މޭޔަރު އާޒިމްއަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި
އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާ ދިނުމުން އެކަން ރައީސް މުހައްމަދު މުއިއްޒު މިއަދު ކުށްވެރި ކުރައްވައިފި އެވެ. ރޭގެ މުޒާހަރާގައި، މުޒާހަރާގެ ބައިވެރިން މަގުމަތިން ހިނގާފައި ދަނިކޮށް މަގެއްގެ އަރިމަތީގައި ހުރި މީހަކު ވަނީ އާޒިމްގެ މޭމަތީގައި އަތް އަޅާ ކޮށްޕާލާފަ އެވެ. އެ ވަގުތު އާޒިމް ކައިރީގައި ތިބި ބަޔަކު ވަނީ ރައްދުގައި ހަމަލާދީފަ އެވެ.މި ހަމަލާއަކީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް އާޒިމް ވަނީ ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް ރަައީސް އޮފީހުން ނެރުނު ބަޔާނެއްގައއި ބުނީ، އާޒިމަށް ހަމަލާދިން ވީޑިއޯ ރައީސް މުއިއްޒަށް ފެނިވަޑައިގެންނެވި ކަމަށާއި އެ މައްސަލަ އެންމެ ހަރުކަށި އިބާރާތުން އެމަނިކުފާނު ކުށްވެރި ކުރެއްވި ކަމަށެވެ. "ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގެންފައިވާކަމަށާއި، މޭޔަރަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި އިބާރާތުން އެމަނިކުފާނު ކުށްވެރި ކުރައްވާކަން ދަންނަވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ. މާލޭގެ މޭޔަރަކީ ރައްޔިތުންގެ ވޯޓުން އިންތިހާބުވެފައިވާ ބޭފުޅެއްކަން ފާހަގަ ކުރައްވައި، ސިޔާސީ މަސައްކަތުގައި އުޅުއްވާއިރު ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ. "ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫން،" އެ ބަޔާނުގައި ބުނެފައިވެ އެވެ. މި މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް އަދި ނުކުރާ ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ