ކާޑުގެ ބާވަތްތަކުން ދެމުންދިޔަ ސަބްސީޑި ފަގީރުންނަށް އެކަނި ދޭން ނިންމާ އަގު ބޮޑު ކުރި މައްސަލަ އާއި ކަރަންޓު ފިއުލް ސާޖާޗްގެ ގޮތުގައި ހަތަރު ލާރި ނަގަން ނިންމި މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަތައް މަޖިލީހަށް ކުއްލި މައްސަލައިގެ ގޮތުގައި ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނާޒިމް އެވެ. މި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާގުންނެވެ.
މިހާރު މަޖލީހުގައި މެންބަރުން ގެންދަވަނީ މި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. ބަހުސް ކުރިޔަށް ގެންދަނީ އެއް ގަޑި އިރަށެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ އެ މައްސަލަ ހުށަހެޅީ ކުއްލިއަކަށް ކާޑުގެ ބާވަތްތަކުންނާއި ކަރަންޓުގެ އަގު ބޮޑު ކުރުމުން ރައްޔިތުންގެ ދިރިހުރުމުގެ ހާލަތު ކުއްލިއަކަށް ދަށަށް ދިއުމާ ގުޅިގެން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދައި، ރައްޔިތުންގެ ޖީބަށް ފައިސާ އިތުރުވާނެ މަގެއް ކޮށައި ދެމުން ނުދާ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ކާޑުގެ އަގަށް ގެނައި ބަދަލާއި ގުޅިގެން އަތޮޅުތެރެއާއި މާލޭގައި މުޒާހަރާ ކޮށްފައިވެ އެވެ.
ކާޑުގެ އަގު 100 ޕަސެންޓަށް ބޮޑު ކުރުމުން މިހާރު ހަނޑޫ ކިލޯއެއްގެ އަގަކީ .7.96 ރުފިޔާ އެވެ. އަދި ހަކުރު ކިލޯއެއްގެ އަގު އަށް ރުފިޔާއަށް ބޮޑުވެ ފައިވާއިރު، ފުށް ކިލޯއެއް ވިއްކަނީ 5.96 ރުފިޔާ އަށެވެ.
ކާޑާއި ކަރަންޓުގެ މައްސަލައިގަ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ