އެމްޑީޕީން ހަވާލެއް ނުވި، "ލޫޓުވާލައިފި" ބެނާތައް ކައުންސިލުން ނަގަނީ

ރީންދޫ ފޮތިތަކެއްގައި އެކި ޝިއާރުތައް ލިޔެ މާލެ ސިޓީގެ މަގުތަކާއި ހުޅުމާލޭގައި ދަމާފައިވާ ބެނާތައް މާލެ ސިޓީ ކައުންސިލުން ނަގަން ފައިފި އެވެ.
ކައުންސިލުން އެ ބެނާތައް ނަގަން ފެށީ އެ ދެމި ފަރާތެއް ނޭންގޭތީއާ އެއީ ހުއްދަ ނުހޯދާ ގަވާއިދާ ހިލާފަށް ދަމާފައިވާ ބެނާތަކަކަށް ވާތީ އެވެ. ބެނާތަކުގެ މައްސަލާގައި ކައުންސިލަރުން ވަނީ ވާހަކަ ދައްކާފަ އެވެ.
އެގޮތުން ކައުންސިލްގެ ގިނަ މެންބަރުން ވަނީ ކައުންސިލްގެ އުސޫލުތަކާއި ހިލާފަށް ދަމާފައިވާ ބެނާތައް ނަގަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ބައެއް ކައުންސިލަރުން ވަނީ ހުއްދަ ނުހޯދާ މާލޭގެ މަގުތަކުގައި ބެނާ ނުދެމޭއިރު ހުއްދަ ނެތި އެއްވެސް ބަޔަކަށް އެކަން އެގޮތަށް ކުރަން ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކައުންސިލަރުން ދައްކާފައިވާ ބައެއް ވާހަކަތައް --
އެބަހުސްގެ ތެރެއިން މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ އެ ބެނާތައް ގަވާއިދަށް ފައްތައިގެން ބަހައްޓަން ފެންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ދޭން ފެންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.
މޭޔަރުގެ އެ ސުވާލަށް ކައުންސިލަރު މުހައްމަދު އިބްރާހިމް ވަނީ ޖަވާބު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ އެ ބެނާތަކާއި ގުޅިގެން އެމްޑީޕީއަށް ސިޓީ ފޮނުވި ކަމަށެވެ. އަދި އެއީ އެމްޑީޕީއާ ބެހޭ އެއްޗެއް ނޫން ކަމަށާ ބެނާތަކުގައި އެމްޑީޕީގެ ލޯގޯވެސް ނުހުންނާނެ ކަމަށް އެމްޑީޕީން ބުނެފައިވާ ކަމަށެވެ.
އަދި އެ ބެނާތައް ދަމާފައިވާތާ މިހާރު 14 ދުވަސް ވެފައިވާކަން ފާހަގަ ކުރައްވާ އޭނާ ވަނީ އެއީ ވެެރިއަކު ނެތް ބެނާތަކެއް ކަމަށް ވިދާޅުވެފަ އެވެ.
ބަޔަކު ބެނާ ދަމަނީ --
އެހެން ކަމުން ކައުންސިލުން ނިންމީ ބެނާތައް ނަގާށެވެ. އަދި ކައުންސިލްގެ ބިދޭސީ މުވައްޒިފުން ނެރެ މިހާރު ދަނީ ބެނާތައް ނަގަމުންނެވެ.
"ލޫޓުވާލައިފި" ނަމުގައި އެކި ޝުއާުރުތައް ލިޔެފައިވާ ބެނާތަކެއް ދެމީ އަންނަ މަހުގެ ތިންވަނަ ދުވަހު އެމްޑީޕީން އެ ނަމުގައި މާލޭގައި ބޮޑު މުޒާހަރާއަކަށް ނިކުންނަން ނިންމާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ