އައްޑޫ ސިޓީން ކޮންމެ ދުވަހަކު ކަރަންޓް ދާ މައްސަލައާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށައެޅުމުން އެ މައްސަލަ ބޭރުކޮށްލުމާ ގުޅިގެން އެ މައްސަލަ ސަރުކާރު މަސްއޫލިއްޔަތު ބަލާ ކޮމެޓީއަށް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް މިއަދު ހުށަހެޅުއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ. އެ މައްސަލަ ބަހުސަކާ ހަމައަށް ނުގޮސް ބޭރުކޮށްލީ މަޖިލީހުގައި އައްޑޫ ތަމްސީލު ކުރައްވާ ޕީޕީއެމްގެ 2 މެމްބަރުންގެ ވޯޓާއެކީގަ އެވެ.
އައްޑޫ ސިޓީ އިން ކަރަންޓް ކެނޑޭ މައްސަލަ އަށް ހައްލެއް ހޯދުމަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަތުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން މަޖިލީހުގައި އައްޑޫ ސިޓީ ތަމްސީލު ކުރައްވާ އެމްޑީޕީގެ ހަތަރު މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރޮޒެއިނާ ވިދާޅުވީ އައްޑޫގައި ފެނަކަ ކޯޕަރޭޝަނުން ދެމުންދާ ކަރަންޓު ކެނޑެމުންދާތީ އެ މައްސަލަ، ސަރުކާރު މަސްއޫލިއްޔަތު ބަލާ ކޮމެޓީއަށް ހުށަހަޅައި، އެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި، ކަމާ ބެހޭ މިނިސްޓްރީތަކާއި މުއައްސަސާތަކާ ސުވާލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިފައިވާނެ ކަމަށާއި މި މައްސަލަ ކޮމެޓީއަށް ހުށަހެޅީ ރޮޒައިނާ އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުގެ ނަމުގައި ކަމަށެވެ.
މި މައްސަލައިގައި ޕީޕީއެމްގެ އައްޑޫ ސިޓީގެ މެންބަރުން އަމަލުކުރެއްވި ގޮތުން ހިތާމަ ކުރައްވާ ކަމަށާއި މެމްބަރުން ބޭނުންވީ ސަރުކާރު ދިފާއުކުރުމަށް ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ އައްޑޫ ސިޓީ އިން ކަރަންޓް ކެނޑެމުންދާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެންނަށް އުޅުމުން މަޖިލީސް ތެރެއިން އެކަން ނުވި ކަމަށާއި އެކަން ނުވީ ސަރުކާރަށް ތާއިދުކުރައްވާ މެމްބަރުން އެކަމަށް ހުރަސް އެޅުއްވުމުން ކަމަށެވެ..
ކަރަންޓް ނެތުމުގެ ސަބަބުން މި ރޯދަމަހު އައްޑޫގެ އެތައް މިސްކިތްތަކެއްގައި ތަރާވީސް ނަމާދުކުރަނީ ކަނުއަނދިރީގައި ކަމަށާއި އިސްލާމިކް މިނިސްޓްރީގެ މިސްކިތު ފަންޑުން ހަރަދު ކޮށްގެން ނަމަވެސް މިކަމަށް ހައްލެއް ގެނެސްދޭން ޖެހޭ ކަމަށް ވެސް ދީދީ ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ސަރުކާރު މަސްއޫލިއްޔަތު ބަލާ ކޮމިޓީއަށް ހުށައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ