އޮމާންކަމާއި، މަޑުމައިތިރިކަމާއިއެކު ކަންކަން ކުރިއަށް ގެންދިއުމަށް، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން މިގޮތަށް ގޮވާލައްވާފައިމިވަނީ، ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށް، އެޕާޓީގެ ބައެއް މަޖިލިސް މެންބަރުން ފާޑުކިޔުއްވާ، އިސްތިއުފާއަށް ގޮވާލައްވަމުންދާ ދަނޑިވަޅެއްގައެވެ.
އެޕާޓީގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވާ ވައިބަރ ގުރޫޕްގައި ރައީސް މައުމޫން ލިޔުއްވާފައިވާ މެސެޖްގައި ވިދާޅުވެފައިވަނީ ޕީޕީއެމްއަކީ ގާނޫނާއި ގަވާއިދާ އިސްލާމީ ރިވެތި އުސޫލްތަކާއި ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް އަމަލުކުރާ ޕާޓީއެއް ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ދިވެހި ރައްޔިތުން އެޕާޓީއަށް ފުރިހަމައަށް އިތުބާރުކުރާކަމަށާއި އެހެންކަމުން ކޮންމެ ކަމެއްވެސް އެޕާޓީން ކުރިއަށް ގެންދަންވާނީ އެކަމެއްގައި އޮންނަ އެންމެ ރީތި އުސޫލުންކަމަށް ރައީސް މައުމޫންގެ މެސެޖްގައި ލިޔުއްވާފައިވެއެވެ.
އަދި އެކަކު އަނެކަކަށް ބަދުބަސް ނުބުނެ، ފުރައްސާރަ ނުކޮށް، ކަންތައްތައް ކުރުމަށްވެސް، ރައީސް މައުމޫން ވަނީ ގޮވާލައްވާފައެވެ.
"އެކަކު އަނެކަކަށް ބަދުބަސް ނުބުނެ، ފުރައްސާރަ ނުކޮށް، ތަހުޒީބު މުޖުތަމައު ތަކުގައި ކަންކަން ކުރާގޮތަށް ކޮންމެ ކަމެއްވެސް ކުރެވޭނެއެވެ،" ރައީސް މައުމޫން ވިދާޅުވިއެވެ.
އަދި މި ބަރަކާތްތެރި ރަމަޟާން މަހު އޮމާންކަމާއި މަޑުމައިތިރިކަމާއެކު ކަންކަން ކުރިއަށް ގެންދިޔުން ވަރަށް މުހިއްމު ކަމަށްވެސް، ރައީސް މައުމޫން ވިދާޅުވިއެވެ.
އޮމާންކަމާއި، މަޑުމައިތިރިކަމާއިއެކު ކަންކަން ކުރިއަށް ގެންދިއުމަށް މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ