ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ކޯޓަށް ގާނޫނީ އަދި ޝަރުއީ ބައެއް ކަންކަން ފާހަގަކޮށް ހުށަހެޅުންތަކެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)އިން ބުނެފި އެވެ.
ދެންމެ ޕީޖީ އޮފީހުން އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަން ކުރަންޖެހޭ ކަންކަން އެ އޮފީހުން މިހާރު ކުރަމުންދާ ކަމަށެވެ. އަމުރު ތަންފީޒުކުރަން ވާނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ލަފާ ދެއްވަވާފައިވާ ކަމަށާއި އެހެންވެ ބައެއް ތައްޔާރީތައް ވަމުންދާކަން ވެސް ޕީޖީއިން ފާހަގަކޮށްފައިވެ އެވެ.
"އެގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން މި އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ ޝަރުއީ އަދި ގާނޫނީ ކަންކަމުގެ ތަފްސީލް އެ ކޯޓަށް ހުށަހެޅުމަށްޓަކައި މި އޮފީހުން މިގެންދަނީ ތައްޔާރުވަމުން،" ޕީޖީ އޮފީހުން ބުންޏެވެ.
ސަރުކާރުން ގެންދަނީ އެ ބޭފުޅުން މިނިވަންކުރުމަށް އެކި އުޒުރުތައް ދައްކައިގެން އެކަން ލަސްކުރަމުންނެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ މަޝްވަރާ ވެސް ކުރައްވާފަ އެވެ. އަމުރާ ގުޅިގެން މަޝްވަރާ ކުރަން ޖެހުނީ އަނިލް ވިދާޅުވި ގޮތުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ކޮރަޕްޝަން އަދި ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ މީހުން ދޫކޮށްލުމަށް އަމުރުކޮށްފައިވާތީ އެކަމުގައި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.
ޑިއު ޕްރެސެސްގެ ތެރެއިން އަމުރު ތަންފީޒުކުރުމަށް އުއްތަމަ ފަނޑިޔާރު ދަންނަވާފައިވާ ކަމަށް އޭޖީ ވިދާޅުވި އެވެ. އޭޖީ ވިދާޅުވީ ޑިއު ޕްރޮސެސް އަކީ، ހުކުމާ މެދު ހުރި ކަންބޮޑުވުންތައް ޕީޖީއާ ހިއްސާކޮށް ޕީޖީގެ ފަރާތުން އެ ކަންކަން ސުޕްރީމް ކޯޓަށް ހުށަހަޅައި އެ ކަންކަމާ މެދު ސުޕްރީމް ކޯޓުން ނިންމާ ގޮތަކަށް އަމަލު ކުރުން ކަމަށެވެ.
"ޑިއު ޕްރެސެސްގެ ތެރެއިން ކަންކަން ކުރިއަަށް ގެންދަން އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ، މިގޮތުން ޕީޖީއިން މިހާރު އެ މަސައްކަތް ފައްޓަވައި ލިސްޓްގައި ހިމެނޭ މީހުންގެ މައްސަލަތައް ދިރާސާކޮށް އަދި ވަރަށް އަވަސް ފުރުސަތެއްގަ ފުލުހުންނާއެކު މަސައްކަތް ކުރުމަށްފަހު ސުޕްރީމް ކޯޓަށް ގާނޫނީ ކަންކަމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުމާއި އަދި ކުރިއަށް ގެންދިޔުމަށް ޕީޖީއަށް ފެނިވަޑައިގަންނަވާ ގޮތްތަކާއެކު ހުށަހަޅާނެ،" އަނިލް ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ، ޕީޖީއިން އެކަންކަން ހުށަހެޅުމުން އެއަށް ސުޕްރީމް ކޯޓުން ގޮތްތަކެއް ކަނޑައަޅާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަނިލް މިފަދަ ކަންބޮޑުވުންތަކެއް ފާޅު ކުރެއްވިއިރު، އަމުރުގައި ބުނެފައިވާ ގޮތުން ދޫކޮށްލަން އަމުރު ކުރި ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށާއި އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ހުކުމްތައް ކޮށްފައިވާ ކަމަށް ހުށަހެޅުނު ޝަކުވާތަކަށް ބެލިއިރު ފެންނާތީ އެބޭފުޅުންގެ ޝަރީއަތް އަލުން ބޭއްވެންދެން ކަމަށެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގިގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭތީ ކަމަށް ވެސް އަމުރުގައިވެ އެވެ.
ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ނިންމާލަމުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށާއި ސިފައިންނާއި ފުލުހުންގެ މައްޗަށާއި ކަމާ ގުޅޭ އެންމެހާ މުއައްސަސާތަކަށް އަންގާ ކަމަށެވެ.
އެ އަމުރާ އެއްގޮތަށް އެއްވެސް ފަރާތުން އަމަލު ނުކުރާނަމަ ނުވަތަ ހުރަސް އަޅައިފިނަމަ ނުވަތަ ފަރުވާކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ މައްޗަށް އަންގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ.
ސުޕްރީމް ކޯޓުން ކަނޑައެޅިގެން ވީއެންމެ އަވަހަކަށް އަމުރު ތަންފީޒުކުރުމަށް ސަރުކާރުން ފަސްޖެހެމުންދާތީ، އެކަމާ އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސުޕްރީމް ކޯޓަކީ ފަހު ބަސް އިއްވާ ކޯޓަށްވާއިރު އެ ކޯޓުގެ އަމުރު ތަންފީޒުނުކޮށް އެއަށް ސުވާލު އުފެއްދުމުގެ ބާރެއް ބަންޑާރަ ނައިބަށް ނެތް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އަމުރުގައި ދޫކޮށްލަން އަންގާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން ދޫކޮށްލުމަށެވެ. އަދި މެޖިސްޓްރޭޓް އަހުމަދު ނިހާން އާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންއާއި ހާމިދު އިސްމާއިލް އެވެ.
ސުޕްރީމް ކޯޓަށް ކަންކަން ހުށަހަޅަން މިދަނީ ތައްޔާރުވަމުން: ޕީޖީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ