ގެއްލުނު ގޮނޑިއަށް ވާދަކުރަން ޕީއެންސީ ޓިކެޓު އަނެއްކާ ވެސް ސިނާއަށް
އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި، ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން ހޮވިވަޑައިގެންފިއެވެ. މިއަދު އޮތް އެ ޕާޓީގެ ޕްރައިމަރީގައި ސިނާނާ ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދެވެ. މި އިންތިޚާބުގައި ސިނާން ޓިކެޓް ކަށަވަރު ކުރެއްވީ ޖުމްލަ 226 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ސައީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ. ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 727 މީހަކަށް ލިބިފައިވާއިރު، މާލޭގައި ބެހެއްޓި ވޯޓުފޮށިން ސިނާން 59 ވޯޓު އަދި ސައީދު 37 ވޯޓު ހޯއްދެވިއެވެ. އަދި ހިތަދޫގައި ބެހެއްޓި ވޯޓުފޮށިން ސިނާން 167 ވޯޓު ކާމިޔާބު ކުރެއްވިއިރު، ސައީދަށް ލިބިވަޑައިގަތީ 150 ވޯޓެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، މެންބަރަކަށް ހުންނެވި ސިނާން، އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ