ގައުމުގެ މިސްރާބު ހުރި ގޮތުން އެއްވެސް ރައްޔިތަކު ހިތްހަމަނުޖެހޭ ކަމަށާއި އެ މިސްރާބު ބަދަލު ކުރުމަކީ އެންމެންގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގައުމުގެ ކަންކަން ހުރީ އެންމެ އެދެވޭ ގޮތަށް ނޫންކަން ގައުމަށް ހެޔޮއެދޭ ކޮންމެ ރައްޔިތަކު ވެސް ގަބޫލުކުރާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޕީޕީއެމް އުފެއްދީ ގައުމީ އަދި ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށް ވާއިރު، ގައުމުގެ މިސްރާބާ މެދު ރައްޔިތުން އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ކަމަށެވެ.
"އެހެންކަމުން، ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް ގައުމު މިދާ މިސްރާބު ބަދަލުކުރުމަށް މަސައްކަތް ކުރުމަކީ، މިވަގުތު އަޅުގަނޑުމެން އެންމެންގެ މައްޗަށް ލާޒިމު ވެފައިވާ ކަމެކެވެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އިސްލާމްދީން ރައްކާތެރިކޮށް، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައި، ދިވެހީންގެ އަތްމަތީގައި އޮތް ގުދުރަތީ މުއްސަނދިކަން ހިފެހެއްޓުން ވާޖިބު ކަމަށެވެ. އަދި ރާއްޖޭގައި ހަރުދަނާ ޑިމޮކްރެޓިކް ވެއްޓެއް ގާއިމް ކުރުމާއި ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރުމާއި މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ހަރުދަނާ ކުރުމާއި އަދުލު އިންސާފު ކަށަވަރު ކުރުމަކީ ވެސް ވާޖިބު ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
އެހެން ކަމުން، އެންމެހައި ރައްޔިތުންނާއި ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން، ގައުމުގެ މިހާރާއި މުސްތަގްބަލަށް އިތުރު އަޒުމަކާ އެކު މަސައްކަތް ކުރުމަށް މައުމޫން ގޮވައިލެއްވި އެވެ.
ޕީޕީއެމް ތެރޭގައި ދެ ފެކްޝަނެއް އުފެދި، މައުމޫނާއި ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. މައުމޫން ކުރިން ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމަލުތައް ހުރީ ޕީޕީއެމް އުފެއްދި އުސޫލުތަކާ ހިލާފަށެވެ. އެ ގޮތުން ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއާ ހިލާފު އެތައް ގާނޫނުތަކެއް ފާސް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގައުމުގެ މިސްރާބު ބަދަލުކުރުން އެންމެންގެ މައްޗަށް ލާޒިމް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ