ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރަން ނިންމަވައިފި އެވެ. މީގެ ކުރިން އޭނާ ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމުގެ ޝައުގުވެރިކަން ފާޅު ކުރައްވައި އެކަމަށް މަސައްކަތް ފައްޓަވައިފަ އެވެ.
އޭނާ މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޖޭޕީއާ ގުޅެން ނިންމެވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އަދި އެ ޕާޓީއާ ގުޅުމަށް އޭނާ އެ ޕާޓީއަށް ސޮއި ކުރުން އަންނަ ހަފްތާގައި އޮންނާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ މަޝްވަރާތަކަށް އުމަރު ވަނީ މިފަހުން ލަންޑަނަށް ވަޑައިގެން އެ ގައުމުގައި އުޅުއްވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދުއާ ބައްދަލު ކުރައްވައިފަ އެވެ. އެންމެ ފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ފުރަތަމަ ބުރުގައި އުމަރު ތާއީދު ކުރީ ޖޭޕީ އިން އިންތިހާބުގައި ވާދަކުރި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށެވެ.
އުމަރަކީ 2013 ވަނަ އަހަރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ޕީޕީއެމްގެ އެތެރޭގައި ބޭއްވި ޕްރައިމަރީގައި ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރެއްވި ކެންޑިޑޭޓެވެ. އެ ޕްރައިމަރީގެ ކަންކަމާ މެދު ހިތްހަމަ ނުޖެހިގެން އުމަރު ވަނީ އޭރު ރައީސް ޔާމީންއާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލާ ވާހަކަ ދައްކަވައިފަ އެވެ. އެކަމާ ގުޅިގެން އުމަރު ޕީޕިއެމް އިން ވަކިކުރި އެވެ.
އެހެން ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އުމަރު ތާއީދު ކުރެއްވި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ފުރަތަމަ ބުރުގައި ކާމިޔާބު ނުވުމުން ޖޭޕީއިން ރައީސް އަބްދުﷲ ޔާމީންއަށް ތާއީދު ކުރަން ނިންމުމުން އުމަރު ވަނީ ރައީސް ޔާމީންއަށް ތާއީދު ހޯދުމަށް މަސައްކަތް ކުރައްވައިފަ އެވެ. އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރުކަން އޭނާ ކުރެއްވި އެވެ. އެހެން ނަމަވެސް އުމަރު އެ މަގާމުން ވަކި ކުރެއްވި ފަހުން އޭނާ ސިޔާސީ މައިދާނުން މާބޮޑަށް ފެނިފައެއް ނުވެ އެވެ.
އުމަރު ޖޭޕީއަށް ސޮއިކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ