އެއްބަސްވުމެއްގެ މައްސަލަ ހޫނުވެ ތޫނު އެއްޗެއްސަކާއެކު ބަޔަކު މަސްދޯންޏަކަށް އަރައިފި

ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނު އެއްޗެހި ހިފައިގެން ބަޔަކު އަރައފި އެވެ. ފުލުހުން ބުނެފައިވަނީ ރޭގެ 11:55 ހާއިރު ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ބަޔަކު ލޯންޗެއްގައި ގޮސް އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރުމުން، އެ ދޯނި ލ. ގަމު ތުނޑިއަށް ކައިރިކޮށްފައިވާ ކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބެލި ބެލުމުން އެ ލޯންޗަށް ބަޔަކު އެރިކަން ހުރިކަންވެސް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނެފައިވަނީ ދޯންޏަށް ބަޔަކު ދިޔައިރު ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނިތެރޭ ހުރި ކަމަށެވެ. އެހެންކަމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ދޯންޏަށް ބަޔަކު އެރި ނަމަވެސް އެ ދޯނީގެ ތެރޭގައި މާރާމާރީއެއް ހިނގާފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދޯންޏަށް ބަޔަކު ގޮސްފައިވަނީ އެއްބަސްވުމެއްގެ މައްސަލައިގައި ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ބަޔަކު އެ ދޯންޏަށް އަރާފައިވަނީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައި އެ އެއްބަސްވުމަށް އަމަލު ނުކުރާތީ ކަމަށް ބުނެ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާއިރު އެ މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ