ހުޅުމާލޭ ފޭސް 2 އިން ދޫކޮށްފައިވާ ގޯތިތަކުން ވެސް ވިޔަފާރިތަކަށް ބިން ދޫކުރެވޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިރޭ ވިދާޅުވެއްޖެ އެވެ
ވީކިހިނެއް؟ - ހުޅުމާލޭ ފޭސް ދޭކުން ދޫކޮށްފައިވާ ގޯތިތަކުގައި ދިރިއުޅުމުގެ އިތުރުން ވިޔަފާރިތައް ކުރުން ނުވަތަ ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރުން އޮތީ މަނާކޮށްފަ އެވެ. ފޭސް 2ގައި ހިދުމަތްތަކާއި ވިޔަފާރިކުރުމަށް އެޗްޑީސީން ބިން ދެމުން ދަނީ އަޅާފައިވާ ފްލެޓްތަކާއި ގޯތި ކަނޑާފައިވާ ބިންތައް ނެގުމަށް ފަހު، ބާކީ ހުރި ބިންތަކުންނެވެ.
ތަފްސީލް - ހިޔާ ޓަވަރުތަކަށް އިތުރުކުރި ލިފްޓްތައް އެޅުން ނިންމުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއްތޮލިބު ވިދާޅުވީ އެ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށިއިރު ވެސް ކުރިމަތިވި އެންމެ ބޮޑު ތަކުލީފަކީ އަސާސީ ހިދުމަތްތައް ގާއިމުކޮށްފައި ނެތުން ކަމަށެވެ.
އެ ހިދުމަތްތައް ގާއިމުކުރުމަށް ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެ ކަމަށް ފޭސް 2ގައި ބިން ނެތުމުގެ މައްސަލަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެޗްޑީސީގައި މިހާރު ހުރި ބިންތަކަށް ބަލާއިރު ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމާއި ވިޔަފާރީގެ ކަންތައްތައް ކުރުމަށް އެކަށީގެންވާ ބިންތައް ނެތް ކަން އަޅުގަނޑުމެން އެންމެނަށް ވެސް އެބަ އެނގޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިިނިސްޓަރު ވިދާޅުވީ އެޗްޑީސީގެ ބިންތަކުން އެކަނި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތަކާއި ވިޔަފާރިކުރެވޭނެ ގޮތްތައް ހަމަޖެހެން ނެތް ކަމަށެވެ. އެހެންކަމުން ހުޅުމާލޭގެ ފޭސް ދޭކުންނާއި ފޭސް ތިނަކުން މާލޭ މީހުންނަށް ދޫކޮށްފައިވާ 2،000އަށް ވުރެ ގިނަ ގޯތިން ވެސް އެ ކަމަށް ބިން ހަމަޖެހެން ޖެހޭ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.
"ސަރުކާރުގެ ވިސްނުމަކީ އަމިއްލަ ފަރާތްތަކުގެ ބިންތައް ބޭނުންކޮށްގެން އަމިއްލަ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓްތަކުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ހޯދުމުގެ ފުރުސަތު ލިބެން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"މި ވަގުތު އެ ބިންތަކަކީ ވަރަށް ބޮޑަށް ތަޅުއެޅުވިފައި ހުރި ބިންތަކެއް. ހަމައެކަނި ދިރިއުޅުމަށްޓަކައި ވަކި ގޮތަކަށް ތަރައްގީ ކުރުމުގެ ހުއްދަ މި ދެވެނީ،" މުއްތޮލިބު އިތުރަށް ވިދާޅުވި އެވެ.
ރައްޔިތުންނަށް ދިރިއުޅެން ދޫކޮށްފައިވާ ބިންތަކުން ބައެއް ވިޔަފާރީގެ ބޭނުމަށް ދޫކުރުމުގެ ހުއްދަ ދެވޭ ނަމަ، އެ ބިން ލިބުނު ރައްޔިތުންނަށް ވެސް އެ ބިމުން ފައިދާއެއް ލިބޭނެކަން މުއްތޮލިބު ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ހުޅުމާލޭގެ އެ ފޭސްގައި ވެސް އިތުރު ވިޔަފާރީގެ ހަރަކާތްތައް އުފެދި، ވަޒީފާގެ ފުރުސަތުތަކާއި ރައްޔިތުން ބޭނުންވާ އިތުރު ހިދުމަތްތައް ވެސް ގާއިމުކުރެވިގެން ގޮސް އެ ސަރަހައްދުގެ އިގުތިސޯދު ފުޅާވެގެންދާނެ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަ ޖެހޭ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުން ވިޔަފާރީގެ އުސޫލުން ބިންތަކުން ފައިދާ ހޯދައި، އެ ބިންތަކުން މި ތަނުގައި އުޅޭ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ވެސް ދެވޭ ބިންތަކަކަށް ހަދަން،" މިނިސްޓަރު ވިދާޅުވި އެވެ.
"ހޮސްޕިޓަލް، ކްލިނިިކް، ޕްރައިވެޓް ޕްރީސްކޫލް، ޝޮޕިން ކޮމްޕްލެކްސް ކަމުގައި ވިޔަސް، އާންމު ރައްޔިތުންނަށް ދޫކޮށްފައި މި ހުރި 2،000އަށް ވުރެ ގިނަ ގޯތިތަކުގެ ތެރެއިން މި ދެންނެވި ހިދުމަތްތައް ދިނުމަށް ބިން ފަހިކުރަންޖެހޭ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ހުޅުމާލޭ ފޭސް 2ގެ ގޯތިތަކުން ވިޔަފާރިތަކަށް ބިން ދޫކުރެވެން އެބަ ޖެހޭ: މިނިސްޓަރު މުއްތޮލިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ