14 އަހަރު ތެރޭގައި މިފްކޯއިން އެންމެ ގިނައިން މަސް ގަނެ، އެންމެ ގިނަ ފައިސާ ދިނީ މިދިޔަ އަހަރު: ރައީސް

ވޭތުވެ ދިޔަ 14 އަހަރު ތެރޭގައި، ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން އެންމެ ގިނައިން މަސް ގަތީ މިދިޔަ އަަހަރު ކަމަށާއި އަދި މިދިޔަ އަހަރަކީ އެންމެ ގިނައިން މަސްވެރިންނަށް ފައިސާ ދިން އަހަރު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވި ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް ވިދާޅުވީ ބޮޑު ގެއްލުމެއްގައި މިފްކޯ ހިންގާތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި ސަރުކާރާއި އެސްޓީއޯ އިން އެ ކުންފުންޏަށް 571 މިލިޔަން ރުފިޔާ ދީފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރަން ޖެހުނީ އެ މަނިކުފާނު ވިދާޅުވިގޮތުގައި މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމަަކަށް އަޔަނުދިނުމަށެވެ.
"މިދިޔަ އަހަރަކީ މިފްކޯގެ ވޭތުވެދިޔަ 14 އަހަރުގެ ތާރީހުގައި ވެސް އެންމެ ގިނަ މަސް ގަތް އަހަރު. އެއީ 48،494 ޓަނުގެ މަސް. އަދި އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދީފައި ވަނީ ވެސް މިދިޔަ އަހަރު،" ރައީސް ވިދާޅުވި އެވެ.
މަސްވެރިކަމަކީ ރާއްްޖޭގެ އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި އެންމެ އިސްކަންދޭން ޖެހިފައިވާ އެއް ދާއިރާ ކަމަށާއި ޓޫރިޒަމެެކޭ އެއްގޮތަށް އެއީ ވެސް ދުނިޔޭގެ މަގުބޫލުކަން ހޯދޭނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ އެމަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖޭގެ މަސްވެރިކަމަކީ ތިމާވެށްޓާ އެންމެ ރަހުމަތްތެރި ގޮތަށް ކުރެވޭ މަސްވެރިކަަމަށް ވާތީ އެވެ.
މަހާއި މަހުން އުފައްދާ ތަކެތި އެކްސްޕޯޓްކުރުމުގެ ވިޔަފާރި ސަރުކާރުން ނުކުރުމަށް ބައެއް ފަރާތްތަކުން ގޮވައިލަމުން ގެންދާ ގޮވައިލުން ތަކަށް ވެސް މިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް އެޑްރެސް ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ފަރާތްތަަކަށް ދޫކޮށްލުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް ބުނެވިދާނެ ކަމަށެވެ.
"އެކަމަކު މިވަގުތަކީ އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތުކަަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. މިވަގުތު އެގޮތަށް ކަންތައް ކޮށްފި ނަމަ މަސްވެރިކަމަށް ބޮޑެތި އެތައް ލޯނުތަކެެއް ނަގައިގެން ތިބި އެތައް އޮޑިވެރިންނެެއް ބަނގުރޫޓުވެދާނެކަމުގެ ބިރު އެބަ އޮތް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި އަމިއްލަވިޔަފާރިވެރިންގެ އަތްމައްޗަށް މަސްވެރިކަމުގެ އިންޑަސްޓްރީ ދޫކޮށްލަން މީގެ އަހަރުތަކެއް ކުރިން ސަރުކާރުން މަސައްކަތްކުރި އެެވެ. އެގޮތުން އަމިއްލަ ފަރާތްތަކަށް ބޮޑެތި ލުއިތައްވެސް ދިން ކަމަށާއި އެހެން ނަމަވެސް މަސްވެރިންގެ ޝަކުވާތައް ދިޔައީ އިތުރުވަމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުން. އަދި އެ ޝަކުވާތަކަށް ހައްލެއް ހޯދުމަށް މިއަންނަނީ މަސައްކަތްކުރަމުން،" ރައީސް ވިދާޅުވި އެވެ.
މަަސްވެރިންނާއި މަސްވެރިކަމާ ބެހޭ ގޮތުން ރައީސް މިހާ ތަފްސީލުކޮށް ވާހަކަފުޅު ދެއްކެވީ މަހުގެ އަގުދަށްވުމާއި މަސްކިރުވަން ދަތިވުމުގެ ޝަކުވާއާއި އެކު ބައެއް މަސްވެރިން މިފްކޯގެ ފެލިވަރު މަސްފެކްޓްރީއަށް ގޮސް ބޮޑު މުޒާހަރާއެއް ކޮށްފައި ވަނިކޮށެވެ. އެ މުޒާހަރާގައި މަސްވެެރިން ޑިމާންޑްކުރީ މަސްކިލޯއެއްގެ އަގު 20ރ. އަށް ވުރެ ދަށް ނުކޮށް ހިފެހެއްޓުމާއި ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ.
އެ ޑިމާންޑްތަކަށް ޖަވާބުދެއްވައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މިފްކޯ އޮތީ ވަރަށް ހާލުގައި ކަމަށާއި ރާއްޖޭގެ އިގުތިސާދު ވެސް ދަށް ދުވަސްވަރެއްގައި ހަމަ އެކަނި މަސްވެރިން ބޭނުންވާ ގޮތަކަށް އަގު ބަދަލުކުރުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ