ސްކޫލް ދަރިވަރުން ރޭގަނޑު 10ގެ ފަހުން މޯބައިލް ފޯން ބޭނުންކުރުން މަނާކޮށްފި

ޖަޕާނުގެ ސިޓީއެއް ކަމަށްވާ ކަސުގާގައި ހުންނަ ޖޫނިއާ ހައި ސްކޫލްތަކުގެ ދަރިވަރުން ރޭގަނޑު ވަކި ވަގުތެއްގެ ފަހުން މޯބައިލްފޯން ބޭނުންކުރުން އެ ސިޓީގެ ބޯޑް އޮފް އެޑިއުކޭޝަނުން މަނާކޮށްފި އެވެ.
އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް ނޫހުގައި ބުނެފައި ވަނީ، އެ ސިޓީގެ ސްކޫލްތަކާއި ޕޭރަންޓް ޓީޗާސް އެސޯސިއޭޝަންތަކާ މަޝްވަރާކުރުމަށް ފަހު، އެ ސިޓީގެ ބޯޑް އޮފް އެޑިއުކޭޝަނުން ނިންމި އެ ނިންމުމުގެ ދަށުން ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު އެ ސިޓީގެ ޖޫނިއާ ހައި ސްކޫލް ދަރިވަރުންގެ ފޯންތައް ބެލެނިވެރިންނާއި ހަވާލުކުރަން ޖެހޭ ކަމަށެވެ.
އެ ބޯޑްގެ އޮފިޝަލަކު ވިދާޅުވީ، އެ ނިންމުން ނިންމާފައި ވަނީ ވަކި ހާދިސާއެއް މެދުވެރިވެގެން ނޫން ކަމަށާއި ދަރިވަރުން މޯބައިލްފޯން ގެންގުޅޭތީ އެކަމުގެ ކަންބޮޑުވުން އޮތުމުން ކަމަށެވެ. ނަމަވެސް އެގޮތަށް އަމަލު ނުކޮށްފި ނަމަ، ދޭނެ އަދަބެއް އެ ބޯޑުން ނިންމާފައެއް ނުވެ އެވެ.
ޖަޕާނުގެ ކަސުގާގައި ހަ ޖޫނިއާ ހައި ސްކޫލް ހުންނައިރު، އެ ހުރިހާ ސްކޫލަކަށް ވެސް ރޭގަނޑު މޯބައިލް ފޯން ބޭނުންކުރުން މަނާކުރިކަން އަންގައި ޕޯސްޓަރާއި ލީފްލެޓް ވަނީ ބަހާފަ އެވެ.
ޖަޕާނުގެ ސަރުކާރުން ބުނެފައި ވަނީ، އިންޓަނެޓްގެ ސަބަބުން ދަރިވަރުން އުޅޭ ނޫޅޭ ގޮތް ބަލަން ބެލެނިވެރިންނަށް އުނދަގޫވާ ކަމަށެވެ. އަދި އިންޓަނެޓްގެ ސަބަބުން ސައިބަރު ބުލީން އާއި ސިއްރު މައުލޫމާތުތައް ލީކް ވުން ފަދަ ކަންތައް ވުމުގެ ބިރު އެބަ އޮތް ކަމަށްވެސް ބުނެފައިވެ އެވެ.
ޖަޕާނުގެ ކެބިނެޓް އޮފީހުން މިދިޔަ އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރު މަހު އެގައުމުގައި ހެދި ސާވޭއަކުން ދައްކާގޮތުގައި ޖަޕާނުގެ ޖޫނިއާ ހައި ސްކޫލް ދަރިވަރުންގެ ތެރެއިން 52 ޕަސެންޓް ދަރިވަރުންގެ އަތުގައި މޯބައިލްފޯނެއް އޮންނައިރު، އޭގެން ދެބައިކުޅަ އެއްބައި ކުދިންގެ އަތުގައި އައިފޯން ފަދަ ސްމާޓްފޯނެއް އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ