ނާޖައިޒު ފައިދާ ހޯދަން ގާސިމް އެއްވެސް ކަމެއް ނުކުރައްވާ: އަލީ ސޯލިހު

މިހާތަނަށް އެއްވެސް ސަރުކާރެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނާޖައިޒު ފައިދާ ނަގައިގެން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ އެފަދަ ފައިދާއެއް ނުހޯއްދަވާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދިނުމަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ޖޭޕީއަށް ގިނަ ކަންތައްތައް ހުށަހަޅަމުންދާ ކަމުގެ ތުހުމަތުތައް އެކި ފަރާތްތަކުން ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ފަޅު ރަށްތަކާއި ބޮޑެތި ލޯނުތައް ހިމެނެ އެވެ.
އެ ތުހުމަތުތައް ކުރާ އެއް ސަބަބަކީ ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން ސަރުކާރުން އެއްބަސްވުމަށް ފަހު، އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި ގާސިމްގެ ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރޭވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން 130 މިލިއަން ރުފިޔާ ދެއްކުމެވެ.
ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާކުރީ ސަރުކާރު ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ރިސޯޓް ހެދުމަށްޓަކައި ޑަބްލިއުއެލްޓީ އަށް ތިން ރަށެއް ދޭން 2007 ގައި އެއްބަސްވުމަށް ފަހު، އެ ރަށްތައް ނުދިނުމުންނެވެ. އެ މައްސަލާގައި ޑަބްލިއުއެލްޓީން ދައުވާކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރާއި އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ހޯދުމަށެވެ.
އެކަންކަން ދޮގު ކުރައްވައި ޖޭޕީގެ އިސް ތަރުޖަމާނު އަލީ ސޯލިހު މިއަދު ވިދާޅުވީ ރާއްޖޭގެ އެއްވެސް ފަޅު ރަށަކާއި ފަޅަކާއި ފަރެއް އަދި ފިނޮޅެއް ވެސް ބަޔަކާ ގުޅިގެން ނާޖައިޒު ގޮތުގައި ނުވަތަ އެ ނޫން ގޮތަކަށް ވިޔަސް ގާސިމް މިހާތަނަށް ހޯދާފައި ނުވާ ކަމަށެވެ.
އެގޮތަށް ކަންކަން ކުރުމުގެ ވިސްނުމެއް ވެސް ދުވަހަކު ވެސް ގާސިމް ނުގެންގުޅޭ ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.
މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ޖޭޕީގެ ކޮންގްރެސްގެ ހަވާސާގައި އަލީ ސޯލިހު، ގާސިމްގެ ދެކަނބަލުންނާއެކު ސެލްފީއެއް ނަންގަވަނީ.
"އެފަދަ މުއާމަލާތެއްގެ މުގާބިލުގައި އެއްވެސް ފަރާތަކާއެކު މުއާމަލާތެއް ކުރެއްވިކަން އެއްވެސް އިރަކު ފެންނާކަށް ވެސް ނެތް،" ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ އަލީ ސޯލިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ތަހުގީގީ އެއްވެސް އިދާރާއަކުން އަދި ޝަރުއީ ކޯޓަކުން ވެސް ގާސިމާ ގުޅޭގޮތުން އެފަދަ މައްސަލައެއް ނިންމާފައެއް ނުވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި އަލީ ސޯލިހު ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ފަޅުތަކާއި ރަށްރަށް ވިއްކަވައިގެން ފައިސާ ލޯންޑަ ކުރިކަން ސާބިތުވެ ހުކުމެއް އައިސްފައިވާ ކަމަށެވެ.
"އެ ބޭފުޅަކަށް ތާއީދުކުރާކަން ރައްޔިތުންނަށް އެނގޭ ބަޔަކު، ގާސިމް އިބްރާހީމާ މިހާރު ޒާތީ ގޮތުން ދިމާކުރުމަކީ އެއްކަލަ ފައިސާތައް ހުދުކުރި ބީދައިން ޝަޚުސު ވެސް ހުދުކުރުމަށް އޮތް އެންމެ މޮޅު ގޮތް ކަމުގައި ދެކޭ ނަމަ އެއީ ކުށްހީއެއް. އެ ކަމަށް ފުރުސަތެއް ނެތް."
"ދިވެހިން ގާސިމް އިބްރާހިމް ދެކެނީ މަދަދުގާރެއްގެ ގޮތުގައި. ހަމަޖެހުން ގެނެސްދޭނެ ވެރިއެއްގެ ގޮތުގައި. ދުރުވިސްނުންފުޅާއެކު ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރެއްވި އަދި ކުރައްވާ ބޭފުޅެއްގެ ގޮތުގައި."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ