ނަތަންޔާހޫ ތަގުރީރު ފެށުމާއެކު ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކެއް އދ.ގެ މަޖިލިސް ބޮއިކޮޓްކޮށްފި

ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ހިންގުމުގެ ތުހުމަތުތަކާއެކު ހައްޔަރުކުރުމުގެ އަމުރެއް އޭނާގެ މައްޗަށް ނެރެފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އދ.ގެ 80ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަން ފެއްޓެވުމާއެކު ރާއްޖެ ވެސް ހިމެނޭހެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ވަފުދުތަކުން އާންމު މަޖިލިސް ދޫކޮށް ނިކުމެއްޖެއެވެ. މިއަދަކީ އދ. ގެ އާންމު މަޖިލީހުގައި ތަގުރީރުތައް ކުރިއަށްގެންދާ ހަތަރުވަނަ ދުވަހެވެ. މިހާތަނަށް އާންމު މަޖިލީހުގައި ތަގުރީރުކުރެއްވި ހުރިހާ ވެރިންހެން ވަނީ އިސްރާއިލުން ޣައްޒާގައި ހިންގާ ގަތުލުއާންމާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ. އަދި އެ ގައުމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށް، އެކަން ހުއްޓައިލަން ގޮވައިލައިފައެވެ. އެއާއެކު، ނަސްލު ނައްތައިލުމުގެ ބޮޑު ގަތުލުއާންމެއް ހިންގުމުގައި އިސްކޮށް ހުރި ނަތަންޔާހޫ ވާހަކަދައްކަން ފުރުސަތު ދިނުމާއެކު ވަރަށް ގިނަ ގައުމުތަކުން ވަނީ މަޖިލިސް ދޫކޮށް ގޮސްފައެވެ. ބޮޑެތި ތުހުމަތުތައް ކުރެވެނިކޮށް، އަދި ހައްޔަރުކުރުމުގެ އަމުރެއް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުން ނެރެފައިވަނިކޮށް ނަތަންޔާހޫއަށް އާންމު މަޖިލީހަށް އައިސް ތަގުރީރުކުރަން ފުރުސަތު ލިބިފައިވާއިރު، އެމެރިކާއިން ވިސާ ނުދިނުމުގެ ސަބަބުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސަށް އދ. އަށް ވަޑައިގެންނެވޭ ގޮތެއް ނުވިއެވެ. އެހެންވެ އައްބާސް ތަގްރީރުކުރެއްވީ ވީޑިއޯއެއް މެދުވެރިކޮށެވެ. އެ ތަގުރީރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އިސްރާއިލާއި، އެމެރިކާއިން ދެކޮޅު ހަދަނިކޮށް އދ.ގައި އެންމެ ފުރަތަމަ ފަހަރަށް ފަލަސްތީނުގެ ދިދަ އުފުލީ، 2015ވަނަ އަހަރުގެ ސެޕްޓެމްބަރު 30ވަނަ ދުވަހެވެ. 2012ވަނަ އަހަރު އދ. ގެ މެންބަރު ގައުމުތަކުން ވަނީ ފަލަސްތީނަށް "އޮބްޒާވަރު" ގައުމެއްގެ މަގާމު ދީފައެވެ. އެ ގައުމަކީ އދ.ގެ ފުރިހަމަ މެންބަރު ގައުމެއް ނޫނެވެ. އެހެންވެ އާންމު މަޖިލީހުގައި ހުށަހެޅޭ ގަރާރުތަކަށް ވޯޓުލުން ފަދަ ފުރުސަތުތައް އެ ގައުމަށް ނުލިބެއެވެ. ރާއްޖެއިން އަބަދުވެސް އަންނަނީ ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގްވާމީ މައިދާނުގައި ވަކާލާތުކުރަމުންނެވެ. އެގޮތުން 1967ވަނަ އަހަރުގެ ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީނުގެ ފުރިހަމަ ދައުލަތެއް ގާއިމްކުރުމަށް ބައިނަލްއަގްވާމީ ދުނިޔެއިން ބާރު އަޅައި މަސައްކަތްކުރުމަށް އަންނަނީ ގޮވައިލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ