ބޯންމޯތު ދޫކޮށް ލަމާ ޕެލަސްއާ ގުޅެނީ

އިނގިރޭސި ޕްރިމިއަރ ލީގުގެ ބޯންމޯތަށް ކުޅެމުން އައި ޖެފަސަން ލަމާ، ކްރިސްޓަލް ޕެލަސްއާ ގުޅެން ނިންމައިފިއެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި ބޯންމޯތާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނަ ލަމާ ޕެލަސްއާ ގުޅުމަށް ހަމަޖެހިފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ކޮލަމްބިއާއަށް ނިސްބަތްވާ މިލަމާ ޕެލަސް އާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަންނަ މަހުގެ އެއްވަނަ ދުވަހު ބޯންމޯތާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައުމާއެކު، ލަމާ ޕެލަސްއަށް ސޮއިކުރާނެއެވެ.
ލަމާ ވަނީ ނިމިދިޔަ ސީޒަންގައި ބޯންމޯތަށް 37 މެޗް ކުޅެދީ ފަސް ލަނޑު ޖަހައިދީފައެވެ. 2018 ވަނަ އަހަރު ސްޕެނިޝް ލީގުގެ ލެވެންޓޭއިން ލަމާ ބޯންމޯތާ ގުޅިފައިވަނީ 25 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިއީ އެ ކްލަބްގެ ރިކޯޑެވެ. އަދި މިހާތަނަށް ވަނީ ޖުމްލަ 183 މެޗް އެޓީމަށް ކުޅެދީފައެވެ.
ޕެލަސްއިން އަންނަނީ އެޓީމްގެ މެދުތެރެއަށް ކުޅޭ ދެކުޅުންތެރިން ކަމުގައި ކެޕްޓަން ލޫކާ މިލިވޮޔެވިޗް އާއި ޖޭމްސް މެކާތާ މިނިމުނު ސީޒަނާއެކު އެޓީމް ދޫކޮށްދާތީ، އެ ޖާގަ ފޫބެއްދުމަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ލަމާއަކީ މިގޮތުން އެޓީމަށް ގެނެވޭ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ޕެލަސްގެ ޗެއާމަން ސްޓީވް ޕެރިޝް ވަނީ ހާމަކޮށްފައެވެ. ޕެރިޝް ހާމަކުރިގޮތުގައި ލަމާ ވަނީ ޕްރިމިއަރ ލީގުގައި މިދިޔަ ސީޒަންތަކުގައި ރަނގަޅު ކުޅުމެއް ދައްކައި، އޭނާގެ ފެންވަރު ހާމަކޮށްދީފައެވެ. އެހެންކަމުން އެ ފެންވަރުގެ ކުޅުންތެރިޔަކު އެޓީމާ ގުޅުން ވެގެންދާނީ ޓީމަށް ލިބިގެންދާ ކުރިއެރުމަކަށް ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ