ޖޭއެސްސީން އިސްތިއުފާ ނުދޭނަން: ގާސިމް

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށްވުރެ ހުރެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަން ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށާއި ކޮމިޝަނުން އިސްތިއުފާ ނުދެއްވާނެ ކަމަށް ޖޭއެސްސީގައި ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރާ ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
"ޖުމްހޫރީ ކޯލިޝަން" އުފެދުނު ފަހުން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ހަވީރު"ން ކުރި ސުވާލަކާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ވިދާޅުވީ އޭނާގެ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ޖޭއެސްސީގެ މަސައްކަތްތަކަށް އަސަރުކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އަދި ދީނުގައި ވެސް އެއީ ނުކުރެއްވޭނެ ކަމެއް ކަމަށް ބުނެފައި ނެތް ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެކަމުގެ މުހިއްމުކަން ވަރަށް ބޮޑު މިކަމުގައި ދެމިހުރުން، އެހިސާބަށް ދަންދެން. އަޅުގަނޑު މިހުރީ ވަރަށް ސާބިތުކަމާ އެކީގައި ﷲގެ ވާގިފުޅާ އެކީގައި އެކަމުގައި ދެމިހުންނަން،" އޭނާ ވިދާޅުވި އެވެ.
ޖޭއެސްސީގެ މަސައްކަތްތަކަށް އަސަަރުކުރާނެތޯ ތަކުރާރުކޮށް ދެންނެވުމުން ވެސް ގާސިމް ވިދާޅުވީ ކޮމިޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން އޭނާ އުފުލަންޖެހޭ ގާނޫނީ ޒިންމާ އަދާކުރަމުން ގެންދަވާ ކަމަށެވެ.
ޖޭއެސްސީން އިސްތިއުފާ ނުދެއްވާނެ ކަމަށް ގާސިމް ވިދާޅުވެފައިވާ އިރު ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށްވެ ހުރެ ކޮމިޝަންގައި އިންނެވުމަކީ މަސްލަހަތު ފުށޫއަރާ ކަމެއް ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އަދި ގާސިމް ވަނީ ފަނޑިޔާރަކާ ބެހޭ ގޮތުން ނެރެގެން އުޅެނީ "ދޮގު ވީޑިއޯއެއް" ކަމަށާއި އެފަދަ ގޮތްގޮތަށް މީހުން ބްލެކްމެއިލް ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ މަދަދުގާރުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އެގޮތަށް ގާސިމް ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ނަހަމަ ގޮތުގައި އަންހެނަކާ ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއްގެ މައްސަލަ ފުލުހުންނާއި ޖޭއެސްސީން ބަލަމުން ދަނިކޮށް މިމަހު ކުރީކޮޅު ތ. ހިރިލަންދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ