ގުރައިދޫ ދާއިރާގެ އެމްޓީޑީ ޓިކެޓަށް ތިން މީހަކު ވާދަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، (އެމްޓީޑީ)ގެ ޓިކެޓުގައި ވާދަކުރަން ތިން މީހަކު ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ. އެމްޓީޑީން ބުނީ ގުރައިދޫ ދާއިރާއަށް ކުރިމަތިލާން ހުޅުވައިލުމުން ކ. މާފުށީ ތިން ޒުވާނަކު އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެ ޕާޓީން ވަނީ އެ މީހުންގެ ގާނޫނީ ރެކޯޑް ސާފުކުރުމަށް ފަހު ހުށަހަޅަން އަންގާފައެވެ. https://twitter.com/MTDSecretariat/status/1634783511151538178 އެމްޓީޑީން ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ މާފުއްޓަށް ހާއްސަ އިސްކަމެއް ދީގެން "މިއީ މާފުށީ ފަހަރު- މިއީ ޒުވާނުންގެ ފަހަރު!" ޝިއާރުގައެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޓީޑީގެ އިތުރުން ވާދަކުރާ އިދިކޮޅު ޕީޕީއެމް އާއި އެމްޑީޕީގެ އިތުރުން އެމްއެންޕީން ވާދަ ކުރާނެ ކެންޑިޑޭޓުން ވަނީ ހޮވާފައެވެ. އެއީ: ހުސައިން ރިޟާ - ޕީޕީއެމް އިބްރާހިމް ޝާޒް - އެމްޑީޕީ އަލީ އާރިފު - އެމްއެންޕީ އިލެކްޝަން ކޮމިޝަނުން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިއުލާންކޮށްފައިވާ ތާރީހަކީ އަންނަ މަހުގެ 15 އެވެ. މި އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މާދަމާ 14:00 އެވެ. ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ ބައި އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ ނިޔާވުމާއި ގުޅިގެނެވެ. ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ