ސެންޓަރަށް ގެންދިޔަ ކުއްޖަކަށް ފަރުވާ ދިނުމުގައި އިހުމާލުވުމުން ހޯރަފުށީ ކައުންސިލަރުން ކަންބޮޑުވެއްޖެ
ހއ. ހޯރަފުށީ ހެލްތު ސެންޓަރަށް ގެންދިޔަ ފަސް އަހަރުގެ ކުޑަ ކުއްޖަކަށް ފަރުވާ ދިނުމުގައި އިހުމާލުވި މައްސަލައާއި ގުޅިގެން އެ ރަށު ކައުންސިލަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.އެގޮތުން ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހު ވިދާޅުވީ ރެއާއި ދުވާލު ސޯސަލް މީޑިޔާގަ ސަރުކާރު ހިންގާ ޕާޓީ ޕްރޮމޯޓް ކުރުމާއި ދާއިރާ އެމްޕީ ޕްރޮމޯޓް ކުރުމުގެ ބަދަލުގައި ތިމާއަށް ހަވާލުކުރި ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެވޭތޯ އުޅުނިއްޔާ މާ ރަނގަޅުވާނެ ކަމަށެވެ."އަލީ އާރިފް އަށް ކަންހިގާދިޔަގޮތް ބަލަން ކައުންސިލުން އަޅުގަނޑު ގުޅީމަ ތަނުގެ ތިބޭ ނަރުހުންނާއި ޑޮކްޓަރުންގެ ބޮލަށް އެކަނި އެކަން ޖެހުމުގެ ބަދަލުގައި ތިމާ އަށް އެންމެ ފުރިހަގޮތުގައި އެ ޒިންމާ އަދާކުރެވުނުތޯ ވިސްނާލުން މާ ރަނގަޅުވާނެ." އިމްދާހު ވިދާޅުވި އެވެ.އިމްދާހު އިތުރަށް ވިދާޅުވީ ވަކި ޕާޓީއަކަށް ނިސްބަތްވާ ވަކި އާއިލާއެއްގެ ކުއްޖެއްވީމަ ބޭނުންހާ ގޮތެއް ނުހެދޭނެ ކަމަށާއި އެކަން އެގޮތަށް ކުރަން ފުރުސަތެއްވެސް ނުދޭނެ ކަމަށެވެ. މަގާމުގެ ޒިންމާ އަދާ ނުކުރެވެންޔާ އިސްތިއުފާ ދީފަ ގޭގަ އޮތުން މާ ރަނގަޅުވާނެ ކަމަށް ވެސް އިމްދާހު ވިދާޅުވި އެވެ.ހޯރަފުށީ ކައުންސިލަރު އަހުމަދު ރައޫފް ވިދާޅުވީ ސިއްހީ މަރުކަޒަށް އިތުރު ޖެނެރަލް ޑރ ބޭނުންވާ ވާހަކަމަށާއި އެންމެ މީހެއް ރެޔާ ދުވާލު މަސައްކަތްކުރުމަކީ ބަލި މީހުންނަށް ފަރުވާދޭއިރު ރައްކާތެރި ގޮތެއްކަމުގައި ގަބޫލެއް ނުކުރެވޭ ކަމަށެވެ."ދިމާވެގެން މިއުޅޭ ހާލަތަކީ އެއްވެސް ބަޔަކު އެފަދަ ކަމެއް ތަކުރާރުވުން އެދޭނެ ހާލަތެއް ނޫން، އިހްމާލުވީ ކޮން ބައެއްކަމާއި އެއީ ކިހާ ހިސާބަކުންކަން އެގޭނީ ކަން ހިގި ގޮތް ދިރާސާކުރުމުން،" ރައޫފް ވިދާޅުވި އެވެ.ކުއްޖާގެ އާއިލާއިން ބުނީ ފުރަތަމަ ކުއްޖާގެ ބަޑަށް ތަދުވާތީ މީގެ ދެ ދުވަސް ކުރިން ހޯރަފުށީ ހެލްތު ސެންޓަރަށް ދިޔައިން ކަމަށާއި އެ ދުވަހު ބޭސް ދީފަ ފޮނުވާލީ ކަމަށެވެ. އޭގެ ފަހުން އަނެއްކާވެސް ކުއްޖާ އަށް އުދާގޫވާތީ އަދި ކުރިމަތި ފަރާތް ވަރަށް ބޮޑަށް ދުޅަވެގެން އިއްޔެ 12.15 ހާއިރު ސެންޓަރަށް ދިޔައިން ކަމަށެވެ."ދިޔައީމަ ބުނީ އިންފެކުޝަން އެއްވެސް ނެތޭ ޓެސްޓުތަކުން ފެންނާކަށް، ދެން އަޅުގަނޑު އެދުނިން ދިއްދޫ އަށް ފޮނުވައިދޭން. ބުނީމަ ބުނީ މީ އެމަޖެންސީ ކަމެއް ނޫން ކަމަށް. އެހެން ވީމަ ފޮނުވެން ނެތް ކަމަށް" ކުއްޖާގެ އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.އާސަންދަ ހަރަދުގައި ދިއްދޫ ހޮސްޕިޓަލަށް ފޮނުވައި ނުދިނުމުން އެ އާއިލާއިން ދިއްދުއަށް އަމިއްލަ ހަރަދުގައި ގޮސް ދެއްކި އެވެ. ދިއްދޫ ހޮސްޕިޓަލުން އާއިލާއަށް އެންގީ ކުއްޖާގެ ހާލަތު ވަރަށް "އެމަޖެންސީ" ކަމަށާއި އިތުރު ފަރުވާ އަށް އޮޕަރޭޝަނެއް ވެސް ކުރަން ޖެހޭ ކަމަށެވެ."ދިއްދޫ އިން ބުނީ ބުލަޑް ވެސަލްސްތައް ޓުވިސްޓްވެފަ ހުރީމަ ލޭ ދައުރު ނުކުރާތީޔޭ އެހާ ބޮޑަށް ދުޅަވެފަ އެހުރީ. ވީހާވެސް އަވަހަށް އޮޕަރޭޝަން ނުކޮށްފިއްޔާ ފުރާނައަށްވެސް ނުރައްކާ ވާ ވަރުގެ ބޮޑު ކަމެކޭ މީ." ދިއްދޫ ހޮސްޕިޓަލާއި ހަވާލާދީ އާއިލާއިން ބުންޏެވެ.އެ ކުއްޖާގެ އާއިލާއިން ބުނީ އާސަންދައިން ދިއްދުއަށް ދެވޭނެ ގޮތެއް އަވަހަށް ހޯދައި ދިނުމަށް ހޯރަފުށީ ހެލްތު ސެންޓަރުގެ މީހުން ގާތުގައި ތަކުރާރުކޮށް އެދުނިން ކަމަށާއި ނަމަވެސް ދިނީ އެއް ޖަވާބެއް ކަމަށެވެ. މިފަހުން ހޯރަފުށީ ހެލްތު ސެންޓަރުން ތުއްތު ކުއްޖަކަށް "އޮޅިގެން" ނުބައި ވެކްސިނެއް ދިން މައްސަލައެއް ވެސް ވަނީ ފެންމަތި ވެފަ އެވެ. މީގެ އިތުރުން ހޯރަފުށީ ހެލްތް ސެންޓަރުގައި ރެޔާ ދުވާލު ބަލި މީހުން ބަލަން ހުރީ އެންމެ ޑޮކްޓަރެއް! ހުންނަ މައްސަލެއް ވެސް މިއަދު ވަނީ ރިޕޯޓްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ