އަބްދުﷲ ގާޒީއާމެދު ހިންގާ ޖަރީމާ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ބެލޭނެ: ނަޝީދު

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ މިނިވަންކަން ނިގުޅައިގަނެ ހައްޔަރުކޮށް ބަންދު ކުރުމަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ޖަރީމާއެއް ކަމަށް ބައިނަލްއަޤްވާމީ މުއާހަދާތައް ޤަބޫލުކުރާ ކަމަށާއި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް މި ކުށުގެ ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ބެލުމުގެ ބާރު ލިބިގެންވާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަސްކަރިއްޔާއިން އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ނަޝީދު ސިފަކުރައްވާފައި ވަނީ "އެންފޯސްޑް ޑިސަޕިއަރެންސް" ނުވަތަ އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ޖަރީމާއެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވަނީ ގާނޫނުން ލިބިދޭ ހައްގުތައް ނިގުޅައިގަނެ އަސާސީ ހައްގުތަކުން މަހުރޫމް ކުރުމަށްފަގައި ކަމަށާއި އެ އަމަލަކީ ނިޒާމުން އެ މީހަކު ގެއްލުވާލުން ކަމަށެވެ.
"ނިޒާމުން ގެއްލުވައިލުމަކީ، 'އެންފޯސްޑް ޑިސަޕިއަރެންސް' އެއީ، އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ޖަރީމާއެއް ކަމަށް ބައިނަލްއަޤްވާމީ މުޢާހަދާތައް ޤަބޫލުކުރޭ. ނިޒާމުން ގެއްލުވައިލުމަކީ، އެންފޯސްޑް ޑިސަޕިއަރެންސަކީ، ދައުލަތުގެ ފަރާތުން ނުވަތަ ދައުލަތުގެ ބާރުތައް ލިބިގެންވާ ފަރާތަކުން، މީހަކު ހައްޔަރުކޮށް، ބަންދުކޮށް، އެބްޑަކްޓްކޮށް އޭނާ ހުރިތަނެއް ނާންގައި، އަދި ހުރިތަން ބުނިކަމުގައިވީ ނަމަވެސް، އޭނާއަށް ޤާނޫނުން ލިބިދޭންޖެހޭ ރައްކާތެރިކަން ލިބިދިނުމެއްނެތި، އޭނާ އެ ބަހައްޓާފައި ހުރިތަނެއްގައި ބެހެއްޓުން. އަދި، އެގޮތަށް ބެހެއްޓުމުގެ ނިޔަތަކީ ވެސް، ޤާނޫނުގެ ރައްކާތެރިކަން ނިގުޅައިގަތުން ކަމުގައިވުން،" މަޝްހޫރު ގާނޫނި ވަކީލު އަދި ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު ވިދާޅުވި އެވެ.
ބައިނަލް އަޤްވާމީ ޖިނާއީ ކޯޓް އުފެއްދި 2002 ވަނަ އަހަރުގެ މުޢާހަދާ ކަމުގައިވާ ރޯމް ސްޓެޓިއުޓުން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް މި ކުށުގެ ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ބެލުމުގެ ބާރު ލިބިދޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ އިންސާނިއްޔަތާ ހިލާފު ޖަރީމާއެއް ކަމަށް ކަނޑައަޅައި، މާނަކޮށްފައި އޮތް ކަމެއް ކަމަށާއި ފަނޑިޔާރަކު، އޭނާއަށް ލިބިދޭންޖެހޭ ގާނޫނީ ރައްކާތެރިކަމުގެ ނިޒާމުން ބޭރަށް ގެއްލުވާލާފައި ހުރުމަކީ ބައިނަލްއަޤްވާމީ މުއާހަދާތަކުން ލިބިދޭ ޙައްގުތައް ވެސް ނިގުޅައިގަނެވޭ ޢަމަލެއް ކަމަށެވެ.
"މަދަނީ އަދި ސިޔާސީ ޙައްޤުތަކުގެ މުޢާހަދާ އާއި އަނިޔާ މަނާކުރުމުގެ މުޢާހަދާ ފަދަ ބައިނަލްއަޤްވާމީ އެހެނިހެން މުޢާހަދާތަކުން ބާރުލިބިދޭ ޙައްޤުތައް ވެސް ނިގުޅައިގަނެވޭ ޢަމަލެއް. އަދި، ބައިނަލްއަޤްވާމީ ޤާނޫނުގެ ގޮތުގައި ބެލެވޭ ޤާނޫނުތަކުގެ ދަށުން ވެސް އެއްވެސް ޙުއްޖަތް ދެއްކޭނެ ޢަމަލެއް ނޫން"
ނަޝީދު ވިދާޅުވީ ޤައުމު ހަނގުރާމައެއްގައިވީ ނަމަވެސް ނުވަތަ ސިޔާސީ ހަމަނުޖެހުމެއްގައި ކަމުގައިވީ ނަމަވެސް، ނުވަތަ ކިތަންމެ ނުރައްކާތެރި ހާލަތެއްގައި ގައުމު އޮތް ކަމުގައި ވީނަމަވެސް، ނިޒާމުން އެ މީހަކު ގެއްލުވާލުވާލުމަކީ ނުކުރެވޭނެ އަމަލެއް ކަމަށް ބައިނަލް އަޤްވާމީ މުއާހަދާތަކުގައި ކަނޑައަޅާފައިވާ ކަމަށެވެ.
"މި ޤައުމުގައި، އަންހެނުންނާ ގަދަކަމުން ޖިންސީ ޢަމަލުތައް ހިންގައި، އެމީހުންނަށް އަނިޔާކޮށް، އެމީހުންގެ ޢިއްފަތްތެރިކަން ފޭރިގަންނަ މީހުން އެބަތިބި. މި ޤައުމުގައި، ތުއްތުކުދިން ވިހައި، ދަޅުދަޅަށްލައި، ކުނިގޮނޑަށް އެއްލައިލާ މީހުން އެބަތިބި. މި ޤައުމުގައި، ވަޅި އާއި ކަނޑި ހިފައިގެން މަގުމައްޗަށް ނުކުމެ މީހުން ފަޅައި، ފޮތިފޮތި ކުރާ މީހުން އެބަތިބި. މި ޤައުމުގައި، އެކިފާޑުގެ ނުރައްކާ ކުށްކުރާ މީހުން އެބަތިބި. މި އެންމެންނަކީ ކުށްވެރިން ކަމުގައިވީނަމަވެސް، މި އެންމެންނަށްވެސް ޤާނޫނުގެ ރައްކާތެރިކަން ލިބިދޭ. ވަކީލުންގެ އެހީތެރިކަން ލިބިދޭ. ކޯޓުތަކަށް ޙާޒިރުވެ ޢަދުލު އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤުތައް ލިބިދޭ. ތަޙްޤީޤުކުރުމުގައި، ރިވެތި އުސޫލުން އިންސާނީ ޝަރަފާއެކު ޢަމަލުކުރުމުގެ ރައްކާތެރިކަން ލިބިދޭ. ޤާނޫނުގެ ހުރިހާ ރައްކާތެރިކަމެއް އެމީހުންނަށް ލިބިދީގެން، އެ ރައްކާތެރިކަމުގެ ތެރޭގައި ހުންނަ އުސޫލުތަކަކުން އެމީހުންނާމެދު ޢަމަލުކުރެވެނީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޢަބްދުﷲ ޤާޒީގެ މައްޗަށް ކިތަންމެ ބޮޑު ކުށެއްގެ ތުހުމަތު ކުރެވުނު ކަމުގައިވީ ނަމަވެސް، އޭނާއަށް ލިބެންޖެހޭ ޤާނޫނުގެ ރައްކާތެރިކަން ނުލިބި، އޭނާއާމެދު ޢަމަލުކުރެވުނުގޮތް، ޢަމަލުކުރެވެމުންދާގޮތް، "އެންފޯސްޑް ޑިސަޕިއަރެންސް" ގެ ކުށުގެ މައިގަނޑު ރުކުންތަކަށް ފެތޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ