ގޭންގު ކުށްތަކުގެ ޤާނޫނުގެ ދަށުން ހައްޔަރުކުރި 3 މީހުންގެ ވަނަވަރު އާންމުކޮށްފި

އަލަށް އަމަލުކުރަން ފެށި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ހައްޔަރުކުރި 3 މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް، ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މިގޮތުން ބަލައި ފާސްކުރުމުގެ ތެރޭގައި އެ ގެއިން ތޫނު ހަތިޔާރު ފެނިފައިވާ މައްސަލައިގައި މއ. މޯނިންގވިޔު އުމުރުން 30 އަހަރުގެ އަހްމަދު ނަވާޒާއި ހަމަ އެގެއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ އިބްރާހީމް ޒައިދާން އާއި ލ. މާބައިދޫ، ބަށިމާގެ، އުމުރުން 22 އަހަރުގެ މުހައްމަދު ޝިދާދް ހައްޔަރުކޮށްފައިވާކަން ފުލުހުން މިއަދު ވަނީ ފޮޓޯއާއި އެކު ހާމަކޮށްފައެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އަހްމަދު ނަވާޒް 30 ދުވަހަށް އަދި އިބްރާހީމް ޒައިދާނާއި މުހައްމަދު ޝިދާދް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި އަމުރު ކޯޓުން ކޮށްފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރެއް ދިނުމުގެ ގޮތުން އެކުލަވާލާފައިވާ ޤާނޫނެކެވެ.
މި ޤާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުން ކުށަކަށްވާނެއެވެ. އަދި އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުމަކީވެސް މި ޤާނޫނުގެ ދަށުން ކުށަކަށްވާނެއެވެ. އެގޮތުން މީގެން ކުށެއް ކޮށްފިނަމަ މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށް 25 އަހަރާއި 18 އަހަރާއި ދެމެދަށް ޖަލަށް ލެވިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ