ގިނައިރުތަކަކަށް ފަހު ގެމަނަފުއްޓަށް ކަރަންޓު ލިބިއްޖެ

ގއ. ގެމަނަފުށީގައި ބޭނުންކުރަމުންދިޔަ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ގިނައިރުތަކެއް ވަންދެން ކަރަންޓު ކެނޑިފައި ހުރުމަށްފަހު އެ މައްސަލަ ހައްލުކޮށް ކަރަންޓު ދީފިއެވެ.
ގެމަނަފުށީ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ މުހައްމަދު ޝިޔާމް ސަން އަށް ވިދާޅުވީ ކަރަންޓް ކެނޑެން ދިމާވީ ޖަނަރޭޓަރުގެ ބައެއް ހަލާކުވެގެން ކަމަށާއި ކަރަންޓް ދޭން ފަށާފައިވަނީ ޖަނަރޭޓަރަށް ބޭނުންވާ ސާމާނު މާލެ އިން ގެނެސްގެން ކަމަށެވެ.
މިއަދު ހެނދުނުން ފެށިގެން އެރަށުން ކަރަންޓު ކެނޑިފައި ހުރުމަށްފަހު އަލުންް ކަރަންޓު ދީފައި ވަނީ މިއަދު ހަވީރު 5:45 ހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި އަލުން ކަރަން ދޭން ފެށުން ނަމަވެސް ހޯދިފައިވަނީ ވަގުތީ ހައްލެކެވެ. ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ މިހާރު ބޭނުން ކުރަމުންދާ ޖަނަރޭޓަރުގެ އިތުރުން އެހެން ޖަނަރޭޓަރެއް ބޭނުންކުރަން ފެށުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މައްސަލަ ދިމާވަނީ އެންމެ ޖަނަރޭޓަރެއް ބޭނުން ކުރަން ޖެހޭތީ. އެއީ މި ރަށަށް ބޭނުންވާ ވަރަށް ކަރަންޓް ދެވޭ ވަރުގެ ޖަނަރޭޓަރެއްނޫން. މިހާރު އެބަހުރި އިތުރަށް ހަދައިގެން ބޭނުން ކުރެވިދާނެ ޖަނަރޭޓަރެއް. އެ ބޭނުން ކުރަން ފެށިއްޖެއްޔާ ދާއިމީ ހައްލެއް ލިބިދާނެ،" ޝިޔާމް ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަނުން އެރަށުގައި ކަރަންޓު ދިނުމަށްޓަކައި 80 ކިލޯ ވޯޓްގެ ޖަނަރޭޓަރަކާއި 144 ކިލޯ ވޯޓްގެ އިތުރުން 180 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ބަހައްޓާފައިވާއިރު ބޭނުން ކުރަމުންދަނީ ހަމަ އެކަނި 180 ކިލޯ ވޯޓްގެ ޖަނަރޭޓަރެވެ.
ކައުންސިލް އިދާރާގެ ޑިރެކްޓަރު ވިދާޅުވި ގޮތުން 80 ކިލޯ ވޯޓުގެ ޖަނަރޭޓަރު މިހާރު އޯވާހޯލް ކުރަން ޖެހިފައިވާއިރު 144 ކިލޯ ވޯޓްގެ ޖަނަރޭޓަރުގެ ސްޓާޓިން މޯޓަރު ވަނީ ހަލާކުވެފަ އެވެ. މިއީ ރޯދަ މަހުގެ ތެރޭގައި އެރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވި ތިން ވަނަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ