އިންސާނީ ހައްގުތަކަށް ހޭލުންތެރި ކުރުމުގެ ގޮތުން އިންޓަ ސްކޫލް ކުއިޒް މުބާރާތެއް ފަށައިފި

އިންސާނީ ހައްގުތަކަށް ހޭލުންތެރި ކުރުމުގެ ގޮތުން އިންޓަ ސްކޫލް ކުއިޒް މުބާރާތެއް އެޗްއާރުސީއެމުން އިއްޔެ ފަށައިފި އެވެ.
މާލޭގެ ގިނަ ސްކޫލްތަކަކުން ބައިވެރިވާ ކުއިޒް މުބާރާތް ކުރިއަށް ގެންދާނީ މި މަހު 24 އިން އަންނަ މަހުގެ 1 އަށެވެ.
އެޗްއާރުސީއެމުން ބުނީ އެފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ދަރިވަރުންގެ މެދުގައި އިންސާނީ ހައްގުތަކަށް ހޭލުންތެރި ކުރުވުމާއި އަދި އިންސާނީ ތަފާތު ދާއިރާތަކުގެ މައުލޫމާތު މުއްސަނދި ކުރުމުވެ. އެގޮތުން މުބާރާތުގައި ހިމެނޭ ބައިތަކުގެ ތެރޭ އިންސާނީ ހައްގުތަކުގެ ތާރީޚާއި އިންސާނީ ހައްގުތަކާއި އިސްލާމްދީނާއި ކުޑަކުދިންގެ ހައްގުތަކާއި އަންހެނުންގެ ހައްގުތަކާއި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާއި ސިއްހަތާއި އުނގެނުމުގެ ހައްގުތައް ހިމެނެ އެވެ. އަދި ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ތަފާތު ހައްގުތަކުގެ މައުލޫމާތު ވެސް އެ މުބާރާތުން ދަރިވަރުންނަށް އެނގިގެންދާނެ ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.
އެޗްއާރުސީއެމުން ބުނީ އިންސާނީ ހައްގުތަކަށް ދަރިވަރުން ހޭލުންތެރި ކުރުމުން އެކުދިންނަށް އަމިއްލަ ހައްގުތައް ދެނެގަނެ، އެހެން މީހުންގެ ހައްގުތަކަށް އިހްތިރާމްކޮށް އަދި ރައްކާތެރިވުމަށާއި ދަރިވަރުންގެ މެދުގައި އިންސާނީ ކަރާމާތައް އިހުތިރާމްކުރުމާ އެކު ސުލްހަވެރިކަމަށް ލޯބިޖެހި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުން ހަރުދަނާ ވެގެންދާނެ ކަމަށެވެ.
ޖުމްލަ 16 ސްކޫލަކުން ބައިވެރިވާ ކުއިޒް މުބާރާތުގައި ފެށުމުގެ ގޮތުން އިއްޔެ ބައްދަލު ކޮށްފައި ވަނީ ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ