މެމްބަރު ޝިޔާމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ދޫކޮށްލައިފި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި އެއްވުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ، ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ދޫކޮށްލައިފި އެވެ.
ޔާމީނަށް ކުރާ އަނިޔާ ހުއްޓާލުމަށާއި "ތަރައްގީގެ ބާނީ" ދޫކޮށްލަން ގޮވާލައި މާލޭގައި ބޭއްވި އެއްވުމުގައި ޝިޔާމާ އެކު، އިތުރު ބަޔަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
އޭގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިފުޅު އިބްރާހިމް ފައިސަލާއި ވޮލީބޯލް އެސޯސިއޭޝަނުގެ ކުރީގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ހިމެނެ އެވެ.
އެކަމަކު، ޗިޓު ދިނުމަށް ފަހު، ފުލުހުން ވަނީ އެމީހުން ދޫކޮށްލައިފަ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގުޅިގެން މާލޭގައި ރޭ ބޭއްވި އެއްވުން. --
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި 77 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެކަމަކު، އެ ހުކުމް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގަބޫލެއް ނުކުރެ އެވެ. އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެއީ އިންސާފުން ބޭރުން، ސިޔާސީ މަގްސަދެއްގައި ކުރި ހުކުމެކެވެ. އެހެންވެ، ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލްކޮށް، އެމަނިކުފާނު ވަގުތުން މިނިވަން ކުރަން ޖެހޭނެ ކަމަށް އެމީހުން ދެކެ އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ސަޕޯޓަރުން މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެން ސިލްސިލާ މުޒާހަރާތަކެއް ވަނީ ފަށައިފަ އެވެ.
ރޭގެ މުޒާހަރާ ގައި އިދިކޮޅު ސަޕޯޓަރުން އެންމެ ފުރަތަމަ އެއްވީ، މަޖީދީ މަގު، ޗާންދަނީ މަގު ކަންމައްޗަށެވެ. އަދި ބައެއް ސަޕޯޓަރުން ޖުމްހޫރީ ޕާޓީގެ އޮފީސް އަދި ޖަގަހަ މ. ކުނޫޒާ ދިމާ އަށް ގޮސް އަޑު އުފުލި އެވެ. އެއްވުމުގެ ބައިވެރިން ފުލުހުންގެ ސަފުތައް ފަޅާލާފައި މަޖީދީ މަގުން އިރަށް ހިނގާފައި އަބަދަށް ފެހި މަގުން ދަނިކޮށް، އެސްއޯ ފުލުހުން ނުކުމެ، އެއްވުމުގެ ބައިވެރިން ވަނީ ބައިބައިކޮށްލައިފަ އެވެ.
އެއްވުމުގައި ބައިވެރިވި އިސް ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އަބަދަށް ފެހި މަގަށް އެރިތަނާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ