ތާޖުއްދީން ސްކޫލް ޓާފް ދަނޑު ހުޅުވައި، ބޭނުންކުރަން ފަށައިފި

ތާޖުއްދީން ސްކޫލް ބެލެނިވެރިން، އެސްކޫލްގެ ދަރިވަރުންނަށް އަޅައިދިން ޓާފް ދަނޑު ހުޅުވައި، މިރޭ ބޭނުން ކުރަން ފަށައިފިއެވެ.
ތާޖުއްދީން ސްކޫލް ގޯތިތެރޭގައި ހެދި މިޓާފް ދަނޑު ހުޅުވައިދެއްވުމަށް ޚާއްޞަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމެވެ. މީގެއިތުރުން އެސްކޫލްގެ ބެލެނިވެރިއެއްގެ ހައިޞިއްޔަތުން ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒުވެސް ޓާފް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ދަނޑު ހުޅުއްވުމުގައިވެސް ބައިވެރިވެވަޑައިގެނެވިއެވެ.
މިއީ ހެޔޮއެދޭ ފަރާތްތަކާއި، ސްޕޮންސަރުންގެ އެހީތެރިކަން ހޯދައިގެން ތާޖުއްދީން ސްކޫލްގެ ބެލެނިވެރިން، ސްކޫލާއި ގުޅިގެން ހެދި ޓާފް ދަނޑެއްކަމަށް ސްކޫލުން މައުލޫމާތުދެއްވައެވެ.
img:http://s1.psmnews.mv/images/660x400/14884758906636.jpg|ތާޖުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރާއި ހައުސިންގ މިނިސްޓަރ؛ ފޮޓޯ-ޕީއެސްއެމް
މިދަނޑުގައި އައުޓްޑޯ ގިނަ ކުޅިވަރުތަކާއި، ޕީއީ ގަޑިތައްވެސް ނަގާނެކަމަށް އެސްކޫލްގެ ލީޑިންގ ޓީޗަރ އިބްރާހީމް ޝާކިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެސްކޫލްގައި އެދަނޑުގެ ބޭނުން ނުކުރާ ހަމަ އެއްވެސް ދަރިވަރަކު ނުހުންނާނެކަމަށެވެ.
" ވަރަށްބޮޑު ފަސޭހައެއް މިއީ. ހޭންޑްބޯޅަ، ނެޓްބޯޅަ، ވޮލީ، ފުޓްބޯޅަ ފަދަ އައުޓްޑޯ ހުރިހާ ކުޅިވަރަކަށް މިދަނޑު ބޭނުންކުރާނެ. އިންޓަރ ސްކޫލް މުބާރާތްތަކަށްވެސް ދަނޑުގެ ސަބަބުން ފަސޭހަވާނެ. ޕީއީ ގަޑިތަކަށާއި، އެސެމްބްލީ އަދި އަދަބީ ފޯވަހި ފަދަ ހަރަކާތްތަކުގައިވެސް އެތަން ބޭނުންކުރާނެ. ދަނޑު ބޭނުން ނުކުރާ ހަމަ އެއްވެސް ދަރިވަރަކު ނުހުންނާނެ " ޝާކިރު ވިދާޅުވިއެވެ.
ދަނޑު ހުޅުވުމަށްފަހު މިރޭ ވަނީ ދަރިވަރުންގެ ހޭންޑްބޯޅަ މެޗަކާއި، ފުޓްބޯޅަ މެޗެއް ދަނޑުގައި ކުރިއަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ