ރައްޔިތުންގެ ފައިސާ ޕާޓީތަކަށް ހަރަދުކުރާނެ ކަމެއް ނެތް: ރައީސް

ދައުލަތުގެ ބަޖެޓުން ނުވަތަ ރައްޔިތުންގެ ފައިސާ ސިޔާސީ ޕާޓީތަކަށް ހަރަދުކުރަން ނުޖެހޭ ކަމަށާއި ހާއްސަކޮށް މިހާ ދަތި ދުވަސްވަރެއްގައި ޕާޓީތަކަށް ރައްޔިތުންގެ ފައިސާ ހަރަދުކުރާނެ ކަމެއް ނެތް ކަމަށް ރައީސް މުހަންމަދު ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީ (ޖީއައިޕީ) ގެ ފުރަތަމަ ޖަގަހަ މާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ޕާޓީތައް ހިންގާ މީހުންގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން އަދި މެމްބަރުން އިތުރުކުރެވޭ ވަރަކުން ޕާޓީތަކަށް އިރާދަކުރެއްވިއްޔާ ފައިސާ ހޯދޭނެ ކަމަށެވެ.
ސިޔާސީ ޕާޓީއެއްގައި 10،000 މީހުން ނެތް ނަމަ ޕާޓީތައް އުވޭ ގޮތަށް މިދިޔަ ޑިސެމްބަރު މަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ސިޔާސީ ޕާޓީގެ ބިލަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ވަކި އަދަދަކަށް މީހުން ހަމަވުމުން ޕާޓީތައް ރަޖިސްޓްރީ ކުރުމުގެ ވިސްނުމަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރި އެ ބިލް ރައީސް ވަހީދު ވަނީ ތަަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފަ އެވެ.
ރައީސް ވަހީދު ވިދާޅުވީ ޖަމާއަތް ހެދުމާއި ސިޔާސީ ޕާޓީތައް ހެދުމުގެ ހައްގު މިހާރުގެ ގާނޫނު އަސާސީން ލިބިދޭ ކަމަށެވެ.
"އެހެންވީމާ ވަކި އަދަދަކަށް ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު މަދުކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ދެންނެވި ފްރީޑަމް އޮފް އެސޯސިއޭޝަނަށް އެޅޭ ހުރަހެއް ކަމަށް އަޅުގަނޑު ދެކެން. ދުނިޔޭގެ އެހެން ތަންތާނގައި ވެސް ސިޔާސީ ޕާޓީ ހަދާ. އެމެރިކާ، މި އޮތް ބޮޑު ގައުމުގައި ވެސް ވަރަށް ކުދިކުދި ސިޔާސީ ޕާޓީތައް ވެސް އެބަހުރި. އެހެން ނަމަވެސް ދައުލަތުގެ ބަޖެޓުން، ރައްޔިތުންގެ ފައިސާ ހަރަދުކުރާކަށް ނުޖެހޭ ކޮންމެ ސިޔާސީ ޕާޓީއަކަށް. އަދި އަޅުގަނޑު ދެކޭ ގޮތުގައި އެއްގޮތަކަށް ވެސް މިހާ ދަތި ދުވަސްވަރެއްގައި ރައްޔިތުންގެ ފައިސާ ސިޔާސީ ޕާޓީތަކަށް ހަރަދު ކުރާނެ ކަމެއް ނެތް،" ރައީސް ވަހީދުގެ އަނބިކަނބަލުންގެ އާއިލާގެ ގެ، މ. ޖަވާހިރުވާދީގައި ހުޅުވި "އޯކިޑް ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
މާލޭގައި ޖީއައިޕީގެ ޖަގަހައެއް ހުޅުވިއިރު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ވަހީދު ވަނީ އިއުލާން ކުރައްވައިފަ އެވެ. އެކަމަކު މިރޭ ދެއްކެވި ވާހަކަފުޅުގައި އެ އިންތިހާބާ ބެހޭ ވާހަކަތަކެއް ސީދާ އެ މަނިކުފާނު ވިދާޅެއް ނުވެ އެވެ.
ރައީސް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ކުރެއްވި ތަޖުރިބާއަށް ބަލާއިރު އެންމެ ސިޔާސީ ޕާޓީއަކުން ކުރާ މަސައްކަތަކުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންވެ ކުރީގެ ތަޖުރިބާ މި ފަހަރު ވެސް ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
އެ މަނިކުފާނު އެ އިޝާރާތް ކުރައްވަނީ ރިޔާސީ އިންތިހާބަށް ގިނަ ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ރައީސް ވިދާޅުވީ ޖީއައިޕީ އުފެއްދީ އެންމެން އެކަހެރިކޮށް، އެކަނި މަސައްކަތް ކުރަން ނޫން ކަމަށާއި އެ ޕާޓީގެ އަބަދުގެ ވެސް ފަލްސަފާ އަކީ އެންމެންނާ ގުޅިގެން އެއްބައިވަންތަކަމާއެކު ގައުމު ކުރިއަށް ގެންދިއުން ކަމަށެވެ.
"އަޅުގަނޑުމެންގެ މިއަދުގެ މޮޓޯއަކީ އެއީ. ސުލްހަ މަސަލަސްކަމާއެކީ ގައުމާއިގެން ކުރިއަށް ދިއުން. އަޅުގަނޑުމެންގެ މަގުސަދަކީ އަޅުގަނޑުމެންގެ ޕާޓީ ހަމައެކަނި ކުރިއެރުވުމެއް ނޫން. ނޫނީ ވަކި މީހަކު ކުރިއެރުވުމެއް ވެސް ނޫން. އަޅުގަނޑުމެން ވެސް މި ތިބީ ފިކުރެއްގައި. އަޅުގަނޑުމެންގެ ފިކުރަކީ ގައުމަކީ އަޅުގަނޑުމެން ވަރަށް ގަދަކުރާ، އަގުބޮޑު އަޅުގަނޑުމެން އެންމެންގެ ވަޒަން. މި ވަޒަން އަޅުގަނޑުމެން އެބަޖެހޭ ސުލްހަވެރިކަމާއި އަމާންކަމާއެކީގައި ކުރިއަށް ގެންދަން. އަޅުގަނޑުމެންގެ ޅަދަރިންނަށް ސުލްހަވެރިކަމާއެކީގައި، އަމާންކަމާއެކީގައި، އޮމާން މާހައުލެއްގައި ތަރުބިއްޔަތުވެގެން، ބޮޑުވެވޭނެ ފުރުސަތު އަޅުގަނޑުމެން އެބަޖެހޭ ހޯދައިދޭން. އެކަމަށްޓަކައި އަޅުގަނޑުމެންގެ ފިކުރަކީ ގައުމު ހަލަބޮލި ނުކޮށް، ގައުމުގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން. އެ ވަގުތު ވާހަކަ ދައްކަންޖެހޭ ބަޔަކާ ވާހަކަ ދައްކައި، އެވަގުތަކު އެކީގައި މަސައްކަތްކުރަން ޖެހޭ ބަޔަކާއެކު މަސައްކަތްކޮށްގެން ގައުމު ސަލާމަތްކަމާއެކީގައި ކުރިއަށް ގެންދިއުން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ގަބޫލުކުރިޔަސް ނުކުރިޔަސް މިއަދު ކޮންމެ ޕާޓީއެއް ވެސް އުފެދިފައި ވަނީ "ކޮންމެވެސް މީހެއްގެ ވަށައިގެން" ކަމަށާއި އެކަމަކު އެއީ އެކަން އޮންނަންޖެހޭ ގޮތެއް ނޫން ކަމަށެވެ. އެކަމަކު ޕާޓީތައް ތަސައްރަފު ފުދުމުން ވަކި ފަލްސަފާއަކަށް ތާއީދުކުރާ ބަޔަކަށް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ހިސާބަށް ސިޔާސީ ޕާޓީތައް ތަރައްގީވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެކަމަކު އަދުގެ ހަގީގަތަކީ ޕާޓީތައް އެކުލެވިގެން މިދަނީ އެކި މީސްމީހުންގެ ވަށައިގެން. މި ޕާޓީ އުފެދުނީ ވެސް އެކަހަލަ ގޮތަކަށް. މި ޕާޓީގެ އަސްލުވެސް އޮތީ، އަޅުގަނޑު ދަންނަވަންޖެހެނީ ލަދުވެތިކަމާއެކީ ވެސް އަޅުގަނޑުގެ ވަށައިގެންނޭ މި ޕާޓީ އުފެދުނީ. އަޅުގަނޑަށް ހެޔޮއެދޭ، އަޅުގަނޑު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހިދުމަތް ކޮށްދޭން އެދޭ، އެކަމަށް މަސައްކަތް ކުރެއްވި ބޭފުޅުންކޮޅެއްގެ ސަބަބުން މި ޕާޓީ އުފެދިގެން ދިޔައީ،" ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ޖީއައިޕީ އުފެއްދި ސަބަބަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސީ މުސްތަގުބަލާއިގެން ކުރިއަށް ވަޑައިގެންނެވެން އޮތީ އަރިހުގައި މަސައްކަތް ކުރައްވާނެ، އިހުލާސްތެރި ބަޔަކު ތިބެގެން ކަމަށާއި ގިނިކަންޏާ އެކަމެއް ނުވާނެ ކަމަށެވެ. ޖީއައިޕީގެ ޖަގަހަ ހުޅުވަން ޖެހިވަޑައިގަތީ އެހެންވެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޖީއައިޕީ އަށް ވާނެ" ޝިއާރުގެ ދަށުން އެ ޕާޓީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައެއް ބޭފުޅުން ވަނީ ޕާޓީ އަށް ސޮއިކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އަދި މިހާރު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްބާސް އާދިލް ރިޒާ އާއި މިފްކޯގެ ޗެއާމަން އަދި ކުރީގެ ރައީސް މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ހަމީދުގެ ދަރިކަނބަލުން ޑރ. ފާތިން ހަމީދުގެ ދެކަނބަލުންނާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ނަސީމް އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަދްހަމް އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަދި ދާދި ފަހުން ބޭއްވި ޕީޕީއެމް ކޮންގެރެސްގައި އެ ޕާޓީގެ ކައުންސިލަށް ކުރިމަތިލައްވައި ނާކާމިޔާބުވި އަބްދުއްރަޝީދު ނާފިޒް އަދި މަޝްހޫރު ކެއްކުންތެރިޔާ ޖުވޭރިއާ ވަޖުދީ އެވެ.
ޖީއައިޕީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އިދިކޮޅު އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަދި ޖީއައިޕީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި ސަރަނގު އާދަމް މަނިކާއި ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމް އާއި ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު އަދީބް އާއި ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އާއި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ގައުމީ ޕާޓީ މެމްބަރު ރިޔާޒް ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހަންމަދު ޒުބައިރު އަދި ގައުމީ ޕާޓީގެ އަމީން އާންމު އަބްދުﷲ އަމީން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ