އިރުމަތީ ފަރާތު އުދަރެސް ދޮންކުރަމުން އާ ދުވަހަކަށް އަރައިގެން އައި އިރާއެކު ޖައުފަރު ފެންކަޅިވެފައިވާ ހާލު އޭނާގެ ރަށާ ދިމާލަށް ބަލަހައްޓައިގެން އިނީ ހިތްދަތިކަމާއެކުގައެވެ. ސާޅީސް އަހަރުވަންދެން އުޅެބޮޑުވި ރަށާ އެ ހިތްގައިމު ދޮންވެލިތުނޑި އާއި އެކު އެ ފަސްގަޑުގައި ފަސްތާނުލެވިފައިވާ އޭނާގެ އަލަތު އަނބިމީހާ ފާތުމާގެ މަހާނަވާ އެ ރަށް ދޫކޮށްލާފައި ދާން ކިތެންމެ ބޭނުން ނުވިނަމަވެސް މިއަދު އޭނާއަށް އެނޫން ގޮތެއް ނެތެވެ. ކޮންމެވެސް ފެންވަރަކަށް ކިޔެވިފައިވީ ނަމަވެސް މީހުން މަދު އެ ރަށުގައި ކުރާނެ މަސައްކަތެއް ނެތުމުގެ ސަބަބުން މީހުންނަށް މަސައްކަތްކޮށްދެމުން އައި ޖައުފަރަށް ކިރިޔާ ކައިބޮއިގެން އުޅެވެނީއެވެ. އަތްމަތި ދަތިކަމާއެކު އުޅެމުން އައި ނިކަމެތި ދިރިއުޅުމުގެ ސަބަބުން އޭނަގެ އަނބިމީހާ ހަގު ދަރިފުޅަށް ބަލިވެއިންދާ ލިބެންވާ ފަރުވާ ނުލިބި މަރުވުންވެގެން ދިޔައީ އޭނާގެ ކުރިމަތީ އޭނަގެ އަތްމައްޗަށެވެ. ފާތުމައާއި އޭނަގެ ލޯބީގެ ނިޝާންކަމުގައިވާ ހަތްއަހަރުގެ ހައިކަލް ގޮވައިގެން މާލެދާން ޖައުފަރު ނިންމީ ހައިކަލްއަށް ރަގަޅު ތައުލީމަކާ ތަރުބިއްޔަތެއް ހޯދައިދީ އޭނަގެ ދިރިއުޅުމުގެ ފެންވަރު ރަގަޅުކޮށް އާ ދިރިއުޅުމެއް ފެށުމަށްޓަކައި އޭނަގެ އެކުވެރި މާދިހް ދިން ނަސޭހަތުގެ ސަބަބުންނެވެ.
މާދިހްމެން ގޭގައި ޖައުފަރަށް އުޅެވޭނެ ގޮތް ހަމަޖެހިފައިވުމުގެ ސަބަބުން މާލޭގައި އޭނާއަށް ހުރުމުގެ އެއްވެސް ދަތިކަމެއް ނެތްނަމަވެސް އުޅެން ޖެހުނު ތަންކޮޅު ކުޑަކަމާ މީހުން ގިނަކަމުން ހައިކަލްއަށް އެތާ އުޅުން ވީ ބޮޑު ވޭނަކަށެވެ. ރަށުގެ ހިތްފަސޭހަ މާހައުލުގައި ކިތެންމެ ނިކަމެތި ދިރިއުޅުމެއް އުޅުނު ނަމަވެސް މާލޭގެ މި ހަލަބޮލިކަމަށްވުރެ ހައިކަލްއަށް ހުރިހާ ގޮތަކުންވެސް ރަށް މާ ރަގަޅުވިއެވެ. މާދިހްގެ އެހީ އާއި އެކު ހުވަފަތްވެފައިވާ އަންހެނެއްގެ އޮފީހުން ޖައުފަރަށް ވަޒީފާ ލިބުނީ ހީކުރިވަރަށްވުރެ މާ ފަސޭހަކަމާއެކީގައެެވެ. ނާސިރާ އެކަނިމާ އެކަނި ހިންގަމުން އައި ބޮޑު ވިޔަފާރިއަށް އަލަށް އައި މުވައްޒަފަކީ ނާސިރާ ވަރަށް ގަޔާވާ ރަގަޅު ސިފަތަކެއް ހުރި މީހެއްކަމުން ވެރިމީހާ އާއި މުވައްޒިފަކާ ދޭތެރޭ އޮންނަންވާ ގުޅުމަށްވުރެ އެ ގުޅުން ފުޅާވެގެން ދިޔައީ ހުދު ޖައުފަރަށްވެސް ނޭގިއެވެ. މާލޭގައި އެކަނިމައި އެކަނި އުޅެމުން ދިޔަ ހުވަފަތް އަންހެނަކާ ޖައުފަރު ކައިވެނިކުރީ މާލޭގައި އުޅެން ފަސޭހަވެ ދިރިއުޅުމުގައި އޭނާ ދެކެމުން އައި އުއްމީދުތައް ފުރިހަމަވެ އެ އަންހެން މީހާއަށްވެސް އެހީތެރިވެ ދިނުމުގެ ބޭނުމުގައެވެ.
ކުޑަކުޑަ ގެއަކުން ބޮޑު ގަނޑުވަރެއްކަހަލަ ގެއަކަށް ބަދަލުވުމުން ހައިކަލްގެ ހުރިހާ ހިތްހަމަނުޖެހުމެއް ފިލާ ގޮސް މާލޭގެ މާހައުލަށް ހޭނުނު ނަމަވެސް އެކަނިވެރިކަމާ ފަޅުކަން ވަނީ އޭނާ ވަށާލާފައެވެ. ނާސިރާ ގެ އެހީގައި ޖައުފަރު މަސައްކަތް ދަސްކުރަމުން ގޮސް އެންމެ ފަހުން ވިޔަފާރީގެ ހުރިހާ ކަމަކާ ޖައުފަރު ހަވާލުވީ ނާސިރާގެވެސް އެދުމުގެ މަތިންނެވެ. މަސްއޫލިއްޔަތުތަކާއެކު ދިރިއުޅުން ތިޔާގި ކުރުމަށްޓަކައި ރެއާ ދުވާލު ޖައުފަރުގެ ދެމަފިރިން މަސައްކަތްކުރަމުން ދިޔައިރު ހައިކަލްއަށް އޭނަގެ ބައްޕަގެ މޫނު ނުފެންނަ ދުވަސްތައް އިތުރުވަމުން ދިޔައެވެ
ދުނިޔެ އޭގެ ބާރު ދުވެލީގައި ދުވަމުން ދިޔަ އިރު އެހެން ހުރިހާކަމެއް ހަނދާން ނައްތާލުމަށްފަހު ޖައުފަރުވެސް ދިރިއުޅުމުގެ ކާމިޔާބީ އާއެކު އޭނަގެ ވިޔަފާރި ފުޅާކޮށް އެ މަސައްކަތާއިގެން ހޭބޯނަރާ އުޅެމުން ދިޔައެވެ. ފާއިތްވެގެން ދިޔަ 8 އަހަރުގެ ކޮންމެ ދުވަހަކީވެސް އެކަނިވެރިކަމާއެކު ހައިކަލް އުޅެމުން ދިޔަ ދުވަސްތަކެއް ކަމުން އެ އެކަނިވެރިކަމުން ސަލާމަތްވުމަށްޓަކައި ހައިކަލް މަގުމައްޗަށް ނިކުތީ ސްކޫލުން ލިބުނު ރައްޓެހިންނާއެކުގައެވެ. ދުނިޔޭގެ އުފަލާ މަޖަލުގައި ހައިކަލް އުމުރުން އެންމެ ފަނަރަ އަހަރުގައި ސިގިރޭޓް ބޯން ފެށީ ރައްޓެހިންގެ އެދުމާއެކު ޖައުފަރަށް ސިއްރުން ކަމުގައި ވީ ނަމަވެސް އެކަން ޖައުފަރަށް އެނގުން ވެގެން ދިޔައީ ބޮޑު ބޮމެއް ގޮވުން ކަހަލަ ކަމަކަށެވެ. ”އަހަރެން މީ ހައިކަލްގެ ބައްޕަ. ދުވަހަކުވެސް ދެކުނިންތަ އަހަރެން ސިނގިރެޓެއް ބުއިތަން. ދެން މިހިރީ ހައިކަލްގެ މަންމަ.” “މަންމައެއް ނޫން. ދޮންމަންމަ.”ޖައުފަރުގެ ވާހަކަ މެދު ކަނޑާލުމަށްފަހު އެންމެ ފުރަތަމަ ފަހަރަށް ހައިކަލް ޖައުފަރު ކުރިމަތީ ބުނެލިއެވެ. ”މައްސަލައެއް ނެތް. ދޮންމަންމަ. އެކަމަކު ހައިކަލް ނުރުހޭކަމެއް މި ދޮންމަންމަ ކުރިތަ؟ ހައިކަލް ބޭނުން ކޮންމެ ކަމެއް ކޮށްދީގެން މި އުޅެނީ. ދެން ތިހެން އުޅެން ވީ ސަބަބެއް ނިކަން ބުނެބަލަ.”ޖައުފަރު ރުޅި މަޑުކުރަން މަސައްކަތްކުރަމުން ސުވާލުކޮށްލިއެވެ. ”ބައްޕާ އަޅުގަނޑު ރުހޭ ކަންތަކާ ނުރުހޭ ކަންތައް ބައްޕައަށް އެގިލައްވާތޯ؟. އެންމެ ފުރަތަމަ ބައްޕަގެ ލޯބިން އަޅުގަނޑު މަހްރޫމްވީ. ބައްޕަގެ ދިރިއުޅުމަށް މި އަންހެން މީހާ އައުމުން އަޅުގަނޑު ބާކީވީ. މިއަށްވުރެ ބޮޑު ހިތާމައެއް މީހަކަށް ދެވޭނެތޯ. ”ހައިކަލް ނާސިރާ އާއި ދިމާލަށް އިގިލި ދިއްކޮށްލަމުން ބުނެލި ޖުމްލައާއި އެކު ޖައުފަރުގެ ހޫނު އަތްތިލަ އެރީ ހައިކަލްގެ ކަންފަތް މައްޗަށެވެ. ”ކިހާ ރީތި. އަހަރެން މުޅި އުމުރުގަ ކުރި ހުރިހާ މަސައްކަތެއް މި ކުރީ މި ކުއްޖާއަށްޓަކައި.އެކަމަކު. ”ޖައުފަރުގެ ވާހަކަ ނުނިމެނީސް ހައިކަލް ބޭރަށް ނިކުންނަން ހިނގައިގަތީ މިއަދު އެވާހަކަތަކުން އޭނާއަށް އެއްވެސް އަސަރެއްނުކުރާ ކަން ހާމަވާ ފަދަ ގޮތަކަށެވެ.
އައިސްފައިވާ ރުޅި އާއި ލިބިފައިވާ ހިތާމައިގައި މިފަހަރުވެސް ހައިކަލްއަށް އެހީވީ މަގުމަތީގައި އޭނާ ފަދައިން ގިނަވެގެން އުޅުމުން އައި އޭނަގެ އެކުވެރިންނެވެ. އެމީހުންގެ ނަސޭހަތާއެކު ހައިކަލް އެރޭ ރިސޯޓަކަށް ދިޔައީ ލިބިފައިވާ ހިތާމައާއި ހިތްދަތިކަމުން ސަލާމަތްވާން ކަމުގައި ވިޔަސް އެރޭ އޭނާއަށް ވަދެވުނީ ދެން ސަލާމަތްނުވެވޭނެ ވަރުގެ ބޮޑު ކަށިކުބުރު ޖަންގައްޔަކަށެވެ. މީހާގެ ހަމަބުއްދި ފިލާ ގޮސް ކުރެވޭ ނުކުރެވޭ ކަމެއް ނޭގި އެތަން މިތާ ދުވަމުން ދިޔަ އިރު ޖައުފަރު ހާސްކަމާއެކު ރޭގަނޑުގެ މެންދަމުގެ ވަގުތުތައް ގުނަމުން ދިޔައީ އޭނާގެ ދަރިފުޅުގެ އިންތިޒާރުގައެވެ. ހައިކަލް އެ ގޮތަށް ބޭރުތެރޭ އުޅެން ޖެހުނީ ނާސިރާގެ އިހްމާލުންކަން ހުދު އޭނާވެސް ގަބޫލުކޮށް އެންމެ ފަހުން ޖައުފަރުގެ މަޝްވަރާއާއި އެކު ނާސިރާ ހައިކަލްގެ ކަންތައްތައް ބެލުމަށްޓަކައި ގޭގައި މަޑުކުރަން ނިންމީ މީ އެންމެ ރަގަޅު ގޮތް ކަމުގައި ދެމަފިރިންނަށްވެސް ގަބޫލުކުރެވުމުންނެވެ. އެހެން ނަމަވެސް ނާސިރާ، ހައިކަލްއަށް ލޯތްބާއެކު ދިއްކޮށްލި އެހީތެރިކަމުގެ އަތުގައި ހިފާކަށް އޭނާ ބޭނުމެއް ނުވިއެވެ. މީހެއްގެ އެހީ އާއި ލޯބި އެންމެ ބޭނުންވި ދުވަހު އޭނާއަށް އެހީތެރިވެދިން އެކުވެރިންނާ މީރު ބުއިންތައް ދޫކޮށްލުމަކީ މިހާރު ހައިކަލްއަށް ކުރެވޭނެ ކަމަކަށް ނުވާތީ ވީހާވެސް މަދުން ގެއަށް ވަދެވޭތޯ ހައިކަލް ބަލަމުން ދިޔައެވެ. ނާސިރާ އެތައް ފަހަރަކު އެތައް ގޮތަކަށް ހައިކަލްއަށް ނަސޭހަތް ދެވޭތޯ ބަލަމުން ދިޔަ ނަމަވެސް ހައިކަލް އެއިން އެއްވެސް ވާހަކައެއް ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.
ޖައުފަރުގެ ދެމަފިރިންގެ ވާހަކަ ދިގުލާން ފެށުމުން ހައިކަލް ގެއަށް ނައިސް ހަފްތާ ދެހަފްތާ ފާއިތުވާން ފެށުމުން ވީ ޖައުފަރަށް ލިބުނު ވަރަށް ބޮޑު ހިތާމައަކަށެވެ. މިސްކިތްތަކުގެ ފާރުމަތީގައްޔާ ހަތަރު އަނގޮޅި ކަންމަތިތަކުގައި ރެއާ ދުވާލުގެ ވަގުތުތައް މީހުންނަށް އުދަގޫކޮށް ފޮށުމުގައި ހޭދަކުރަމުން ދިޔަ އިރު އެ ޒުވާނުންވަނީ ދުނިޔޭގެ ދިރިއުޅުމަށް އާހިރަތް ވިއްކާލާފައެވެ. އެއްވެސް މިސްރާބެއް ނެތި ދުއްވަމުން ދިޔަ އެމީހުންގެ އޮޑި ވަރުގަދަ ކޮޅިގަޑެއްގައި ޖެހި ހަލާކުވެ ނިމިދާނީ ކޮން ވަގުތަކުކަމެއް އެ ޒުވާނުންނެއް ނުވިސްނަައެވެ.
“އޭއި އެ އަންނަނީ އެއްކަލަ ޗިމޭގެ ކޮއްކޯ. އޭނައެއްނުން އަހަރެމެން ގުރޫޕު އަބްޅޯ ގަޔަށް ވަޅިހަރާލީ. ހިނގާ އޭނަގެ ކޮއްކޯ ހޭއަރުވާލަން. ”އެއްވެސް ހިޔާލެއް ފިކުރެއްނެތި ހިނގަމުން އައި އަންހެން ކުއްޖާއަށް އިޝާރަތްކޮށްލަމުން ހައިކަލް އެހެން ބުނެލީ ކޮންމެހެން އެކަން ކުރުމުގެ ބޭނުމުގައި ނޫން ނަމަވެސް އެ ގުރުޕޫގެ އެހެން މީހުންނަށް އޭނަ ދިން ހިޔާލު ވަރަށް ކަމުދިޔައެވެ. އެހެން މީހެއް ކުރި ކުށުގެ ޝަޒާ ކުށެށްނެތް އެ އަންހެން ކުއްޖާއަށް ދިނުމަށްޓަކައި އެ އަންހެން ކުއްޖާގެ އިއްފަތްތެރިކަން އެ ގުރޫޕުން ފޭރިގަތީ ހަމަބުއްދި ފިލާފައިވާ ހާލު ދެން އަންނާނެ ހަމަލައަކަށް ވިސްނާލުމެއް ނެތިއެވެ.
އެތެއް ދުވަހަކަށްފަހު ޗިމޭގެ ކިބައިން ރަގަޅު ބަދަލެއްހިފާލެވުނުކަމުގެ އުފާ ފާޅުކުރަމުން ދިޔައިރު ދުނިޔޭގައި ހިނގަމުން ދިޔަ އެއްވެސް ކަމެއް އެމީހުންނަށް ނޭގޭ ކަހަލައެވެ. އިއްފަތްތެރިކަން ފޭރިގަތުމަށްފަހު މަރާލާފައިވާ އަންހެން ކުއްޖަކު މާލޭގެ މަގުމަތިން ފެނުނު ވާހަކަ ހަބަރު ތަކުގެ ފަލަ ސުރުހީއަށް އަރާފައިވާ އިރު އެ އަންހެންކުއްޖާގެ އާއިލާ މީހުން ކަރުނަ އަޅާ ރޮމުން ދިޔައީ އެ އަންހެން ކުއްޖާގެ ގާތިލު ހޯދުމަށް ގޮވަމުންނެވެ. ހަލަބޮލިވެ ތޮތްޖެހިފައިވާ މާލޭގައި ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ކަންތައްތަކާ މަޝްއޫލުވެ އުޅެމުން ދިޔަ އިރު ފުލުހުންނަށް އެ އަންހެންކުއްޖާގެ ގާތިލާ ހަމައަށް ދިޔުންވީ އަރަތެއް ކަހަލަ ކަމަކަށެވެ. މަރާލެވުނު ކުއްޖާ މަރުލެވުނު ސަބަބު އެއްވެސް މީހަކަށް ނޭގޭ ސިއްރެއްގެ ގޮތުގައި އޮތް އިރު ހުދު އެ ކުއްޖާ މަރާލި މީހުންވެސް ތިބީ އޮޅުން ބޮޅުން ގަޑެއްގެ ތެރޭގައެވެ. “ހައިކަލް އޭ ބުނީ އެ ކުއްޖާއަކީ ޗިމޭގެ ކޮއްކޯ އެކޭ.”ސިނގިރޭޓުން ފޮނުވާލި ދުންތަކުގެ ސަބަބުން ރެސްޓޯރެންޓްތެރޭ ތިބި އެހެން މީހުންނަށް އުދަގޫވި ނަމަވެސް ބަހެއް ބުނެލަން ކެރުނު އެއްވެސް މީހަކު ނެތެވެ. “މަށަށް ކިހިނެތް އެގޭނީ އެއީ ޗިމޭގެ ގެ ކައިރީ ކުއްޖެއްކަމެއް. މަ އަބަދު ދެކެނީ އެ އަންހެން ކުއްޖާ ޗިމޭ ގެއިން ނިކުންނަތާ. ދެން އޯކެއެއް ނުން. އަޅާނުލާ. މާ ކަންތައް ބޮޑުވެގެން އުޅެންޏާ އަހަރެމެން ބަސްޓްވާނީ. ”އެއްވެސް ކުށެށްނެތް އިންސާނަކު މަރާލުމަށްފަހުވެސް އެކަން އެމީހުންނަށް ބޮޑުކަމަކަށް ނުވިއެވެ.
ރޭގަނޑު އެތައް ދަމެއްވަންދެން ރައްޓެހިންނާއެކު އުޅުމަށްފަހު ހައިކަލް ގެއަށް ދާން ސައިކަލް ދުއްވާލި އިރު އޭނާ ހުރި ހަމަ ރަގަޅަށްވެސް މަސްތުވެފައެވެ. ބާރު ސްޕީޑުގައި ދުއްވައިދިޔަ ސައިކަލް ގެ ކުރިމަތީގައިވާ ޕާކްކޮށްލުމަށްފަހު އެތެރެއަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅާއެކު އޭނަގެ މޫނުމައްޗަށް އަރައިގެން ދިޔައީ ހޫނު ހަމަލާއެކެވެ. “މީ އެ ގުރޫޕް ބޮޑު މީހެއް. ޗިމޭ ކަލޭގެ ކޮއްކޯ ކަމަށް ހީކޮށް އެ ކުއްޖާ މަރާލީ މި ގުރޫޕު މީހުން. މީނަ އެއްގޮތަކަށްވެސް ދޫކޮށްގެން ނުވާނެ.”އެތަނުން ކްރިކެޓް ބެޓެއް ހިފައިގެން ހުރި ދިގު އިސްތަށިގަޑެއްލާފައިވާ ޒުވާނާ ބުނެލި ޖުމްލައާއި އެކު ވަޅީގެ ތޫނު ހަމަލާ އަމާޒުވީ ސީދާ ހައިކަލްގެ ބަނޑަށެވެ. އެ ދިގު މަސްކަނޑާ ވަޅީގެ ތިން ހަތަރު ހަމަލާއާއި އެކު ހައިކަލް ބިންމައްޗަށް ވެއްޓުނު އިރު މީހާ އޮތީ ލެއިން ތަތްތެޅިފައެވެ. ފެން ނެތްތަނެއްގައި ރޯމަހެއް ހެން ހައިކަލް ތެޅެމުން ދިޔަ އިރު އެ ޒުވާނުން ހެމުންހެމުން ސައިކަލަށް އަރާ ދުއްވާލީ ލިބުނު ކާމިޔާބީއަށް އުފާކުރަމުންނެވެ. ލެއިން ތަތްތެޅިފައިވާ ހައިކަލް ދިރިއުޅުމާ މަރާ ދޭތެރޭ ހަނގުރަމަކުރަމުން ދިޔަ އިރު އޭނަގެ ލޮލުގެ ކުރިމަތީގައި ސިފަވަމުން ދިޔައީ އުޅެމުން އައި ވިޔާނުދާ ދިރިއުޅުމާ ކުރެވުނު ފާފަތަކެވެ. އެންމެ ފަހު ވަގުތު އައިސް ޖެހުނު ހިދު އާހިރަތަށްޓަކައި އެއްވެސް ހެޔޮކަމެއް ނުކުރެވުނު ހާލު ތައުބާވާނޭ ފުރުސަތެއްވެސް އޭނާއަށް ނުލިބުނެވެ.
އާ ދުވަހަކަށް އިރު އަރައިގެން އައީ ގުރޫޕު މާރާމޭރީގައި ޒުވާނަކު ގަޔަށް ވަޅި ހަރާ މަރާލި ހިތާމަވެރި ހަބަރާއެކުގައެވެ. ޖައުފަރު މަރާލެވިފައިވާ އޭނަގެ ދަރިފުޅުގެ މޫނަށް ބަލަހައްޓައިގެން އިން އިރު އޭނާ އިނީ ރޯންވެސް ނޭގިފައެވެ. ފާތުމަގެ އެންމެ ފަހުގެ އަމާނާތަށް ރައްކާތެރި ނުވެވުނު ހާލު ޒިންމާދާރު ބައްޕައަކަށްވެސް ނުވެވުނު ކަމުގެ އިހްސާސް އޭނާ އަށް ކުރެވެމުން ދިޔައެވެ. ފިތުރަތުގެ ސާފުކަންމަތީ އުފަންވި ދަރިފުޅަށް މުއްސަނދި ދިރިއުޅުމަށް ހޯދާ ދިނުމަށްޓަކައި މަސައްކަތްކުރަމުން ދިޔަ ޖައުފަރު މިއަދު ހަމަ ރަގަޅަށްވެސް ފޭލްވެއްޖެއެވެ.. ފައިސާ އަކީ ހުރިހާ އެއްޗެއް ނޫން ކަމާ ލޯތްބާ އަޅާލުމަކީވެސް ކޮންމެހެން މުހިއްމު އެއްޗެއްކަން ޖައުފަރަށް ވިސްނުނު އިރު ވަގުތު ފާއިތްވެއްޖެއެވެ.
އެއްވެސް ކުށެށްނެތި މަރާލެވުނު އަންހެންކުއްޖާގެ އާއިލާ ކެޑި ނޭޅި އެ އަންހެންކުއްޖާއަށް އިންސާފު ހޯދާދޭން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވެ ފުރަތަމަ ފަހަރަށް ރާއްޖޭގައި މަރަށް މަރު ހިފުމުގެ އަދަބު ތަންފީޒުވެގެން ދިޔައީ ހައިކަލްގެ މަރަށް ދެއަހަރު ފުރުނު ދުވަހުއެވެ. ހައިކަލްގެ އެކުވެރިންގެ ތެރެއިން އެ އަންހެން ކުއްޖާ މަރާލި މީހުންނާއެކު ހައިކަލްގެ ގާތިލުންގެ ކަރަށް މަޅި ހަރާލަން ތައްޔާރުކޮށްފާއިވާ އިރު އިސްލާމީ ޝަރީއަތް ގާއިމުކުރެވުމުން އެންމެންގެ މޫނުމަތިންވެސް ފެންނަމުންދަނީ ހިތްހަމަޖެހުމާ އުފާވެރިކަމެވެ. ދީނުގައި އަންގާވާފައިވާ ގޮތަށް ކަންތައް ކުރެވެމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން މާލޭގެ މަގުމަތި އަމާންވެ ގޭންގު މާރާމާރިތައް ހިންގާ ގުރޫޕުތައް ފަސްޖެހި އާއްމުންނަށް އެތައް ފައްސޭހައެއް ލިބިގެން ދިޔައެވެ. (ނިމުނީ)
މިއަދުން ފެށިގެން، ސިވިލް ސާވިސް، ޖުޑިޝަރީ، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި ޖެނެރޭޝަނަލް ބޭން ދުވުން މިއަދު ހަވީރު 4 ޖަހަންދެން ކުރިއަށް ދާނެ “ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ” ގާނޫނީ ގޮތުން މިއަދު ތަންފީޒު ކުރަން ފަށައިފި އާ ޖަނަރޭޓަރުން ކުރިއަށ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ