ގައުމަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ގާނޫނީ ދެބަސްވުންތައް ހައްލުކުރުމުގައި ގާނޫނު އަސާސީގެ ރޫހާ އެއްގޮތަށް ކަނޑައަޅާފައިވާ މުއްދަތަށް އިންތިހާބު ފުރިހަމަކުރުމަށާއި ރައްޔިތުންގެ އިންތިހާބީ އިހްތިޔާރަށް ހުރުމަތްތެރިކޮށް ހިތުމަށް ސުޕްރީމް ކޯޓާއި ކަމާ ބެހޭ ފަރާތްތަކަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ގޮވާލައިފި އެވެ.
އިންތިހާބާ މެދު އުފެދިފައިވާ ނުތަނަވަސްކަމާއި މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ތަނުގެ، ސިސްޓެމަޓިކް އޮބްޒަވޭޝަންގައި ނިޒާމީ ގޮތުން އޮޅުވާލާފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ. އަދި އިންތިހާބު އޮޅުވާލާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ސާބިތު ހިފޭ ހެއްކެއް އާއްމުކުރެވިފައި ނުވާއިރު އިންތިހާބުގެ ދެ ވަނަ ބުރު ލަސްވެ ހަމަނުޖެހުން އިތުރުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
"އިންތިހާބުގެ ކަންކަމުގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ސިޔާސީ ފަރާތްތަކާ މެދު އުފެދިފައިވާ ނުތަނަސްކަމާއި މައްސަލަތަކަށް އަވަސް ހައްލެއް ހޯދަންޖެހޭ ކަމަށާއި ދިގު މުއްދަތުގައި އަމާންކަމާއެކު ގައުމުގެ ކަންކަން ބައްޓަންކުރުމަށް ދައުލަތުގެ ކަމާ ބެހޭ މުހިއްމު ފަރާތްތަކާއި ސިޔާސީ ފަރާތްތަކުގެ ބައިވެރިވުމާއި ބަލައިގަތުން އޮންނަން ޖެހޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ދެކެމެވެ،" އެ ބަޔާނުގައިވެ އެވެ.
ރިއާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން އިންތިޒާމްކޮށްފައި އޮތް ނަމަވެސް ވަކި މުއްދަތެއް ނެތި އިންތިހާބު ފަސްކުރުމަށާއި އެ އަމުރު ތަންފީޒުކޮށްދޭން ސަލާމަތީ ބާރުތަކަށް އަންގައި ސުޕްރީމް ކޯޓުން ނެރުނު ދެ އަމުރަކާ ގުޅިގެން ވޯޓު ނެގުން ވަނީ ފަސްކޮށްފަ އެވެ. އެ މައްސަލާގައި އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ނުކުމެ އިއްޔެ އާއި ރޭ ވެސް ވަނީ މާލޭގައި އިހްތިޖާޖްކޮށްފަ އެވެ.
ރައްޔިތުންގެ އިންތިހާބީ އިހްތިޔާރަށް ހުރުމަތްތެރިކޮށް ހިތަން ސުޕްރީމް ކޯޓަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ