އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން ދައުވާކުރި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ އެމަނިކުފާނު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލައަށް ހައިކޯޓުން ތާއީދުކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހަޅައިފި އެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް މި ދައުވާ އުފުލީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް، ގަވަރުމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް މިމައްސަލަ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މެއި މަހުގެ އަށްވަަނަ ދުވަހު އެވެ.
މިމައްސަލަ ހައިކޯޓުގަައި އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން މިމައްސަލާގައި ހުކުމްކުރީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ޓީމުން ބުނީ މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހެޅީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
ޖެމްސް މައްސަލައިގެ އިތުރުން ދަށު ކޯޓުތަކުގެ ބައެއް ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އުއްތަމަ ފަނޑިޔާރަށް އިއްވާފައިވާ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ވަނީ ހުށަހަޅާފަ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރިޝްވަތު ނަންގަވައިގެން ސަރުކާރު ވައްޓާލަން އުޅުއްވި ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ތެރެއިން ދައުވާއެއް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިނަމަ އެމަނިކުފާނަށް އޮޓޮމެޓިކުން މަގާމު ގެއްލިވަޑައިގަންނަވާނެ އެވެ.
އުއްތަމަ ފަނޑިޔާރުގެ ޖެމްސްގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ