2018 ވަނަ އަހަރު ނިމުމުގެ ކުރިން ހޯރަފުށީގައި އެއާޕޯޓެއް އޮންނާނެ: ސިޔާމް

2018 ވަނަ އަހަރު ނިމުމުގެ ކުރިން ސަރުކާރުން، ހއ. ހޯރަފުށީގައި އަޅައިދޭނެ ކަމަށް ސަރުކާރު ހިންގާ ކޯލިޝަނުގެ ޕާޓްނަރު މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ސިޔާމް މިގޮތަށް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ހޯރަފުށީގެ ރަށު ކައުންސިލަށް ކުރިމަތިލާ އެމްޑީއޭގެ ތިން ކެންޑިޑޭޓުން ތައާރަފް ކުރުމަށްޓަކައި ހއ، ހޯރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ސިޔާމް ވިދާޅުވީ، 2014 ވަނަ އަހަރުގައި މަޖިލިސް އިންތިހާބުގައި ހޯރަފުށީ ދާއިރާއަށް ކުރިމަތިލި އެމްޑީއޭގެ ކެންޑިޑޭޓު މުހައްމަދު އިސްމާއިލު އިންތިހާބުކޮށްފިނަމަ ހޯރަފުށީގައި އެއާޕޯޓެއް އަޅައިދޭނެ ކަމުގެ ވައުދު ވެވަޑައިގެންފައިވާ ކަމަށެވެ.
ހޯރަފުއްޓާއި އިހަވަންދިއްޕޮޅު ރައްޔިތުންނަށް އެއާޕޯޓެއް ހައްގުވާކަމަށާއި އެހެންކަމުން މުހައްމަދު އިސލްމާއިލް ހޮވައިދީފިނަމަ އެއާޕޯޓް އަޅައިދޭނެ ކަމަށާއި ނުވަތަ އެއާޕޯޓު އެޅެންދެން ލޯންޗް ދަތުރުތައް ބާއްވައި ދޭނެ ކަމަށް ސިޔާމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، އިހަވަންދިއްޕޮގައި ސަރުކާރުން ކުރިއަށް ގެންދާ އައިހެވަންގެ މަޝްރޫއުގެ ދަށުން ހޯރަފުށީގައި އެއާޕޯޓްވެސް އެ މަޝްރޫއުގެ ދަށުން ތަރައްޤީކުރާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ 2018 ނިމުމުގެ ކުރީގައި ހޯރަފުށީގައި އެއާޕޯޓެއް އޮންނާނެ. އެއާޕޯޓެއް ނާންނަ ކަމުގައިވާ ނަމަ މިހާރު ވެސް ޓްރާންސްޕޯޓު އޮތްގޮތަށް ކުރިޔަށް ގެންދާނަން. އަޅުގަނޑުގެ ބޭނުމަކީ އެއާޕޯޓެއް މިރަށުގެ ރައްޔިތުންނަށް ގެނެސްދިނުން،" ސިޔާމް ވިދާޅުވި އެވެ.
އެއާޕޯޓުގެ އިތުރުން ހޯރަފުށީގައި އިތުރު ފުޓްސަލް ދަނޑުތަކެއް ވަރަށް އަވަހަށް ގާއިމް ކުރާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.
އެމްޑީއޭއާއި ޕީޕީއެމް ކޯލިޝާން ސަރުކާރުން ހޯރަފުށީގެ ރައްޔިތުންނަށް ގުނައި އަދަދު ނުކުރެވޭހާ ބޮޑެތި މަޝްރޫއުތަކާއި ފައިދާތައް ގެނެސްދީފައިވާ ކަމަށާއި ސަރުކާރުގެ ތެރެއިން ލިބެމުންދާއިރު އިތުރު ބަޔަކަށް ރައްޔިތުން ތާއީދު ކުރުމަކީ ތަރައްގީ އަށް ހީނަރުކަން އަތުވެދާނެ ކަމުގެ ބިރު އޮތް ކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ