ގއ، ގދ. އަށް މޫސުން ގޯސްވެ ކަނޑު ދަތުުރު ނުކުރަން އަންގައިފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގއ. އަދި ގދ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށް ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ. ޔެލޯ އެލާޓް ނެރެނީ ކަނޑު ދަތުރުފަތުރު ނުކުރުމަށް އިލްތިމާސްކުރުމުގެ ގޮތުންނެވެ. އަދި ދިމާވެދާނެ ނުރައްކަލަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބެން އެންގުމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ ނެޝަނަލް މީޓޮރޮލޮޖިކަލް ސެންޓަރުން ވަނީ މިއަދު ހެނދުނު 10:00 އާއި 12:00 އާއި ދެމެދު އެ ދެ އަތޮޅަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފަ އެވެ. އަދި 40 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށްފަ އެވެ.
މެޓު އޮފީހުން ބުނީ ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއިއަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އުތުރުގެ ބައެއް ރަށްތަކަށް ކެރީގެއަސަރުފޯރާނެ ކަމަށް ލަފާކޮށްފައިވާއިރު ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާ 10 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އަދި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
ސްރީލަންކާގެ ކައިރީގައި އުފެދުނު ކޮޅިގަނޑުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހިފައިވެ އެވެ. އަދި ބައެއް ރަށްތަކުގައި ފެން ބޮޑުވުމުގެ މައްސަލަވެސް ކުރިމަތިވި އެވެ. އެ ކޮޅިގަނޑުގެ އަސަރު އަވަށްޓެރި އިންޑިއާއަށްވެސް މިހާރު ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ