ރައްޔިތުން އެދޭގޮތް ބުނެފި- ދެން އޮތީ އެކަން ޤަބޫލުކުރުން: ޑރ. ޙުސައިން

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެެ އިންތިޚާބުގައި ރާއްޖޭގެ ރައްޔިތުން އެވަނީ ރައްޔިތުން އެދޭ ގޮތް ވަރަށް ރަނގަޅަށް ބުނެދީފައި ކަމަށާއި ދެން ސަރުކާރަށް އޮތީ ރައްޔިތުންގެ އެ އަޑު އަހައި ޤަބޫލުކުރުން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
ޖޫމްހޫރީ މާލަން މ. ކުނޫޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޙުސައިން މިއަދު ވިދާޅުވީ އިއްޔެގެ ވޯޓާއި ރައްޔިތުން ބޭނުންވާ ގޮތް އެނގިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށާއި އެ ގޮތް މިހާރު މިވަނީ ހާމަވެފައި ކަމަށެވެ.
ޑރ. ޙުސައިން ވިދާޅުވީ ޤާނޫނަށް ގެނައި ކުއްލިބަދަލުތަކާއިމެދު ރައްޔިތުން ހިތްހަމަނުޖެހޭ ކަމާއި ކާޑާއި ކަރަންޓުގެ އަގަށް ގެނައި ބަދަލާއި އަދި ރައްޔިތުންގެ އަތުން ނަގަމުން ގެންދާ ޓެކްސްތަކާއިމެދު ރައްޔިތުން ހިތްހަމަޖުހެހޭކަން ރައްޔިތުން އިއްޔެ ހާމަކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ބިންތައް އެހެން ބައަކަށް މިލްކްކޮށްދިނުމާއި ދެކޮޅުކަންވެސް ރައްޔިތުން ހާމަކޮށްފި ކަމަށެވެ. ހަމަ އެއާއިއެކު ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްޤުތައް އުނިކޮށް ހިފަހައްޓަމުން ގެންދާ ގެންދިއުމާއި ދެކޮޅުކަންވެސް ރައްޔިތުން އެވަނީ ހާމަކޮށްފައި ކަމަށެވެ.
ޑރ. ޙުސައިން ވިދާޅުވީ ސިޔާސީ ލީޑަރުންނަށާއި އަދި އެނޫން މީހުންނަށްވެސް ސަރުކާރުން ކުރަމުން ގެންދާ އަނިޔާތަކާއި ދެކޮޅުކަންވެސް ރައްޔިތުން އެވަނީ ހާމަކޮށްފައި ކަމަށެވެ. އަދި ސަރުކާރުގެ ތެރެއިން ހިނގަމުންދާ ކޮރަޕްޝަނާއި ވައްކަމަށް ނުރުހޭކަންވެސް ރައްޔިތުން އެވަނީ ހާމަކޮށްފައި ކަމަށެވެ.
ޑރ. ޙުސައިން ވިދާޅުވީ އިއްޔެގެ ވޯޓޫގައި ވަކި ގޮތަކަށް ވޯޓުދިނުމަށް ސަރުކާރުގެ ކުންފުނިތަކުން މަޖުބޫރުކުރުވި ކަމުގެ ޝަކުވާތައް ރައްޔިތުން ކޮށްފައިވާ ކަމަށެވެ. ވަޒީފާގެ ބިރު ދެއްކި ކަމުގެ ޝަކުވާތައްވެސް ކޮށްފައިވާ ކަމަށެވެ.
މިހުރިހާ ކަންކަމާއިއެކުވެސް އިއްޔެގެ ވޯޓުގައި ރައްޔިތުން ފިސާރި ސާބިތުކަމާއިއެކު ނުކުމެ ސަރުކާރަށް ނޫނެކޭ ބުނިކަން މިއޮތީ ފެންނަން ކަމަށާއި އެކަމަށްޓަކައި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ޑރ. ޙުސައިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ