ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑުކޮށްފިއެވެ. އޭނާ ސަސްޕެންޑުކުރަން ނިންމީ މިއަދު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޖަލްސާގައެވެ. ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން ހުންނެވި ހަސަން ޒަހީން ވިދާޅުވީ އަބްދުﷲ ދީދީ ސަސްޕެންޑު ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ކަމަށެވެ. ޒަހީން ވިދާޅުވީ އަބްދުﷲ ދީދީ ސަސްޕެންޑު ކުރީ އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަމުން އަންނާތީ ކަމަށެވެ. އަދި އޭނާ ސަސްޕެންޑުކުރަން ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ އަކީ އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގެ ހުޅުވާފައިވާ އެކައުންޓަކަށް، އަބްދުﷲ ދީދީއަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އެ ފައިސާ އެ އެކައުންޓަށް ޖަމާކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގައިކަން "ސަން" އަށް ވަނީ އެނގިފައެވެ. އަބްދުﷲ ދީދީ އޭރު ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައެވެ. އޭނާ އަކީ ރައީސް ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ބެލި ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ. ތުހުމަތު ކުރެވޭ ގޮތުގައި އެފައިސާ އަކީ އެ ހުކުމާ ގުޅިގެން ނެންގެވި ރިޝްވަތެކެވެ. ރައްޔިތުން މަޖިލީހުގެ އަމީން އާންމު މިއަދު މީޑިއާތަކާ ބައްދަލު ކުރައްވައި ވިދާޅުވީ، އަބްދުﷲ ދީދީގެ މައްސަލަ ބައްލަވައި ދެއްވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީއަށް ސިޓީފުޅެއް ފޮނުއްވީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އޭނާ ހިލާފުވެފައިވާ ކަމަށް ދެކެވަޑައިގެން ކަމަށެވެ. އެކަމާ ގުޅިގެން އަބްދުﷲ ދީދީ ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާގެ އަނބިކަނބަލުންގެ އެކައުންޓަށް ނުހައްގު އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ބުނެ ނޫސްތަކުގައި ފަތުރާފައިވަނީ ދޮގު ޚަބަރެއް ކަމަށެވެ. "ހައްގު ނޫން ފައިސާއެއް އަޅުގަނޑުގެ ނުވަތަ އަޅުގަނޑާއި ގުޅުންހުރި އެއްވެސް އެކައުންޓެއްގައ ނުހުންނާނެ ކަމުގެ ޔަގީންކަން ދެން" ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ