އަޑުއެހުންތަކަށް މާލެ އަންނަން ޔާމީން ބޭނުމެއް ނުވޭ

ބަލި ހާލަތުހުރި ގޮތުން އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ކުރީގެ ރައީސް އަބަދުالله ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ. ވ. އާރަށް ކުށްޔަށް ދިނުމުގެ މުއާމަލާ ގުޅިގެން އުފުލި މަނީލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ ރައީސް ޔާމީން އަންނަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނަވަނީ މާފުށީ ޖަލުގެ ޚާއްސަ ޔުނިޓެއްގައެވެ. އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާއިރު ވެސް އެމަނުކުފާނުގެ މައްޗަށް ވަނީ އިތުރު ދައުވާއެއް އުފުލައި ޝަރީއަތް ފަށާފައެވެ. އަދި ދަށު ކޯޓުގެ ބައެއް ނިންމުންތަކާ ހިތް ހަމަ ނުޖެހިގެން ހައި ކޯޓަށް އިސްތިއުނާފަށް ވެސް ތިން މައްސަލައެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ދެ މައްސަލަ ޝެޑިއުލްކޮށްފައިވާއިރު މިއަދު ވަނީ ހައި ކޯޓުގައި އެއް މައްސަލައިގެ އަޑުއެހުން ފަށާފައެވެ. ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީން އަދި ވަކީލުން ---- އެ އަޑުއެހުން ފަށައި ދިފާއަށް ދިން ފުރުސަތުގައި އެންމެ ފުރަތަމަ ކަމަކަށް ރައީސް ޔާމީންގެ ފަރާތުން ވަކީލް އަބްދުالله ސިޔާޒު އެދިވަޑައިގަތީ ދެން އޮންނަ އަޑުއެހުމެއް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށެވެ. އެއީ ރައީސް ޔާމީން އެގޮތަށް ބޭނުންފުޅުވެލައްވާތީ ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ. "ދެން އޮންނަ އަޑުއެހުމެއް އޮންލައިންކޮށް ކުރިއަށް ގެންދަވައިފިނަމަ ފަސޭހަވާނެ. އިސްތިއުނާފްކުރާ ފަރާތަކީ އެހެން ރަށެއްގަ ހުންނަ ފަރާތަކަށް ވާތީވެ ހާޒިރުކުރުމަށް ދަތިތެކެއް ހުންނާތީވެ އަދި އެ ފަރާތުގެ ބަލި ހާލަތު ވެސް ހުރި ގޮތުން ދަތުރުކުރުމުގައި އުނދަގޫތައް ހުރޭ," ސިޔާޒް ވިދާޅުވިއެވެ. މިއަދުގެ އަޑުއެހުމުގައި ދިފާއުގެ އެ ހުށަހެޅުމަކަށް ގޮތެއް ނުނިންމަވައެވެ. އަދި ދެން އޮންނަ އަޑުއެހުމެއް ބާއްވާނެ ވަކި ގޮތެއް ވެސް ރިޔާސަތަކުން އިއުލާނެއް ނުކުރައްވައެވެ. ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު މުޅި ރާއްޖެ ފުރަބަންދުކޮށް މާލޭގައި މީހުން ބޭރަށް ނުކުތުން މަނާކޮށްފައިވަނިކޮށް, ޝަރުއީ ދާއިރާގެ ކޯޓުތަކުން ވަނީ އެ މީހަކު އެހުރިތަނެއްގައި ހުރެގެން ވެސް އަޑުއެހުންތަކުގައި ބައިވެރިވެވޭނެ ގަވާއިދެއް އާންމުކޮށްފައެވެ. އަދި މީހުން ބަންދުކުރާ މަރުކަޒު ތަކުގައި އޮންލައިން ކޯޓު ރޫމުތައް ވެސް މިހާރު ވަނީ ގާއިމް ކޮށްފައެވެ. ގިނަ ދުވަސްތަކަކަށް ފަހު އަޑުއެހުމަކަށް މިއަދު ރައީސް ޔާމީން ހައި ކޯޓަށް ހާޒިރުކުރިއިރު އެމަނިކުފާނުގެ ޝަރީއަތް އަޑުއެއްސެވުމަށް ޕީޕީއެމް، ޕީއެންސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުالله އާއި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅުގެ ގިނަ މެންބަރުންތަކެއް ވެސް ހިމެނެއެވެ. އަޑުއެހުން ނިމުނުފަހުން އެ ބޭފުޅުންނާ ރައީސް ޔާމީނާ ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާލުމުގެ ފުރުސަތު ވެސް ލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ