މަރުގެ އަދަބު ތަންފީޒު ކުރުން ލަސްކުރަން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލު ކޮށްފި
ރާއްޖޭގެ މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރުމަށް ހައި ކޯޓުން އިއްޔެ ނެރުނު އަމުރު ސުޕްރީމް ކޯޓުން ރޭ ބާތިލްކޮށްފި އެވެ.
ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދުގެ ދުސްތޫރީ ހައިސިއްޔަތާމެދު އެއްވެސް ކޯޓެއްގައި ގާނޫނީ ގޮތުން ޗެލެންޖު ކުރެވޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި ހައި ކޯޓުގެ ނިންމުމަކީ އޭޣެ ޒާތުގައިވެސް ބާތިލް އަދި ޝަރުއީ ގޮތުންނާއި ގާނޫނީ އެއްވެސް އަސާސެއް ނެތް އަމުރެއް ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.
މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރަން ހައި ކޯޓުން އިއްޔެ ވަގުތީ އަމުރެއް ނެރުނީ، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ހައި ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ހައި ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދުގެ ބައެއް ބާތިލް ކުރުމަށް އެމްޑީއެން އިން ހުށަހެޅި އެ މައްސަލަ ބަލައި ނިމެންދެން މަރުގެ އަދަބު ތަންފީޒު ކުރުން މަޑު ޖައްސާލުމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ރާއްޖޭގައި މަރުގެ އަދަދު ތަންފީޒު ކުރުމާ ގުޅޭ ގޮތުން ހަދާފައިވާ ގަވާއިދު، “ގަސްތުގައި މީހަކު މެރުގެ ކުށް ތަހުގީގު ކުރުމުގަ އާއި އެ ކުށުގެ ކުށް ތަންފީޒު ކުރުމުގައި އަމަލު ކުރަންވީ ގޮތުގެ ގޮތުގެ ގަވާއިދު”ގެ ގަވާއިދުގެ ދަށުން ދެ ހުކުމެއް ސުޕްރީމް ކޯޓުންކޮށްފައިވާ ކަމަށެވެ.
އެއީ އަފްރާޝީމްގެ ގާތިލް ހ. ލޮބީ ހުސައިން ހުމާމު މެރުމަށާއި ގާނޫނީ ވަކީލް ނަޖީބުގެ ގާތިލް މ. މަސްރޫރާ އަހްމަދު މުއްރަތުގެ މެރުމަށް އެ ކޯޓުން ކުރި ހުކުމެވެ.
އެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ ދެ މީހުން މެރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނިކޮށް، އެ ގަވާއިދުގެ ދަށުން ބައެއް ތަންފީޒު ކުރުން ވަގުތީ ގޮތުން ހުއްޓުވާފައި ވަނީ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށް ވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ ރ. ގައި ބުނެފައިވަނިކޮށް ކަމަށް އަމުރުގައިވެ އެވެ.
ސުޕްރީމް ކޯޓުން މަރަން ތާއީދު ކުރި ދެ މީހުންގެ ތެރެއިން ހުމާމްއަށް ހުކުމް ކުރި ފަހުން އިއްޔެއަށް ވަނީ 30 ދުވަސް ހަމަވެފައި އެވެ. ނަމަވެސް އޭނާ މެރުމާއި މެދު އަދި ގޮތެއް ނުނިންމޭ ކަމަށް ކަރެކްޝަންސް އިން މީޑިއާގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ