ސުޕްރީމް ކޯޓުން މައްސަލަ އަވަސްކުރަން ޕީޕީއެމުން ގޮވާލައިފި
ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވީހާވެސް އަވަހަށް ނިންމުމަށް ޕީޕީއެމުން މިއަދު ގޮވާލައިފި އެވެ. ޕީޕީއެމުން މިއަދު ނަސަންދުރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުންނާއި ގައުމުގެ ހަމަޖެހުމާއި މަސްލަހަތަށްޓަކައި، ޝަރުއީ ދާއިރާގައި ހުރި ބޮޑެތި މައްސަލަތައް ނިންމަން ޖެހޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި މިހާރު އޮތް މައްސަލައަށް ވީހާ އަވަހަކަށް ހައްލެއް ލިބެން ޖެހޭ ކަމަށް ޕީޕީއެމްއިން ގަބޫލުކުރާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. "ރިޔާސީ އިންތިހާބު ފަސްކުރެވިފައި އޮތް އޮތުމުގައި، އެ މައްސަލައިގައި ވީހާވެސް އަވަހަކަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަކީ އަޅުގަނޑުމެން އެދޭކަމެއް. އެއްވެސް އިރެއްގައި އެބޭފުޅުން ނިންމަވާ ގޮތަކާ މެދު ފާޑުކިޔުމެއް ނޫން. އެ މައްސަލައަށް ވީހާވެސް އަވަަހަކަށް ހައްލެއް އަންނަން ޖެހޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ މާބޮޑަށް ލަސްވެއްޖެ ކަމަށް އެ ޕާޓީން ގަބޫލު ނުކުރާ ކަމަށެވެ. އަދި އެފަދަ ބޮޑު މައްސަލައެއް ރަނގަޅަށް ދިރާސާ ކުރުމަށް ފަހުގައި ނޫނީ ފަނޑިޔާރުން ހުކުމް އިއްވަފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބު ލަސްވުމުގެ ސަބަބުން ގާނޫނީ ހުސްކަމެއް އަންނާނެ ގޮތަކަށް ސުޕްރީމް ކޯޓުން ހުކުމެއް ނެރުއްވަފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. "އަޅުގަނޑުމެން އުންމީދު ކުރަނީ ގާނޫނީ ހުސްކަމެއް ނާންނާނެ ގޮތަށޭ އެބޭފުޅުން ހުކުމް ނެރުއްވާނީ. ގާނޫނީ ހުސްކަމެއް އައިސްފާނެތީ އަދި ކަންބޮޑުވާ ހިސާބަކަށް ނުދޭ. އެންމެ ފަހުން ރިޔާސީ އިންތިހާބުވެސް ބޭއްވީ އޮކްޓޯބަރު މަހުގެ ތެރޭގައި. އެހެން ވީމާ އަދި ވަގުތު އެބަ އޮތް،" އަބްދުއްރަހީމް ވިދާޅުވި އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަަލައިގެ ޝަރީއަތް އަވަސް ކުރުމަށް އެ ޕާޓީން މިރޭ ވަނީ އެއްވުމެއް ބާއްވަން ނިންމައިފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ މިރޭ 9:00 ގައި އާޓިފިޝަލް ބީޗްގައި ކުރިއަށް ގެންދާ އެވުން ރާވާފައި ވަނީ އެތަނުގައި ތިބެގެން ޝުއޫރުފާޅު ކުރާ ގޮތަށް ކަމަށެވެ. އެ އެއްވުމުގައި ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ޝުއޫރުފާޅު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. "މިފަދަ ޝަރީއަތްތައް ލަސްވުމުގެ ސަބަބުން ބައެއް ފަރާތްތަކަށް އެބަ ލިބޭ ނާޖާއިޒު ގޮތުގައި ކަންތައްތަކެއް ހިންގުމުގެ ފުރުސަތު. އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިފަަދަ ބޮޑު މައްސަލައެއް ލަސްވާން ޖެހޭ ކަމަކަށް. އެހެންވެ އަޅުގަނޑުމެން މި އަޑުތައް ރައްޔިތުންނަށް އިއްވުން މީގެ ބޭނުމަކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ