އަދީބުގެ ހިޔާނާތުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހިޔާނާތުގެ މައްސަލައިގެ ހުކުމް ބާތިލްކޮށް، އަލުން މައްސަލަ ބެލުމަށް ހައި ކޯޓުން އެންގި އެންގުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
އިސްތިއުނާފް ކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެއީ ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ނުލިބުނު މައްސަލަ އެވެ.
އެ މައްސަލައިގެ އަދީބު އަށް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 ގައެވެ. ހިޔާނާތުގެ ކުށް އަދީބުގެ މައްޗަށް ސާބިތުވީ އެރަށުން ލިބެން ޖެހޭ 77 މިލިއަން ރުފިޔާ (ފަސް މިލިއަން ޑޮލަރު) ދައުލަތަށް ނުލިބި އޮތުމުންނެވެ.
އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، މިދިޔަ މަހުގެ ފަހުކޮޅު އެ ކޯޓުން ވަނީ ޖަލު ހުކުމް ބާތިލްކޮށް، އަލުން މައްސަލަ ބެލުމަށް އަންގާފަ އެވެ.
އަދީބުގެ މައްޗަށް އޮތް 33 އަހަރުގެ ޖަލު ހުކުމް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އެއީ ހިޔާނާތުގެ މައްސަލަ އާއި، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ އާއި ފިސްތޯލައެއް ގެންގުޅުނު މައްސަލަ އެވެ.
އެ މައްސަލަތައް އަލުން ބަލަން ހައި ކޯޓުން އެންގި ނަމަވެސް ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އަލުން އެ މައްސަލަތައް ނުބެލޭނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަތައް މިހާރު ވަނީ ޕީޖީ އޮފީހުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ