ރައީސުލްޖުމްހޫރިއްޔާ، ގާދިއްފުށީގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި ތަރައްޤީގެ ކަންކަމުގައި ޚިޔާލުބަދަލުކުރައްވައި މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރާއްޖޭގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮޅުމަޑުލު ގާދިއްފުއްޓަށް ވަޑައިގެން، އެރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއާ ގުޅުންހުރި ކަންކަމުގައި ޚިޔާލުބަދަލުކުރައްވައި، މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ، ގާދިއްފުށީ ޕްރީސްކޫލްގައި، މިއަދު މެންދުރުފަހުއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ރަށުގައި ފެށިގެން ދިޔަ މަޝްރޫޢުތަކަކީ، ގާދިއްފުށީގެ ތަރައްޤީއަށް ނުހަނު މުހިންމު މަޝްރޫޢުތަކެއްކަން ފާހަގަކުރައްވައި، މި މަޝްރޫޢުތައް ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އެގޮތުން މިއަދުގެ ބައްދަލުވުމުގައި ގާދިއްފުށީ ބިންހިއްކުމުގެ މަޝްރޫޢުގައި، ސޮއިކުރައްވާފައިވާއިރު، މި މަޝްރޫޢު ނިމިގެންދާއިރު، ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އެކި ސަބަބުތައް ދިމާވެގެން ހުއްޓިފައިވާ ސްކޫލު ތަރައްޤީކުރުމުގެ މަޝްރޫޢުވެސް ދާދި އަވަހަށް ފެށިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޞިއްޙީ މަރުކަޒުގެ މަޝްރޫޢުވެސް ބާރު ދުވެލީގައި ކުރިއަށްދާނެ ކަމަށާ، ބަނދަރުގެ މަސައްކަތާއި، ފިޓްނަސް އެންޑް ރިކްރެއޭޝަން ސެންޓަރގެ މަސައްކަތްތައްވެސް ހަމަ މިފަދައިން ކުރިއަށްދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ އޭ.ޓީ.އެމް ޚިދުމަތް މިއަދު ގާދިއްފުށީގައި އިފްތިތާޙުކޮށްދެއްވުމާއެކު، ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ޚިދުމަތް ގާއިމުވެގެން ދިޔައީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގެ ތަރައްޤީއަށް ކޮށްދެއްވާނެ މަސައްކަތްތަކުގެ ތެރޭގައި، ފުޓްސަލް ދަނޑު އަޕްގްރޭޑް ކުރުމާއި، އައުޓް-ޑޯ ޖިމް ގާއިމުކުރުން ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޗައިނާގެ ހިލޭއެހީއާއެކު ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދަތުރުފަތުރުކޮށް އުޅުމުގައި ހުރި ދަތިތަކަށްވެސް ލުއި ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލުން ވަނީ ރަށުގެ އާންމު އުމްރާނީ ތަރައްޤީގެ ދާއިރާއިން ރަށަށް މިވަގުތު އެންމެ ބޭނުންވެފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ނެރުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށާ، ރަށުގެ އިންޖީނުގެއަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމަމިއާއެކު ރަށުގައި ހައުސިންގް މަޝްރޫޢެއް ހިންގަވައިދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
ތ. ގާދިއްފުށީގެ ރައްޔިތުންގެ ޚިޔާލާއި ޝުޢޫރުތައް އަޑުއައްސަވައި، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ތަކުރާރުކުރައްވާފައެވެ. އެމަނިކުފާނު މަސައްކަތްކުރައްވަނީ ރައްޔިތުން އެދޭ އަމާޒަށް ކަންކަން ގެންގޮސްދެއްވުމަށް ކަމަށާ، އެކަންކަން ކުރައްވާނީ، ރައްޔިތުން އެދޭ ގޮތަކަށް ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ