ. ރޫބީ ލަދުން ހުރި ނަމަވެސް، އިކާން އެންމެންނަށް ޝުކުރު އަދާކުރިއެވެ. "ރޫމްގަތޯ ބްރޭކްފާސްޓް؟.." ކައުންޓަރުގައި އިން ކުއްޖާ އަދަބުވެރިކަމާއިއެކު ސުވާލުކުރިއެވެ. "ފްރެޝްވެލައިގެން ތިރިއަށް އަންނާނީ ދޯ؟..." ރޫބީގެ ފިނިވެފައިވާ އަތްތިލައިގައި ހިފައިލަމުން އިކާން ސުވާލުކުރިއެވެ. ރޫބީ ބޯ ޖަހައިލިއެވެ. "ބޮސް ވިދާޅުވެފަ އޮތީ، ތިބޭފުޅުންނަށް ވަރަށް ރަނގަޅަށް ހުރިހާ ކަމެއްވެސް ކޮށްދޭން... އެއްވެސް ކަމެއް ދަތިވަންޏާ، އަޅުގަނޑުމެންނަށް އިޝާރާތްކޮށްލަދެއްވާ!" ކައުންޓަރުގައި އިން ކުއްޖާ ބުނެލިއެވެ. "މިތާ އޯނަރު އެއީ އަހަރެންގެ ރައްޓެއްސެއް... ޔޫރަޕް މީހެއް... ދިމާވެލަންވާނެއެއްނު..." ލިފްޓަށް އަރަމުން އިކާން ބުނެލިއެވެ. އޭރުވެސް އިކާން ހުރީ ރޫބީގެ އަތުގައި ހިފާލައިގެންނެވެ. ރޫބީ ހުރީ ފިނިވެފައެވެ. ލިފްޓް މައްޗަށް އަރަމުންދިޔަ ވަރަކަށް އޭނާ ހާސްވާން ފެށިއެވެ. ކައިވެނި ކުރެވުނު ނަމަވެސް، އިކާނާއިއެކު އެކަނިވާން ރޫބީގެ ހިތް ބިރުގަންނަނީއެވެ. ވާނެގޮތެއް ނޭނގޭތީ، ހާސްވަނީއެވެ. ލަދުގަންނަނީއެވެ. އެކަން ނުދައްކަން އުޅުނަސް، ރޫބީގެ މޫނުން ހުރީ، ހުރިހާ އަސަރެއް ފެންނާށެވެ. "މީ އިނގޭތޯ ރޫމް... މިކޮޅުގެ އެންމެ ބެސްޓް ރޫމް..." ހޮޓެލްގެ މުވައްޒަފު ކާޑު ޖައްސާފައި ކޮޓަރީގެ ދޮރު ހުޅުވިއެވެ. "މިކޮޅުގަ ޕްރައިވެޓް ސްވިމިންގް ޕޫލް ހުންނަ ހަމައެކަނި ކޮޓަރި މީ..." ތަނަވަސް ކޮޓަރިއެކެވެ. މުވައްޒަފު ބުނިހެން ކޮޓަރީގެ ރީތި ކަމާއި ޝާހީކަމުން، ރޫބީ ހުރީ އާޝޯހުވާވަރު ވެފައެވެ. ކޮޓަރި ތެރެއިން ބެލްކަންޏަށް ނުކުންނައިރު، އެތަނުގައި ސްވިމިންގް ޕޫލެއް އޮތެވެ. ފެންގަނޑު ސާފުކަމުން، ރޫބީ ބޭނުންވީ ވަގުތުން ޕޫލަށް ފުންމައިލާށެވެ. ފަތިހުގެ ވަގުތުކަމުން ތަނުގައިވީ ތެތް ފިނިކަމެވެ. ފަޒާގައިވީ ފަނޑު އަލިކަމެކެވެ. މުވައްޒަފު ސްވިޗް ޖައްސައިލުމާއިއެކު، ތަނުގެ ވަށައިގެން ހުރި ބޮކިތައް ދިއްލުނެވެ. ގަސްތަކުގެ ތެރެއިން ފުރޭނިގެން އެޅިފައިވާ އޮރެންޖް އަލިން ތަނަށް ދިރުން ގެނުވިއެވެ. "ރޫމް ކިހިނެއްތޯ؟ ހިތްހަމަޖެހޭތޯ؟" މުވައްޒަފު ސުވާލުކުރީ އިކާނަށެވެ. "އަހަރެންގެ ވައިފް ހިތްހަމަޖެހެންޏާ، އަހަރެންވެސް ހިތްހަމަޖެހޭނެ..." އިކާންގެ ޖަވާބު އިވިފައި ރޫބީގެ ހިތަށް ފިނިވެގެން ދިޔައެވެ. "ކޮޓަރި ވަރަށް ރީތި.." މުވައްޒަފު ރޫބީއަށް ބަލަން ހުރުމުން ރޫބީ ބުނެލިއެވެ. "ފޮށިތައް އެހުރީ ކޮޓަރިއަށް ވައްދާފަ.. އަޅުގަނޑު ދެން ގޮސްލީ..." މުވައްޒަފު ނުކުމެ، ދޮރު ލައްޕައިލިއެވެ. އިކާން ބެލްކަންޏަށް ނުކުތްއިރު ރޫބީ އިނީ ޕޫލުގެ ފެންގަނޑާއި ކުޅޭށެވެ. ރޫބީގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަން އިކާންގެ ހިތް އުފަލުން ފުރާލަދިނެވެ. ރޫބީގެ ހަރަކާތްތަކަށް ބަލަން އިކާން އެތައް އިރަކު އިނެވެ. އަރައިގެން އައި އިރުގެ ދޯދިތަކުން މުޅި ތަން ދިއްލައިލިއެވެ. ރޫބީ އުޅުނީ އިންތަނުން ތެދުވާށެވެ. ލައިގެން ހުރި ބޮޑު ހެދުމުގެ ފަސްބަޔަށް އެރިފައި ރޫބީ އަރިއަޅައިލީ ސީދާ ޕޫލުގެ ތެރެއަށެވެ. ފެންގަނޑުގައި ޖެހުމާއިއެކު މުޅި ތަނުގައި ގުގުމައިލީ ރޫބީގެ ތޫލި ހަޅޭކުގެ އަޑެވެ. އިކާން ދުވެފައި ގޮސް ޕޫލަށް ފުންމައިލެވުނު ގޮތްވެސް ނޭނގުނެވެ. ******** ގެއަށް ނުދާންވެގެންތަ މިތާ ތިހުރީ؟..." ޔަޒްދާން ސުވާލުކުރީ ހިޔާލަކަށް ގެއްލިފައި ހުރި ނަޖާތަށެވެ. އެންމެން ދިޔައިރުވެސް ނަޖާތު ހުރީ ހޮސްޕިޓަލުގެ ގޯތިތެރޭގައި ހުރި ތަނބެއްގައި ލެނގިލައިގެންނެވެ. މޫނުން ފެންނަމުންދިޔައީ މާޔޫސްކަމެވެ. ޔަޒްދާންގެ އަޑެއް ނަޖާތަކަށް ނީވެއެވެ. އޭނާ ވިސްނީ، ގޮސް ވަންނާނެ ތަނަކާއި މެދުގައެވެ. މިއަދު ނަޖާތު ގޮސް ވަންނާނެ ތަނެއް ނެތެވެ. ރޫބީގެ ކައިރީގައި ގެއެއް ކުއްޔަށް ނެގިކަމަށް ބުނެ، މޮޅު ވާހަކަ ދެއްކި ނަމަވެސް، ހަގީގަތަކީ ނަޖާތު އުޅޭނެ ތަނެއް ނެތްކަމެވެ. އަތުގައި ފައިސާއެއް ނެތެވެ. ނަޖާތު ފޯނު ނެގިއެވެ. ކޮންމެވެސް ނަންބަރަކަށް ގުޅިއެވެ. ފޯނެއް ނުނެގިއެވެ. ދެވަނަ އަދި ތިންވަނަ ނަންބަރަށްވެސް ގުޅިއެވެ. "ވަރަށް ބޮޑު ކަމަކު..." ނަޖާތުގެ މަސައްކަތް ކާމިޔާބުވީ ވަރަށް ގިނައިރު ފަހަރަކު ނަންބަރަކަށް ގުޅައިގެންނެވެ. "ނެތްތަ ނިދާލެވޭނެގޮތެއް... ސެލަރީއެއް ލިބުނީމަ ޕޭކޮށްލާނަން..." ފޯނު ބޭއްވިއިރު، ނަޖާތުގެ މޫނުން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ގައިގައި އެއްވެސް ވަރެއް ނެތް ކަހަލަ ގޮތަކަށް ނަޖާތު ތެދުވިއެވެ. ހޮސްޕިޓަލުގެ ތެރެއިން ނުކުމެގެން ހިނގަމުން ދިޔައީ ވަކި މިސްރާބެއް ނެތިއެވެ. ނަޖާތުގެ ފަސްފަހަތުން ހިނގަމުންދިޔަ ޔަޒްދާންގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އެންމެންގެ ކުރިމަތީގައި ހިތާމަތައް ސިއްރުކޮށްގެން ހުއްޓަސް، ނަޖާތުގެ ހިތް އޮތީ ފިސްފިސްވެފައެވެ. ޔަޒްދާން ނަޖާތަށް ގުޅިއެވެ. ދެތިން ރިންގާއިއެކު ފޯނު ނެގިއެވެ. "އެއްކޮށް ކޮފީއަކަށް ގޮސްލާނެ މީހަކު ނުވެގެން ގުޅާލީ... ބިޒީތަ؟.." ނަޖާތުގެ ހަރަކާތްތަކަށް ބަލަން ހުރެ، ޔަޒްދާން ސުވާލު ކުރިއެވެ. "ހަނދާންވަނީދޯ؟.... ދެން އެކަމާ ނުވިސްނައްޗޭ!... މިހާރު އެއީ އިކާންގެ ވައިފް.." ނަޖާތު ވާހަކަދެއްކީ ދިމާކުރާ ކަހަލަ ރާގަކަށެވެ. "އަހަންނާ ދޭތެރޭ ހަމްދަރުދީއެއްވެސް ނުވަންތަ؟... ތިހާ ހިތް ހަރުކުރާކަށް ނުވާނެ..." ޔަޒްދާން ދެރަވާކަމަށް ހެދުނެވެ. "ތި ހިތަށް ތަދުކޮށްގެންވެސް އެކުއްޖާމަތިން ހަނދާންނެތޭވަރު ކޮށްފިއްޔާ އޯކޭއެއްނު..." ނަޖާތު ހީގަތެވެ. "ޗެލެންޖްކުރަން ކެރޭނެ؟..." ޔަޒްދާން ގަދަކޮށްލިއެވެ. "ކޮންތާކަށް ދާންވީ ކޮފީއަކަށް..." ނަޖާތު މައުޟޫޢު ބަދަލުކުރިއެވެ. ޔަޒްދާން ވަށައިގެން ނަޒަރު ހިންގައިލިއެވެ. ނަޖާތަށް އެންމެ އަވަހަށް ދެވޭނެ ހިސާބެއްގައި ހުރި ރެސްޓޯރެންޓެއްގެ ނަމެއް ބުނެލިއެވެ. ނަޖާތު ހައިރާންވެގެން ވަށައިގެން ހޯދައިލުމުގެ ކުރިން ޔަޒްދާން އަވަހަށް ފޯނު ކަނޑައިލާފައި، ކާރަކާއި ނިވާވެލިއެވެ. "އަހަރެން މިހިސާބުގަ ހުރިކަން އެނގިގެންތަ މިތަނުގެ ނަން ބުނީ؟.." ޔަޒްދާން އައުމުން، ނަޖާތު އަހައިލިއެވެ. "އިއްތިފާގަކަށްވެސް ވެދާނެއެއްނު.." ޔަޒްދާން ހިނިގަނޑެއް ޖަހައިލިއެވެ. "ކޮބާ ނައީމު؟..." މޭޒުކައިރީގައި އިށީންގޮތަށް ނަޖާތު ބޭނުންވީ ނައީމުގެ ހަބަރެއް އެނގޭށެވެ. "ވާވަރަށް ހެކި އެބަހުރި... ދެން ނުވާނެ ސަލާމަތެއް... ހުރިހާ ހެއްކެއް ހުރީ އަހަރެމެންނާ އެއްކޮޅަށް..." ޔަޒްދާން ފަހުރުވެރިވެލާފައި ބުންޏެވެ. ނަޖާތުގެ ކައިރިއަށް ހިނިއައެވެ. ޔަޒްދާން ފަހުރުވެރިވެލާފައި ވާހަކަ ދައްކާއިރު ހިތްދަމައިގަންނަ ގޮތެއް ހުރިކަން ފާހަގަވިއެވެ. ޔަޒްދާން ފެނިގެން ނަޖާތުގެ ހިތަށް އެފަދަ ގޮތެއް ވި އެއީ ފުރަތަމަ ފަހަރެވެ. "ކީއްވެ ތި ބަލަނީ؟... މޫނުގަ އެއްޗެއް ހުރީތަ؟..." ޔަޒްދާން މޫނު ފޮހެލިއެވެ. "ޖެލަސް... އެހެން ލިޔެފަ އެބައޮތް..." ނަޖާތު ހީގަތީ އަމިއްލަ ހިތުގެ އިހުސާސްތައް ފޮރުވަމުންނެވެ. "އަހަންނާ ދިމާކުރާހިތުންތަ ތިއައީ އެހާ އަވަހަށް؟..." ޔަޒްދާން ހީގަތެވެ. ނަޖާތު އެއްޗެއް ބުނަން އުޅެނިކޮށް، ޔަޒްދާންގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނުގެ އަނެއްކޮޅުން ބުނި އެއްޗެއް އަޑު އިވިފައި، ޔަޒްދާނަށް އަވަސް ނަޒަރެއް ދެވުނީ ކުރިމަތީގައި އިން ނަޖާތަށެވެ. ޔަޒްދާން ފުންމައިގެން ތެދުވިއެވެ. ނަޖާތު އިނީ ވާނުވާ ނޭނގިފައެވެ. "އޯކޭ... މި ދަނީ..." ޔަޒްދާން ފޯނު ކަނޑައިލިއެވެ. "އެކުދިން ފެނިއްޖެ... އަހަންނާ އެކީ ދާނަންތަ؟..." "ކޮން ކުދިންނެއް؟..." ނަޖާތަށް ފުރަތަމަ ވާނުވާއެއް ނޭނގުނެވެ. "ނައީމު އެކުދިން މަރާލީ..." ޔަޒްދާނަށް ބުނެވުނީ އުނދަގޫ ގޮތަކަށެވެ. ނަޖާތު ހުއްޓުން އެރިއެވެ. ގޮނޑިން ތެދުވިގޮތަށް އޭނާ ހުރީ ޝޮކެއް ލިބިފައެވެ. ނަޖާތަށް ހަމަހޭވެރިކަންވީ، ޔަޒްދާން ނަޖާތުގެ ކޮނޑުގައި ހިފައި ތަޅުވައިލުމުންނެވެ. ޔަޒްދާންގެ ސައިކަލުގައި ދެމީހުން ދިޔައީ ހުޅުމާލެއަށެވެ. ފުލެޓްތަކެއް އެޅުމަށް ދޫކޮށްފައިވާ ހުސްބިމެއްގެ ބޭރުގައި ނޫސްވެރިންނާއި އާންމުންގެ ގިނަ ބަޔަކު އެއްވެފައި އޮތެވެ. ނަޖާތުގެ ކައިރީގައި ދުރުގައި މަޑުކުރުމަށް އެދިފައި ޔަޒްދާން ދިޔައީ ކޮނެފައި އޮތް ތަނުގެ ކައިރިއަށެވެ. ތިން ކުއްޖެއްގެ ކަށިގަނޑު ނަގައި، ފޮތިގަނޑެއްގެ މަތީގައި ބާއްވާފައި އޮތެވެ. އެކުދިންނާއިއެކު ވަޅުގަނޑުގެ ތެރޭގައި ހުރި އެއްޗެހިތައްވެސް ކަށިގަނޑުތަކުގެ ކައިރީގައި ބަހައްޓާފައި ހުއްޓެވެ. އެ ކަށިގަނޑުތައް ފެނުމާއިއެކު، ޔަޒްދާންގެ ދެފައިން ބާރު ދިޔައެވެ. އެކުދިންގެ ކައިރީގައި ހުރި އެއްޗެހިން އެކަނިވެސް، އޭނާއަށް އެއީ ކޮން ބައެއްކަން ކަށަވަރު ވިއެވެ. ޔަޒްދާން ހުރިތަނަށް ތިރިވިއިރު، ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. އެންމެން ފޮޅުވައިލާފައި ނަޖާތު އެތެރެއަށް ވަނެވެ. ކުދިންގެ ކަށިގަނޑުތައް ފެނުމުން، ފަސްފަހަތަށްދިޔަ ނަޖާތު ވެއްޓުނެވެ. އޭރު ނަޖާތަށް ގިސްލާފައި ރޮވެން ފަށައިފިއެވެ. ނަޖާތަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފުސެވެ. އެދުވަހު އެކުދިންގެ ދިފާއުގައި ނުކުމެވުނުނަމަ، މިއަދު އެކުދިންގެ ފުރާނަ ސަލާމަތްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކުދިން މަރުވެގެން ދިޔައީ ނަޖާތުގެ ސަބަބުން ކަމުގައި އޭނާއަށް ގަބޫލުކުރެވުނެވެ. ޔަޒްދާން ގޮސް ނަޖާތު ނެގިއެވެ. އެތަނުން ދުރަށް ގެންދިޔައެވެ. ނަސޭހަތް ދިނެވެ. ހިތްވަރުކުރުމަށް އެދުނެވެ. ނަޖާތު ކުޑަކޮށް ހަމައަކަށް އެޅުމުން، ޔަޒްދާން ނަޖާތު ގޮވައިގެން ދިޔައީ އޭނާގެ ގެއަށެވެ. "މިރޭ މިކޮޅުގަ މަޑުކޮށްލާ!..." ޔަޒްދާން އެދުނެވެ. "އެކަމަކު..." ނަޖާތު ދެކޮޅުހަދަން އުޅުނެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ