މުނިސިޕަލްޓީން ޖޫރިމަނާގެ ފައިސާ ދައްކައިފި

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާ ހިލާފުވެފައިވާތީ، މާލޭ މުނިސިޕަލްޓީން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ އެއް މިލިއަން ރުފިޔާ ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަށް ދައްކަވައިފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން އިއްޔެ ނެރުއްވި ނޫސް ބަޔާނެއްގައި ވަނީ މުނިސިޕަލްޓީގެ ޖޫރިމަނާގެ ފައިސާ ދެއްކެވީ އިއްޔެ ކަމަށެވެ.
އެ މިނިސްޓްރީން ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު މުނިސިޕަލްޓީ ޖޫރިމަނާކުރައްވައި 15 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކެވުމަށް އެންގެވުމުން، މުއްދަތު އިތުރުކޮށްދެއްވުމަށް ހުށަހެޅުއްވުމުން މި މަހުގެ ނުވަ ވަނަ ދުވަހުގެ މުއްދަތު އިތުރުކޮށްދެއްވާފައިވާ ކަމަށެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން މުނިސިޕަލްޓީ ޖޫރިމަނާކުރެއްވީ މާލޭގައި އަލަށް ހަދާ ރޯމަސް މާރުކޭޓް އިމާރާތްކުރުމުގެ ގޮތުން ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކޮށް ހުށަހަޅުއްވަން ޖެހޭ ރިޕޯޓް (އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް) ހުށަނާޅުއްވައި މާލޭގެ އުތުރު ފަރާތު ފަޅުތެރެއިން ބައެއް ހިއްކުމުގެ ސަބަބުންނެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައި ވަނީ އެ ގާނޫނާ ނުވަތަ އެ ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާއި ކުރާ ކަންތައްތަކުގެ ތެރެއިން އާންމު ދިރިއުޅުމުގައި ދިމާވާ އާދައިގެ ކަންތައްތަކަށް ދެވޭ އަދަބަކީ އެކަމެއްގެ ކުޑަ ބޮޑުމިނަށް ބަލައި ފަސް ރުފިޔާ އާއި 500ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ކަމަށެވެ. އަދި ބޮޑެތި ކަންތައްތަކުގައި އެކަމެއްގެ ކުޑަބޮޑު މިނެއްގެ ނިސްބަތުން 100 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާ ހިލާފަށް ކ. ވިލިވަރު ހިއްކާފައިވާތީ އެ ރަށް ކުއްޔަށް ދެއްވި ފަރާތް، މއ. އަތަމާގޭ އިބްރާހީމް އަބްދުއްލަތީފު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރައްވާފައި ވެ އެވެ. ވިލިވަރު ޖޫރިމަނާ ކުރި ފައިސާ އަދި ވަނީ ނުދައްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ