ރައީސް ސޯލިހުގެ ސަރުކާރު އައިފަހުން ބަދަލު ތަކެއް އައިސްފި، ސްޕީޑާއި މެދު ގޮތެއް ނިންމާނީ ރައްޔިތުން - ތަރުޖަމާނު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، ނަމަވެސް ސަރުކާރު ހިނގާ ސްޕީޑާ މެދު ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު، އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.
ސަރުކުރާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޫދު ވިދާޅުވީ، މީގެ ކުރިން ގައުމު އޮތީ ސިޔާސީ ގޮތުން ވަރަށް ބިރުވެރި ހާލަތެއްގައި ކަމަށެވެ. ނަމަވެސް މިހާރު އެ ހާލަތު ބަދަލުކޮށްފައިވާކަމަށް ހޫދު ވިދާޅުވިއެވެ. އެގޮތުން ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެކުރިން ނޫސްތަކުން ފެންނަނީ ރާއްޖޭގައި އަނިޔާއާއި، ވައްކަމާއި ކޮރަޕްޝަން އަށަގެންފައިވާ މިންވަރުގެ ބޮޑުކަން ކަމަށް ހޫދު ފާހަގަކުރެއްވިއެވެ.
ހޫދު ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރާއެކު ގައުމަށް ބޮޑު ބަދަލެއް އައިއިރު، މިސަރުކާރުގެ ސްޕީޑާ ގުޅޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ ރައްޔިތުންނަށް ކަމަށެވެ.
"އަޅުގަނޑަކަށް ނޭނގެ ސްޕީޑް ދަންނަވާކަށް. ފާސްތްތޯ ސްލޯތޯ، އިންޓަމީޑިއެޓްތޯ ނުވަތަ ގޫގުލް ސްޕީޑްތޯ. އެނިންމަވާނީ ރައްޔިތުން. އަޅުގަނޑަށް އެނގޭކަމަކީ ބަދަލުތަކެއް އައިސްފިކަން. މިދިޔަ ހަމަސްދުވަސްތެރެގައި ޤައުމުގެ ހާލަތަށް ބޮޑު ބަދަލެއް އައިސްފި" ހޫދު ވިދާޅުވިއެވެ.
ހޫދު ވިދާޅުވީ، ވޭތުވެ ދިޔަ 10 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސަރުކާރަކަށް އެސަރުކާރެއްގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ފެށިފައިނުވާކަމަށެވެ.
ނަމަވެސް މި ސަރުކާރުން މިހާރު ވެސް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށް ހޫދު ވިދާޅުވިއެވެ. އެގޮތުން 117 ރަށެއްގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ޓެންޑަރ ކުރުމާއި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން ޑިޒައިން ފޭސްގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށެވެ. އަދި އިތުރު 41 ރަށެއގައި ހިންގާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށިފައިވާކަމަށް ހޫދު ވިދާޅުވިއެވެ.
"މިއީ މީގެ ކުރިން ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި މި މަސައްކަތް ކުރެވުނު އަދަދަށް ވުރެ ފާސްޓު އަދަދެއް،" ހޫދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ