މަދު ކެންޑިޑޭޓުންނަށް ދީފައިވާ ވޯޓު ބާތިލް ވާނެ ކަމަށް ބުނާ ބައި ސުޕްރީމް ކޯޓުން ބާތިލްކޮށްފި
ސ. ހިތަދޫ، ލާމިގޭ، މޫސާ އަންވަރު ހުށަހެޅި މައްސަލައިގައި ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވީ އިންތިހާބު ކުރަންޖެހޭ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓުތައް ބާތިލްވާނެ ކަމަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 18 ވަނަ މާއްދާގައި ކަނޑައަޅާފައި އޮތް އޮތުމަކީ، ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ނ. އާ ތައާރަޒްވާ ކަނޑައެޅުމެއް ކަމަށެވެ. އެހެންކަމުން އެގޮތަށް ކަނޑައަޅާފައިވާ އޮތް އޮތުމަކީ މިއަދުން ފެށިގެން ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ބޭނުން ނުކުރެވޭނެ ބާތިލް ކަނޑައެޅުމަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.މަދު ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓުތައް ސައްހަ ވާނެ ކަމަށް ކަނޑައެޅުމަށް ވެސް މޫސާ އަންވަރުގެ ދައުވާގައި އެދިފައިވެ އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވީ 18 ވަނަ މާއްދާގެ ބައެއް ބާތިލް ކުރި ނަމަވެސް އެކަމަށް އަމަލު ކުރަން ފަށޭނީ ހުކުމް ކުރި ވަގުތުން ފެށިގެން ކަމަށެވެ. އެހެންކަމުން އެފަދަ ވޯޓުތައް ސައްހަ ކަމަށް ކަނޑައެޅުމަށް މޫސާ އަންވަރު ހުށަހަޅާފައިވާ ހުށަހެޅުމަކީ ގާނޫނީ ގޮތުން އިޖާބަ ދެވޭނެ އެދުމެއް ނޫން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަމިއްލައަށް މިނިވަންކަމާއެކު އިހްތިޔާރު ކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ ކަމަށް ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ނ. ގައި ބުނެފައިވާ ކަމަށެވެ. ގާނޫނު އަސާސީއާ ހިލާފަށް ހަދާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ބާތިލްވާނެ ކަމަށް ގާނޫނު އަސާސީގެ 268 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ގާނޫނު އަސާސީގައި ބަޔާން ކުރާ އަސާސީ ހައްގަކާ ތައާރަޒްވާ ނަމަ އެ ތައާރަޒްވާ މިންވަރެއް ބާތިލްވާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ޑިމޮކްރެޓިކް ކޮންމެ ގައުމެއްގެ އިންތިހާބުތަކުގައި ވެސް ގުނަނީ ހަމައެކަނި ސައްހަ ވޯޓު ކަމުން ވޯޓު ބާތިލްވާނެ ގޮތްތަކެއް ވެސް ބަޔާންކޮށްފައި ހުންނަ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ޑިމޮކްރެޓިކް ބައެއް ގައުމުތަކުގައި ގެންގުޅޭ އިންތިހާބީ އުސޫލުތައް ވެސް ޝަރީއަތުގައި އިއްވެވި އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ރާއްޖޭގައި ވޯޓު ދޭންޖެހޭ ކަމަށެވެ. އަދި އެއް ކެންޑިޑޭޓުންނަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ހާލަތްތަކުގައި ޑިމޮކްރެޓިކް ގިނަ ގައުމުތަކުގައި އޮންނަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ވުރެ ގިނަ ނުވާނެ ގޮތަކަށް ކޮންމެ އަދަދަކަށް ވެސް ވޯޓު ދެވޭ ގޮތަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. މަދު ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓުތައް ބާތިލްވާނެ ކަމަށް 18 ވަނަ މާއްދާގައި ކަނޑައަޅާފައި ވަނީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ނ. އިން ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގަށް ހުރަސްއެޅޭ ގޮތަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެ ހައްގު ހިފެހެއްޓޭނެ ޒަރޫރަތެއް ނުވެސް ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެގޮތަށް ހުކުމް ކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. ތަފާތުވެފައި ވަނީ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ ރައުޔެވެ. ފަނޑިޔާރު މުއުތަސިމްގެ ރައުޔު އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ކޯޓުން ބާތިލް ކުރާ ނަމަ އެކަމުގެ ސަބަބުން ނުކުންނާނެ ހުރިހާ ނަތީޖާއަކަށް ވިސްނަންޖެހޭނެ ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސް ކުރަނީ ތަފާތު ތިން މަރުހަލާއެއްގައި ބަހުސް ކުރުމަށްފަހު ތިން ކިޔުމަށްފަހު ކަމަށެވެ. އެފަދަ ގާނޫނެއް ފާސް ކުރަނީ ޒިންމާދާރު އެތައް އަރާރުމަކާއި ޒުވާބަކަށް ފަހު ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ނަމަވެސް ގާނޫނު އަސާސީއާ ހިލާފް ކަމަށް ބުނެ ކޯޓުން ސްޓްރައިކް އައުޓް ކޮށްލުމަކީ ވަރަށް ބޮޑު ކަމެއް ކަމަށާއި އެއީ އެ ނޫން ގޮތެއް ނެތިގެން ނޫނީ ކުރަންނުޖެހޭނެ ކަމެއް ކަމަށެވެ.މިފަދަ މައްސަލަތަކަކީ ވަކީލެއް އައްޔަންނުކޮށް ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ނަމަވެސް އިސްތިސްނާއީ މައްސަލައެއްގެ ގޮތުން ވަކީލަކާ ނުލައި ކުރިއަށް ދިއުމުގެ ފުރުސަތު ސުޕްރީމް ކޯޓުގެ ފުލް ބެންޗުގެ އިއްތިފާގުން މޫސާ އަންވަރަށް ދީފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ފަނޑިޔާރު ވިދާޅުވީ ވަކީލަކާ ނުލައި އަމިއްލަ އަށް ވަކާލާތު ކުރި މޫސާ އަންވަރަށް މި މައްސަލަ ބިނާ ކުރެވިފައި ނުވާ ކަމަށެވެ. އަދި މިފަދަ ބޮޑެތި މައްސަލަތައް ބަލައި ޖުޑީޝަލް ރިވިއު ކުރާއިރު ވަކީލަކު އައްޔަންނުކޮށް ބަހުސް ކުރުމަކީ ގަބޫލު ކުރައްވާ ހަމައެއް ނޫން ކަމަށެވެ.ފަނޑިޔާރު މުއުތަސިމް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 18 ވަނަ މާއްދާއަކީ ގާނޫނު އަސާސީއާ ހިލާފް މާއްދާއެއް ކަމަށް ކަނޑައެޅޭނެ ޝަރުއީ ނުވަތަ ގާނޫނީ ހަމައެއް ވެސް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ