ގޭންގު ކުށް ހުއްޓުވަން ހެދި ހަރުކަށި އާ ގާނޫނުގެ ދަށުން 3 މީހަކު ހައްޔަރުކޮށްފި
މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އަމަލުކުރަން ފެށި ގޭންގު ކުށްތައް ހުއްޓުވުމުގެ އާ ގާނޫނުގެ ދަށުން، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށް، ބަންދުކޮށްފިއެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުގައިވާ ގޮތުން 22 އަހަރުގެ ދިވެހި ދެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ބަންދުކުރީ އިއްޔެއެވެ. އެ ތިން މީހުންނަކީ: އިބްރާހީމް ޒައިދާން (22އ) / މއ. މޯނިންވިއު، މާލެ މުހައްމަދު ޝިދާދު (22އ) / ބަށިމާގެ، ލ. މާބައިދޫ އަހްމަދު ނަވާޒް (30އ) / މއ. މޯނިންވިއު، މާލެ ކޯޓު އަމުރުގައިވާ ގޮތުން، ކުށުގައި ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެއެވެ. އެގޮތުން ހާދިސާ ރިޕޯޓާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ކްރައިމް ސީންގެ ފޮޓޯއާއި، އެ ސީނުން ފެނުނު ދެ ވަޅިއެއްގެ ފޮޓޯ ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވާ ކަމަށް، ވަކިވަކިން ނެރުނު އަމުރުތަކުގައިވެއެވެ. އެ އަމުރުތަކުގައި ބުނީ، މައްސަލައިގައި ފެނުނު ދެ ވަޅި އޮތީ ހާމައަށް ލޮލަށް ފެންނަން ނޫން ކަމަށް، ތިން މީހުންގެ ވެސް ދިފާއުން ބުނި ކަމަށެވެ. އެކަމަކު ފުލުހުން ހެކީގެ ގޮތުގައި ހުށަހެޅި ފޮޓޯތަކުން އެކަން އެގޮތަށް އޮތްކަން ބެލެވެން ނެތް ކަމަށް، އެ އަމުރުތަކުގައި ބުނެފައިވެއެވެ. ކޯޓުން އަމުރުކުރީ މި ތިން މީހުންގެ ތެރެއިން ޒައިދާނާއި ޝިދާދު 15 ދުވަހަށް ބަންދުކުރުމަށް، އަދި ނަވާޒް 30 ދުވަހަށް ބަންދުކުރުމަށެވެ. މިދިޔަ އޮގަސްޓް މަހުގެ 26ވަނަ ދުވަހު އަމަލުކުރަން ފެށި މި ގާނޫނުގެ ބޭނުމަކީ: ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތަށް ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތަކަށް އަދަބު ކަނޑައެޅުން އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކާމެދު އެކަށީގެންވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޚާއްސަ ބާރުތަކެއް ދިނުން ކުށްކުރާ ފަރާތްތައް ކުށުގެ ވެށިން ރައްކާތެރިކޮށް، ހެޔޮގޮތުގައި މުޖުތަމައުއަށް ރުޖޫއަވުމަށް މަގުފަހިކޮށްދިނުމަށް ޚާއްސަ ފިޔަވަޅުތައް އެޅުމުގެ އުސޫލުތައް ކަނޑައެޅުން ކުށްކުރާ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓާކޮށް ފިޔަވަޅު އެޅޭނެ ޚާއްސަ އުސޫލުތައް ކަނޑައެޅުން މި ގާނޫނާއެކު ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ވަރަށް ބޮޑެތި ބާރުތައް ލިބިދީފައިވެއެވެ. އޭގެ ތެރެއިން ބައެއް ކަން ކަމަކީ: ކޯޓު އަމުރަކާ ނުލައި ވެސް އަމިއްލަ ތަންތަނަށް ވަދެ، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމުގެ ބާރު އަދި ބަލައި ފާސްކުރުމުގެ ބާރު ބޮޑެތި ކުށްކުރާ މީހުން ކަފާލާތުގެ ދަށުން ދޫނުކުރުމުގެ ބާރު ބޮޑު ކުށެއްގެ ތުހުމަތުވާ މީހާ ހައްޔަރުކުރުމަށްފަހު އެ ވަގުތުން ފެށިގެން 48 ގަޑިއިރާ ހަމައަށް، ވަކީލަކާއެކު އެކަހެރިކޮށް ބައްދަލުވާން ފުރުސަތު ނުދިނުން މީގެ އިތުރުން ހަރުކަށި އަދަބުތައް ވެސް މި ގާނޫނުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި 10 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ޖަލަށް ލުމާއި، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ