ޔޮޓް ޓުއާސް އިން ހިންގަމުން އަންނަ ހަނދުފުށި (ހެރަތެރަ) ރިސޯޓުގެ މުވައްޒަފުންނަށް އެއްވެސް ނޯޓިސްއެއް ނުދީ މިދިޔަ ހަފުތާ އިން ފެށިގެން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރަމުން ގެންދާތީ އެކަމާ ހިތްހަމަނުޖެހިގެން މުވައްޒަފުން ހަޅުތާލުކުރާތާ ތިން ދުވަސް ފަހުން، މުވައްޒަފުންގެ ހައްގުތައް ލިބިދިނުމަށް ގޮވާލައި ހުޅުދު އާއި މީދޫގެ ރައްޔިތުން ނިކުމެ ރިސޯޓުގެ މެނޭޖްމަންޓާ ދެކޮޅަށް މުޒާހަރާކޮށްފި އެވެ.
ރިސޯޓާއި ހުޅުދޫ ވަކި ކުރުމަށް ކޮނެފައިވާ ކޯރު ކައިރި އަށް އެ ދެ ރަށުގެ ގިނަ ބަޔަކު އިއްޔެ އެއްވެ، މެނޭޖްމަންޓާ ދެކޮޅަށް އަޑު އުފުލައި، މުވައްޒަފުންގެ ހައްގުތައް ދިނުމަށް ގޮވާލައިފައިވެ އެވެ. އަދި ޔޮޓް ޓުއާސް އެ ރިސޯޓުން ފައިބައިގެން ނުދަނީސް، މުވައްޒަފުން ވެސް އަދި ދެ ރަށުގެ ރައްޔިތުން ވެސް މެނޭޖްމަންޓާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތްތައް ހުއްޓާނުލާނެ ކަމަށް ބުނެފައިވެ އެވެ. ކޯރު ކައިރި އަށް އެއްވެ މުޒާހަރާކުރި ބައެއް މީހުން ވަނީ ރިސޯޓަށް ގާ ވެސް އުކައިފަ އެވެ.
ފުލުހުން ވެސް ފޯރި މަރަމުން އަންނަ ރިސޯޓުން ގަވައިދާ ހިލާފަށް މުވައްޒަފުން ވަކި ކުރަމުންދާ ކަމަށް ބުނެ މުވައްޒަފުންގެ އިތުރަށް ދެ ރަށުގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފަ އެވެ.
އިއްޔެ ހަވީރު 30: 4 ފެށިގެން ރޭ ފަތިހު ތިނެއް ޖަހަން ދެން މުޒާހަރާ ކުރިއަށް ގެންގޮސްފައި ވެ އެވެ. އެގޮތުން ލައުޑް ސްޕީކަރު ބޭނުންކޮށްގެން މެނޭޖްމަންޓުގެ ބޭފުޅުންގެ އިސްތިއުފާ އަށް ގޮވައި ގެއްލިފައިވާ މުވައްޒަފުންގެ ހައްގުތައް ބަރާބަރަށް ދިނުމަށް އެ މީހުން ވަނީ ގޮވާލައިފަ އެވެ. އަދި މިއަދު ވެސް މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް ހުޅުމީދޫ މީހުން ބުންޏެވެ.
ރިސޯޓުން މުވައްޒަފުން މަދުކުރުމުގެ ކަންތައް ކުރިއަށް ގެންދާއިރު ހަޅުތާލުގައި ބައިވެރިވާ ހުރިހާ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް މެނޭޖްމަންޓުން ބުނެ، އެ މީހުންނަށް ދެމުން ދިޔަ އަސާސީ ހިދުމަތްތައް ވެސް ދިނުން ވަނީ ހުއްޓާލައިފަ އެވެ. އެހެންވެ ރެ އާއި ބުރާސްފަތި ދުވަހުގެ ރޭ ވެސް ހަޅުތާލު ކުރަމުން ދިޔަ މުވައްޒަފުން ނިދައިފައި ވަނީ އެ މީހުން މުޒާހަރާ ކުރަމުން ދިޔަ ސަރަހައްދުގައި ހުންނަ ލޯންޑްރީ އާއި އައިޓީ ޑިޕާޓްމަންޓް ކުރީމަތީ ބޭރުގަ އެވެ.
ހަޅުތާލު ކުރަމުން ހުރިހާ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް އަންގައި، ރިސޯޓުގައި މިހާރު ތިބި 32 ވަރަކަށް ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް މެނޭޖްމަންޓުގެ ފަރާތުން އިއްޔެ ވަނީ ފޭދޫ އިން 15 މީހުންގެ ގްރޫޕެއް ވެސް އެ ރިސޯޓަށް ގެންގޮސްފަ އެވެ.
އެހެންނަމަވެސް ހަޅުތާލު ކުރަމުން ދިޔަ މުވައްޒަފުން ބުނެފައި ވަނީ އެ މީހުން އެކަން ކުރަނީ ރިސޯޓުގައި ތިބި ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި ދަތި ނުވާ ގޮތަށް ކަމަށެވެ. އެހެންވެ ބަޔަކު އެ ރަށަށް އަރުވައިގެން މަސައްކަތް ކުރުވަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް އެ މީހުން ބުންޏެވެ.
އެމްޓީޑީސީގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާ އިރު މިހާތަނަށް މިކަމާ ބެހޭ ގޮތުން ރިސޯޓުގެ މެނޭޖްމަންޓާއި ހަޅުތާލު ކުރަމުން އަންނަ މުވައްޒަފުންނާ ދެކުނު ޕްރޮވިންސް އޮފީހުގެ ފަރާތުން ބައްދަލުކޮށް މަޝްވަރާކޮށްފައިވެ އެވެ. އެހެންނަމަވެސް މިކަމަށް ހައްލެއް ނައިސް މައްސަލަ ގޯހުން ގޯހަށް ދާތީ، ރިސޯޓާ އެންމެ ކައިރީގައި އޮތް ހުޅުދޫން ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ގއ. އަތޮޅުގެ މެންބަރުންކަން ކުރައްވައިފައިވާ އަބްދުﷲ ޖާބިރުގެ ކުންފުނި، ޔޮޓް ޓުއާސް މުވައްޒަފުން މަދުކުރުމުގެ މައްސަލައިގައި މުވައްޒަފުންނާއި މެނޭޖްމަންޓާ ދޭތެރޭ ހޫނު މައްސަލަތަކެއް އުފެދިގެން ގޮސްފައިވާ އިރު ޓޫރިޒަމް މިނިސްޓްރީ އާއި ލޭބާ ޓްރައިބިއުނަލް އެސޯސިއޭޝަންގެ ޓީމެއް އެ ރަށަށް ގޮސް މެނޭޖްމަންނާއި މުވައްޒަފުންނާ ބައްދަލުކޮށް މިއަދު ވަނީ މަޝްވަރާ ވެސް ކޮށްފަ އެވެ. އެހެންނަމަވެސް ދެ ފަރާތުގެ ޓީމުގައި ހިމެނޭ ބޭފުޅެއްގެ ބަހެއް ހޯދުމަށް މިއަދު ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ.
ޔޮޓް ޓުއާސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ރިސޯޓުގައި މުވައްޒަފުން ހިންގާ ހަރާކާތްތަކުގެ އިތުރަށް ހުޅުމީދޫ ރައްޔިތުން ނިކުމެ ރިސޯޓް މެނޭޖްމަންޓާ ދެކޮޅަށް މިހާރު ހިންގަމުން އަންނަ ހަރަކާތްތަކަކީ އެމްޓީޑީސީ އަޑީގައި އޮވެގެން ކުރުވަމުން އަންނަ ކަމަށެވެ.
"މިހާރު މި ފެންނަ ކުލަވަރުތަކަށް ބަލާއިރު އެމްޓީޑީސީގެ އަތެއް މިކަމުގެ ތެރޭގައި ވަރަށް ބޮޑަށްވާ ކަމަށް ގަބޫލު ކުރެވެނީ. މައްސަލަތައް އުފައްދަމުން އަންނަ މީހުން އެންމެ ބޮޑު ބޭނުމަކަށް ވެސް ވެފައި މި އޮތީ ޔޮޓް ޓުއާސް އެ ތަނުން [ރިސޯޓުން] ބޭލުން،" އަހުމަދު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް ހަގީގަތުގައި ވެސް މި ހުރިހާ ކަމެއް މި ދިމާވީ އެމްޓީޑީސީން ވެފައި އޮތް އެގްރިމަންޓާ ހިލާފުވެ، އެ މީހުންގެ ޒިންމާ އެ މީހުން ބަރާބަރަށް އަދާ ނުކުރުމުގެ ސަބަބުން."
އަހުމަދު ވިދާޅުވީ ރިސޯޓާއި ހުޅުދު އާ ދޭތެރޭ ކަނޑަން އެމްޓީޑީސީން އެއްބަސްވި ޗެނަލްގެ މަސައްކަތް އެމްޓީޑީސީ އަށް އެގްރިމަންޓާ އެއް ގޮތަށް ކުރިއަށް ނުގެންދެވުމުގެ ސަބަބުން ޔޮޓް ޓުއާސް އާ އެކު ޓުއާ އޮޕަރޭޓަރުން ހަދައިފައި ހުރި ބުކިންސްތައް ކެންސަލް ކުރަން ޖެހި ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންވެ މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅުތަކެއް އަޅަން ޖެހުނީ މަޖުބޫރުވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވެ މުވައްޒަފުން ހިތްހަމަނުޖެހެންވީ އެ މީހުންނާ [އެމްޓީޑީސީ] އާ ދޭތެރޭ. އަޅުގަނޑުމެންނާ ދޭތެރޭ ހިތްހަމަނުޖެހި މަސައްކަތަށް ހުރަސް އެޅުމުގެ ހައްގެއް މުވައްޒަފުންކަށް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ
އަހުމަދު އިތުރަށް ވިދާޅުވީ މުވައްޒަފުން ރިސޯޓުގައި ކުރަނީ މުޒާހަރާ އެއް އަދި ހަޅުތާލެއް ކަމަށް ވެސް ގަބޫލް ނުކުރައްވާ ކަމަށާއި "އެމީހުން އުޅެނީ ރިސޯޓާއި މެނޭޖްމަންޓް ހައިޖެކްކޮށްގެން" ކަމަށެވެ
"އެހެންވެ އަޅުގަނޑުމެންގެ ކުންފުނީގެ އުސޫލުތަކާ ހިލާފަށް އެ މީހުންނަށް އަމަލު އެ ކުރެވެނީ. އެކަން ކުރާ އެއްވެސް މީހަކީ އަޅުގަނޑުމެންގެ މުވައްޒަފެއް ނޫން މިހާރު. އެހެންވެ އަޅުގަނޑުމެންގެ ސާވިސްތަކަށް ބޭނުންވާ މުވައްޒަފުންތަކެއް އިއްޔެ ވެސް އެ ރަށަށް ގެންދިޔައީ. އަދި ކުރިއަށް އޮތްތަނުގައި ވެސް ގެންދާނަން،" އޭނާ ވިދާޅުވި އެވެ. "މީގެއިތުރުން ކުންފުނީގެ މެއިލްތަކެއް ލީކްކޮށް ގަވައިދާ ހިލާފު ކަންތައްތަކެއް ވެސް އެމީހުން ކޮށްފައި އެބަހުރި. އެ ކަންތައްތައް އިތުރަށް ބަލައި އެ މައްސަލަ ވެސް ފުލުހުންނަށް ހުށަހެޅުމަށް އަޅުގަނޑުމެން ތައްޔާރުވަމުން މި އަންނަނީ."
އެމްޓީޑީސީން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ނިއުސް ކޮންފަރެންސުގައި ބުނެފައި ވަނީ ހެރަތެރައިގައި މިހާރު ކުރިއަށް ދާ ކަންތައްތަކާ ދޭތެރޭ އެ ކުންފުނީގެ އެއްވެސް ބައިވެރުވުމެއް ނުވާނެ ކަމަށެވެ. އަދި އެގޮތަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން ހެރަތެރަ ބެލެހެއްޓުމަށް އެ ރަށުގައި އެމްޓީޑީސީން ބޭނުންވާ ބަޔަކު ބޭތިއްބޭނެ ގޮތަށް ހަމަޖައްސައިދިނުމަށް އެދި އެ ކުންފުނިން ވަނީ ވަގުތީ ކޯޓު އަމުރަކަށް އެދިފައި ކަމަށް ވެސް އެކުންފުނިން ބުނެފައިވެ އެވެ.
ހެރަތެރައިން މުވައްފަޒުން މަދުކުރުމުގެ މައްސަލަ: މެނޭޖްމަންޓާ ދެކޮޅަށް ހުޅުމީދޫ ރައްޔިތުން މުޒާހަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ