މާފުށީ ޖަލުގައި ބަޑިޖެހި ހާދިސާ އިތުރަށް ދިރާސާކުރަނީ

މާފުށީ ޖަލުގައި 2003 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ގައިދީންގެ ގަޔަށް ބަޑިޖެހި ހާދިސާގައި ޝަރީއަތަށް ކުށް ސާބިތުވެފައިވާ މީހުންގެ އިތުރުން ބަޑި ޖެހުމަށް އެހެން ފަރާތަކުން އަމުރެއް ނެރެފައި ވޭތޯ ބެލުމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކޮށް، އެކަން ހިނގައިދިޔަ ގޮތް އިތުރަށް ދިރާސާކުރުމަށް ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލައިފި އެވެ.
ސެޕްޓެމްބަރު ،20 2003 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގާދިޔަ ބަޑިޖެހުމުގެ ހާދިސާ އިތުރަށް ދިރާސާ ކުރުމަށް ވަޒީރުންގެ މަޖިލީހުގައި ކުރި މަޝްވަރާތަކާ ބެހޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
އަނިޔާކޮށް އީވާން ނަސީމު މަރާލުމާއި ގައިދީންގެ ގަޔަށް ބަޑި ޖެހި މައްސަލާގައި، ގަސްދުގައި މީހުން މެރުމުގެ ކުށުގައި ފަސް މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެ އެވެ.
ޖަލުގައި ހިނގި ހާދިސާތަކާ ގުޅިގެން އެކަން ރިއާސީ ކޮމިޝަނަކުން ތަހުގީގުކޮށް ހިންގި ޝަރީއަތުގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ މާލޭ މުނިސިޕަލްޓީ ހާއްސަ ދަފުތަރު ޝާހިދު އަލިމަނިކާއި ލ. މާވަށު ޒިޔާރަތްދޮށުގޭ އިބްރާހިމް ޝަރީފާއި ހދ.ކުޅުދުއްފުށީ ނޫރާނީއާގޭ އަހުމަދު މުޖުތަބާ ހުސެން އާއި ހއ. ހޯރަފުށީ އަންދަލީބުގޭ ހަސަން ރިފާއުގެ މައްޗަށެވެ.
އެ ދުވަހުގެ ހާދިސާއާ ގުޅިގެން ގަސްދުގައި މީހުން މެރުމުގެ ކުށުގައި ބައިވެރިވުމުގެ ކުށް ސާބިތުވާތީ އުމުރަށް ޖަލަށްލުމަށް ހުކުމް ކުރީ އޭރު މާފުށީ ޖަލުގެ ސެކިއުރިޓީ ބަލަހައްޓާ ޔުނިޓްގެ އިސްވެރިއަކަށް ހުންނެވި މއ. ދިހި އާދަމް މުހައްމަދުގެ މައްޗަށެވެ. ނަމަވެސް ހައި ކޯޓުން ފަހުން ވަނީ އާދަމް މުހައްމަދުގެ ކުށެއް ނެތް ކަމަށް ހުކުމްކޮށްފަ އެވެ.
މާފުށީ ޖަލުގައި ހިންގި ހަމަނުޖެހުމުގައި ސިފައިންނާއި އާއްމުންނާ ދެމެދު ހިނގި ކުރިމަތިލުންތައް ކޮންޓްރޯލްކުރުމަށް ބަޑިޖެހުމުގެ ސަބަބުން ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ މ. ބިންއުނިމާގޭ އަބްދުﷲ އަމީނާއި ގއ. ވިލިނގިލީ ޖަނަވަރީމާގޭ އަހުމަދު ޝިޔާޒާއި ޅ. ނައިފަރު ސިނަމާގޭ އަލީ އަސްލަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ