މޫދަށް ވެއްޓުނު ކާރުގައި ތިބި މީހުން ސަލާމަތްކޮށްދިން ޖަލު އޮފިސަރުންނަށް ކޮމިޝަނަރުގެ ޝުކުރު

ކޮންޓްރޯލް ނުވެގެން މާފުށީ ފަޅުތެރެއަށް ވެއްޓުނު ކާރުގައި ތިބި ތިން މީހުން ސަލާމަތްކުރި ދެ ޖަލު އޮފިޝަލުންނަށް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ހިތްވަރުދެއްވައިފިއެވެ.
ކާރުގައި ތާށިވެފައި ތިބި ތިން މީހުން ސަލާމަތްކޮށްދިނީ، އޭއެސްޕީ އަބްދުލް ގަނީއާއި ޕީވީޓީ ހުސައިސް ސަލާހެވެ. އެ ދެ އޮފިސަރުން ވަނީ ކ. މާފުށީ ބަނދަރުން މޫދަށް ކާރު ވެއްޓުމާއެކު، ކާރު އަޑިއަށް ދިއުމުގެ ކުރިން ދޮރު ހުޅުވައި އޭގައި ތިބި ތިން މީހުން ސަލާމަތްކޮށްފައެވެ.
ކޮމިޝަނަރު އޮފް ޕްރިޒަންސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދެ އޮފިސަރުންގެ އަވަސް އަދި ހިކުމަތްތެރި މަސައްކަތަށް ޝުކުރު އަދާކޮށް ހިތްވަރުދޭ ކަމަށެވެ.
މާފުށީ ފަޅުތެރެޔަށް ކާރެއް ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އެ ހާދިސާ ހިނގީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އެ ހާދިސާ ހިނގިއިރު ކާރުގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކަށް އަނިޔާވުމާ ގުޅިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ، ކާރު މޫދަށް ވެއްޓުނު ވަގުތު ބަނދަރުގައި އަޅާފައި އޮތް ދެ ލޯންޗެއްގައި ޖެހުނު ކަމަށާއި އެ ދެ ލޯންޗަށްވެސް ގެއްލުންވެފައިވާ ކަމަށެވެ.
މޫދަށް ވެއްޓުނު ކާރު ދުއްވާފައި ވަނީ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ