26 އެޕްރީލް 2025 ދުވަހު ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޢަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުއްޓައި ވަގަށްނަގާފައިވާ މައްސަލައާއި ގުޅިގެން 10 މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ 26 އެޕްރީލް 2025 ދުވަހު ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޢަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުއްޓައި ވަގަށްނަގާފައިވާ މައްސަލާގައި 11 (އެގާރަ) މީހެއްގެ މައްޗަށް ދަޢުވާކުރުމަށް އެދި 3 ޑިސެންބަރު 2025 ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން އެއޮފީހަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 10 މީހެއްގެ މައްޗަށް މި މައްސަލާގައި ލިބިފައިވާ ހެކި ޤަރީނާއަށް ރިޢާޔަތްކޮށް ދަޢުވާތައް ކުރުމަށް 15 ޑިސެންބަރު 2025 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ދައުވާ ކުރުމަށް ޕީޖީ އޮފީހުން މިއަދު ކޯޓަށް ހުށަހަޅީ ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފާއި، ހ. ނިއުހެޕިނަސް، މުޢާޛު ޢަލީއާއި، ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަޙްމަދު ފިރުސާންއާއި ، ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙުއާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދުއާއި ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން، ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާގެ މައްޗަށެވެ.
މިގޮތުން މުޙައްމަދު ވަޙީދާއި އަޙްމަދު ޢާރިފް އަދި މުޢާޛު ޢަލީގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން / ވައްކަންކުރުމުގެ ކުށުގެ ދަޢުވާ އާއި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 82 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން / ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއެވެ.
އަދި ޙުސައިން ސާމިޙުއާއި އާދަމް ވަޙީދުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން / ވައްކަންކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާއިރު ޙަސަން ޢަބްދުއްރަޙްމާން އާއި މުޙައްމަދު އަލަމިން މިއާގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުން / ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އެވެ.
މީގެ އިތުރުން ޒިވާރު އިސްމާޢީލްއާއި އަޙްމަދު ޝަހީމް އަދި އަޙްމަދު ފިރުސާންގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން / ވައްކަންކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 82 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން / ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއެވެ.
ފުލުހުން ޕީޖީއަށް ދަައުވާކޮށްދިނުމަށް އެދި ހުށަހެޅި 11 ވަނަ ފަރާތަކީ ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފު އެވެ. ޕީޖީ އޮފިޙުން ބުނީ މުޙައްމަދު ޝަރީފުގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާކަމަށް ނުފެންނާތީ އޭނާގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާލާފައިވާނެ ކަމަށެވެ.
ޕީޖީ އޮފީހުގެ ބަޔާނުގައި އިތުރަށް ބުނީ މި މައްސަލާގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ މީހުން، މި ކުށުގެ ޢަމަލު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވެފައިވާތީ، އެ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވާނީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެއް ކަމަށެވެ. އަދި މި ދަޢުވާތަށް ސާބިތުވާ ޙާލަތުގައި، ކުށުގެ ޢަމަލުގެ ޒާތާއި ބާވަތާއި، ޙައްސާސްކަމަށް ރިޢާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެކަމަށްވެސް ވަނީ ބުނެފައި އެވެ.
ސިނގިރޭޓް ކޮންޓެއިނަރު ވައްކަން: ދައުވާކުރަން ކޯޓަށް، ޕީޖީން އެދެނީ ދިގަލި އާއި އާއްޓޭ އަދި މުއާޒުއަށް ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެއް ދޭން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ