މާޒް ސަލީމަށާއި މަދަނީ އަބްދުﷲ އަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި
އަހުމަދު ސަލީމް (މާޒް ސަލީމް) އާއި މަދަނީ އިއްތިހާދުގެ އަބްދުﷲ މުހަންމަދު އަށް ދެ މިނިސްޓްރީއެއްގެ ޑިޕިއުޓީ މިނިސްޓަރުކަން ދެއްވައިފި އެވެ. މާޒް ސަލީމް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރުމުގެ އިތުރުން، މަދަނީ އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އަބްދުﷲ މުހައްމަދު އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވި އެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރާ ގާތްގުޅުމެއް އޮންނަ މާޒް ސަލީމަކީ ޕީޕީއެމް ރިޔާސީ ޕްރައިމަރީގައި އުމަރު ވާދަކުރެއްވިއިރު އޭނާގެ ސްޕޯކްސް ޕާސަން އެވެ. އުމަރުގެ ކެމްޕޭންގައި ވެސް އިސް ދައުރެއް އަދާކުރެއްވި މާޒް ސަލީމް އޭރު ވަނީ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ކުރިން ޕީޕީއެމްގެ ކައުންސިލް މެމްބަރަކަށް ހުންނެވި މާޒް ސަލީމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ، ޕީޕީއެމް ރިޔާސީ ޕްރައިމަރީގައި އުމަރަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުންނެވެ. ޖޭޕީން އޭނާ އިސްތިއުފާ ދެއްވީ މި ހަފުތާ އެވެ.އަބްދުﷲ މުހައްމަދު މުޒާހަރާއެއްގައި ވާހަކަ ދައްކަވަނީ: އޭނާ ކުރިން ހުންނެވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި. --ހަވީރު ފައިލް ފޮޓޯ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖެއްސެވި އަބްދުﷲ އަކީ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އިސް ދައުރެއް އަދާކުރި ބޭފުޅެކެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އޭނާ ހުންނެވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމްގަ އެވެ. އެކަމަކު ވަކި ސަބަބެއް ހާމަނުކޮށް މި ސަރުކާރުން ވަނީ އެ މަގާމުން އޭނާ ވަކިކޮށްފަ އެވެ. އޭރު އޭނާ ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނޮޅިވަރަމް ދާއިރާ އަށް ކެމްޕޭން ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ