ތިން މެޗުގެ ނަތީޖާވެސް ގޯސްވުމުން ޓެން ހާގު ބޭރުކޮށްލައިފި
އައު ސީޒަނަށް ޓީމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ޖަރުމަނުގެ ބަޔާން ލެވަކޫސަނަށް ގެނައި ކޯޗު އެރިކް ޓެން ހާގް ތިން މެޗަށްފަހު ކޯޗުކަމުން ބޭރުކޮށްލައިފިއެވެ. ދެ އަހަރަށް ހަވާލުވި ޓެން ހާގަށް ކޯޗެއްގެ ގޮތުގައި އެ ޓީމުގައި ހުރެވުނީ އެންމެ 62 ދުވަހެވެ. މި ދުވަސްތަކުގެ ތެރޭގައި ލެވަކޫސަން ކުޅުނު ތިން މެޗުންވެސް މޮޅެއް ނުލިބެއެވެ. އެއާއެކު ކުލަބުގެ ބޯޑުން ވަނީ އަވަސް ނިންމުމެއްގެ ގޮތުގައި ޓެން ހާގް ބޭރުކޮށްލަން ނިންމާފައެވެ. ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ލެވަކޫސަނާ ގުހަވާލުވި ޓެން ހާގް، އެ ޓީމަށް ކޯޗުކޮށްދިން ފުރަތަމަ މެޗުގައި ޖަރުމަނު ކަޕްގައި ހަތަރު ވަނަ ޑިވިޝަނުގެ އެސްޖީ އަތުން 4-0 އިން ވަނީ މޮޅުވެފައެވެ. ނަމަވެސް ޖަރުމަނު ލީގުގެ ފުރަތަމަ މެޗުގައި، ޓެން ހާގް ވަނީ ހޮފެންހައިމް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. މި ހަފްތާ ބަންދުގައި އެ ޓީމު ކުޅުނު ދެވަނަ މެޗުގައި ދެ ގޯލުގެ ލީޑެއް ގެއްލި 3-3 އިން ވާޑާ ބްރެމަންއާ އެއްވަރުވިއެވެ. އެއާއެކު ޓެން ހާގަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެންދިޔައެވެ ދަށް ނަތީޖާތަކުގެ ސަބަބުން ލެވަކޫސަނުން ވަނީ ކުއްލި ބޯޑު ބައްދަލުވުމެއް ބާއްވާފައެވެ. އެއީ ސީޒަނުގެ ކުރިއަށްހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރެންޖެހޭތީ އެކަމަށް ގޮތެއް ނިންމަން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ބޯޑުން ވަނީ ޓެން ހާގް ވަކިކުރަން ނިންމާފައެވެ. އެންމެފަހުން ޓެން ހާގް ހުރީ މެންޗެސްޓަރ ޔުނައިޓެޑުގައެވެ. އޭނާ ވަނީ މި ވޭތުވެދިޔަ 10 މަސްދުވަހުގެ ތެރޭގައި ދެ ވަޒީފާއެއް ދެ ޓީމުގައި އަދާކޮށްފައެވެ. ނަމަވެސް މިހާރު އޭނާ ހުރީ ހުސްއަތާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ