ސުޕަމެޖޯރިޓީ ވަކި ޕާޓީއަކަށް ލިބުމަކީ ރަނގަޅު ކަމެއް ނޫން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ 18 އަދި 19 ވަނަ ދައުރުގެ މެންބަރުން މިރޭ މިވަނީ އެއްތަން ވެފައެވެ. މި ހަފްލާއިން ގިނައިން ފެނިގެން ދިއައީ 19 ވަނަ މަޖިލީހަށް އިންތިޚާބުވެފައިވާ އެމްޑީޕީގެ ސުޕަރ މެޖޯރިޓީގެ މެންބަރުންނެވެ. އެހެންނަމަވެސް 18 ވަނަ މަޖިލީހުގައި ނާކާމިޔާބުވި ބައެއް މެންބަރުންނާއި ބައިވެރިވެވަޑައިގެންނެވި އިރު ބައެއް މެންބަރުން މި ހަފުލާއިން ފެނިގެން ގޮސްފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ދެއްވި ޚާއްސަ ތަރާވީހަކަށް 18 އަދި 19 ވަނަ މަޖިލީހުގެ ގިނަ މެންބަރުން މިރޭ ވަޑައިގެންނެވި އިރު، ހަފްލާގައި މަޖިލީހުގެ ކުރީގެ ދެ މެންބަރުން ކަމަށްވާ، ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަަލް ނަސީމްވެސް ޝަރަފުވެރި މެންބަރުންގެ ގޮތުގައި ވަޑައިގެންނެވިއެވެ.
މަޖިލީހުގެ ގިނަ މެންބަރުންތަކެއް އެއްތަންވެ ތަރާވީހަކަށް އިންސާފު ކުރިނަމަވެސް، ދައުރުގެ މަސައްކަތްތައް ފަށައިގެން ގެންދާނެ ގޮތަކާއި ޚާއްސަކޮށް މަޖިލީހުގެ ރިޔާސަތުގައި އިންނަވާނެ ބޭފުޅަކާއި މެދު ވަނީ ބަހުސް ކުރެވެން ފެށާފައެވެ. އެމްޑީޕީން ސާފު އަޣުލަބިއްޔަތު އޮތް 19 ވަނަ މަޖިލީހަށް އިންތިޚާބުވި މެމްބަރުންގެ ތެރެއިން މަޖިލީހުގެ ރިޔާސަތަށް ވަޑައިގަންނަވަން ބައެއް މެންބަރުން ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، މެންބަރުން އެންމެ ފޯރިއާއި އެކު މިވަގުތު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ އެ މަޤާާމަށެވެ.
ފާޑަކަށް ދެ ފެކްޝަނެއްގެ ގޮތުގައި އެމަޤާމަށް ގެންނާނެ ބޭފުޅަކު ނިންމެވުމުގެ ކެމްޕެއިންތައް ކުރައްވައި ވޯޓު ހޯއްދެވުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އަދި ހަމަ އެއާއި އެކު ކަނޑައަޅަން ނަގާނެ ވޯޓަކީ ސިއްރު ވޯޓެއްތޯ ނުވަތަ ނޫންތޯ ވެސް ވަނީ ޚިޔާލު ތަފާތުވެފައެވެ. އަދި ހަމަ އެހެންމެ އެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރާއިރު ރިޔާސަތުގައި އިންނަވާނެ ބޭފުޅަކަށް އެމްޑީޕީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ އިންތިޚާބީ މެންބަރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މަސައްކަތް ކުރައްވާ ކަމަށްވެއެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދުކުރައްވަނީ ވިލިފުށީ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރު އަދި ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފު ކަމަށާއި، އަދި ރައީސް ނަޝީދު ތާއިދު ކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް ކަމަށްވެސް ވަނީ އަޑުފެތުރިފަ އެވެ.
ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މަޖިލީހުގައި ވަރަށް ތަޖުރިބާކާރު ބޭފުޅުން އެބަތިއްބެވި ކަމަށެވެ. އެގޮތުން މަޖިލީހުގައި ޒަމާންތަކެއް މަސައްކަތްކުރެއްވި މިހާރުގެ ރައީސް ޤާސިމް އިބްރާހިމް ކުރީގެ މިނިސްޓަރ އަދި މެންބަރު ހަސަން އަފީފު ފަދަ ބޭފުޅުން ދައްކަވާ މަގުން ކުރިއަށް ވަޑައިގެންފިނަމަ މަޖިލީހުގެ 19 ވަނަ މަޖިލިސް ވެގެންދާނީ އެންމެ ރަނގަޅު މަޖިލީހަށް ކަމުގަ އެވެ.
"އަޅުގަނޑު މިހުރި މަޤާމުގެ ހައިސިއްޔަތުން އަޅުގަނޑު ވަކި މީހެއްގެ ނަން ޕަބްލިކްގަ ބުނުމަކީ ރަނގަޅު ކަމެއް ނޫން. އަޅުގަނޑަށް ހަސަން އަފީފުގެ މަަސައްކަތް މީގެކުރިން ފެނިފަ އެބަހުރި. އަޅުގަނޑަށް އަސްލަމާއެކުވެސް މަސައްކަތްކުރެވިފަ އެބަހުރި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަސަން އަފީފަކީ މިކަމަށް ހަމަ އެންމެ އެކަށީގެންވާ އެއް ބޭދުޅާ." ރައީސް ވިދާޅުވި އެވެ.
މަޖިލިސް ފެށެންވާއިރަށް މިހާރުވެސް، ރިޔާސަތުގައި އިންނަވާނެ ބޭފުޅަކާއިމެދު ފުޅާކޮށް ބަހުސްކުރެވެމުން އަދި ރިޔާސަތަކަށް ވަޑައިގަންނަވަން ޝައުގުވެރިވާ ބޭފުޅުން ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، އެ ހުރިހާ ކަމެއްގެ ތެރެއިންވެސް ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވުމުގައި 19 ވަނަ މަޖިލީހުން މިސާލު ފެނިގެން ދިއުމަކީ އެއީވެސް ރައްޔިތުން ކުރާނެ އުއްމީދެކެވެ. ހަމަ އެހެންމެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ސުޕަމެޖޯރިޓީގެ ބޭނުން ރަނގަޅު ގޮތުގައި ހިއްޕެވުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީއެއް ވަކި ޕާޓީއެއް ލިބުމަކީ ރައްޔިތުންގެ މަޖިލިސް އޭގެ ޒާތުގައި ރަނގަޅުވެގެންދާނެ ކަމަކަށް ނުވެ ހިނގައިދާނެ. އެ މެޖޯރިޓީ ބޭނުްނކުރާ ގޮތެއްގެ މައްޗަށް އެ ބިނާވެގެން ދާނީ. މަޖިލީހުގެ ތެރޭގަ ތަފާތު އޮއިވަރު ތަފާތު ގޮތްގޮތަށް ދެމިގެންދާނެ. އަންނަ ވޯޓުތަކާއި ތަފާތު އޮއޮވަރުތައް ދެމިގެންދާނެ. އެއަށް ވިސްނައިގެން ޒާތީ ކަންކަމަށވުރެ ބޮޑަށް ގައުމާއި ރައްޔިތުން އިސްކޮށްގެން ހިނގާ ކަމުގަ ވާނަމަ ފެނިގެންދާނެ ރައްޔިތުންގެ ހަގީގީ މަޖިލީހެއް." ރައީސް ވިދާޅުވިއެވެ.
އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި 19 ވަނަ ރައްޔިތުންގެ މަޖިލިހަށް 87 މެންބަރުން ވަނީ އިންތިޚާބުކޮށްފައިވާއިރު، އެ މެންބަރުން ހުވާކުރައްވައި މި މެއިމަހުގެ 28 ވަނަ ދުވަހު 19 ވަނަ މަޖިލީހުގެ މަސައްކަތްތައް ފެށިގެންދާނެ އެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ހަމަޖައްސާފައި ވަނީ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ